ހަ ރަށެއްގައި އިރުގެ އަލިން ކަރަންޓު އުފެއްދުމުގެ ބިޔަ މަޝްރޫއެއް ފަށަން ސޮއިކޮށްފިއެވެ.
އެކްސަލަރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނުއުވަބަލް އެނާޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ދަށުން އައްޑޫ ސިޓީ ގުޅިފައިވާ ރަށްތައް ހިމެނޭގޮތަށް ހަ ރަށެއްގައި ޕަވާ ޕާޗޭސިން އެގްރީމަންޓުގެ ދަށުން 11 މެގަވޮޓްގެ ސޯލާ ޕީވީ ނިޒާމު ގާއިމުކުރުމަށް ހަވާލުކޮށްފައިވަނީ މެލޭޝިއާގެ މެގަ ފަސްޓް ޕަވާ އިންޑަސްޓްރީޒް އެސްޑީއެން ބަރްހާދް އަދި ޕަވާ ޗައިނާ ހުއަޑޮންގ އިންޖިނިއަރިން ކޯޕަރޭޝަން ޖޮއިންޓް ވެންޗާ އާ އެވެ. މިއީ ދިވެހިރާއްޖޭގައި މިހާތަނަށް އެއް ކޮންޓްރެކްޓެއްގެ ދަށުން އެއްމެ ގިނަ އަދަދަކަށް ސޯލާ ޕީވީ ނިޒާމު ގާއިމުކުރާ މަޝްރޫއެވެ.
މީރުމާ އިވެންޓުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިމްޕްލިމެންޓޭޝަން އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރަމަންޓު މިނިސްޓަރު އައިމިނަތު ޝައުނާއެވެ. މި އެއްބަސްވުމުގައި މެގަ ފަސްޓް ޕަވާ އިންޑަސްޓްރީޒް އެސްޑީއެން ބަރްހާދުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ހެޑް އޮފް ރިނިއުވަބަލްސް ޑިވިޝަން، ޗިން ސަން އެވެ. އަދި ޖޮއިންޓް ވެންޗާގައި ހިމެނޭ ޕަވާ ޗައިނާ ހުއަޑޮންގ އިންޖިނިއަރިން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ސޮންގް ކިންގ ގޯއެވެ.
މި އެއްބަސްވުމުގެ ދަށުން އުފައްދާ ކަރަންޓް ގަނެވިއްކުމަށް ހަދާ ޕަވާ ޕާޗޭސިން އެގްރީމެންޓްގައި ސޮއިކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެކުންފުނީގެ ޑިރެކްޓަރ އަހުމަދު އަޒްލީމެވެ. އަދި މެގަ ފަސްޓް ޕަވާ އިންޑަސްޓްރީޒް އެސްޑީއެން ބަރްހާދުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ހެޑް އޮފް ރިނިއުވަބަލްސް ޑިވިޝަން، ޗިން ސަންއެވެ. އަދި ޖޮއިންޓް ވެންޗާގައި ހިމެނޭ ޕަވާ ޗައިނާ ހުއަޑޮންގ އިންޖިނިއަރިން ކޯޕަރޭޝަން ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ސޮންގް ކިންގ ގޯއެވެ.
މި މަޝްރޫއަށް އެއްބާރުލުންދިނުމުގެ ގޮތުން ފެނަކަ ކޯޕަރޭޝަނާއި އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ދެމެދު ސޮއިކުރެވުނު ކޯޕަރޭޝަން އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަލީ މާޖިދެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު އަހުމަދު އަޒްލީމެވެ.
- އައްޑޫ ސިޓީ 03 މެގަވޮޓް
- ފުވައްމުލައް ސިޓީ 02 މެގަވޮޓް
- ގދ. ތިނަދޫ 02 މެގަވޮޓް
- ކުޅުދުއްފުށީ ސިޓީ 1.5 މެގަވޮޓް
- ބ. އޭދަފުށީ 1.5 މެގަވޮޓް
- ޅ. ހިންނަވަރު 01 މެގަވޮޓް
އެންވަޔަރަމަންޓު މިނިސްޓްރީން ބުނީ އެސްޕަޔާ މަޝްރޫއުގެ ދަށުން 11 މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމު ގާއިމުކުރުމަށް ހުޅުވާލި ފުރުސަތުގައި 34 ކުންފުންޏަކުން ވަނީ ޕްރީކޮލިފިކޭޝަން ހުށަހަޅާފައިވާ ކަމަށެވެ. އަދި ޕްރީކޮލިފިކޭޝަން ސްޓޭޖުން ޝަރުތު ހަމަވި ކުންފުނިތަކުގެ ތެރެއިން ބިޑް ހުށަހެޅީ ހަތަރު ކުންފުނިން ކަމަށާއި އަދި ބިޑް ހުށަހެޅި ކުންފުނިތަކުގެ ތެރެއިން ބީލަން ޝަރުތުތަކަށް ފުރިހަމައަށް ފެތޭ ބިޑުތަކުގެ ތެރެއިން ދައުލަތަށް ކަރަންޓް ވިއްކުމަށް އެންމެ ކުޑަ އަގެއް ހުށަހެޅީ މެގަ ފަސްޓް ޕަވާ އިންޑަސްޓްރީޒް އެސްޑީއެން ބަރްހާދް އަދި ޗައިނާގެ ޕަވާ ޗައިނާ ހުއަޑޮންގ އިންޖިނިއަރިން ކޯޕަރޭޝަންގެ ޖޮއިންޓް ވެންޗާ އިން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިއެއްބަސްވުމުގެ ދަށުން އުފައްދާ ކަރަންޓް ވިއްކުމަށް ހުށަހަޅާފައިވަނީ 15 އަހަރުގެ މުއްދަތަށް ޔުނިޓަކަށް 9.888 ޔޫއެސް ސެންޓުންނެވެ. މިއީ މިހާތަނަށް ރާއްޖޭގައި ޕަވާ ޕާޗޭސިން އެގްރީމެންޓުގެ ދަށުން ކަރަންޓުގެ ހިދުމަތްދޭ ކުންފުންޏަށް ސޯލާ ހަކަތައިން އުފައްދާ ކަރަންޓު ގަންނަން ލިބޭ އެންމެ ހެޔޮ އަގު ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި މިއީ އެވްރެޖްކޮށް ޑީސަލުން ކަރަންޓު އުފައްދާ އަގުގެ 50 ޕަސެންޓަށް ވުރެކުޑަ އަގެއް ކަމަށެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައެވެ. އަދި މަސައްކަތްތައް ނިންމައި ކަރަންޓު ފޯރުކޮށްދޭން ފަށާނީ 2023 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. މި މަޝްރޫއުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 18 މިލިއަން ޔުނިޓްގެ ކަރަންޓް އުފައްދާނެ ކަމަށާއި އޭގެ ސަބަބަނުން އަހަރަކު ކަރަންޓް އުފައްދަން ބޭނުންކުރާ ޑީސަލުން ގާތްގަނޑަކަށް 4.8 މިލިއަން ލީޓަރުގެ މަދުކުރެވި ޑީސަލް ގަންނަން ކުރާ ހޭދައިން 39 މިލިއަން ދިވެހިރުފިޔާ ކުޑަކުރެވޭނެ ކަމަށް އެންވަޔަރަމަންޓު މިނިސްޓްރީން ވަނީ ބުނެފަ އެވެ. ނަމަވެސް މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއި ގުޅިގެން ލީޓަރަކަށް 10 ރުފިޔާގެ ރޭޓުން ބަލާނަމަ ދައުލަތުން ތެލަށްކުރާ ހޭދައިން ގާތްގަނޑަކަށް އަހަރަކަށް 55 މިލިއަން ދިވެހިރުފިޔާ ސަލާމަތްކުރެވޭނެ ކަމަށާއި އަދި މި މަޝްރޫއުގެ ސަބަބުން އަހަރަކަށް 12،694 މެޓްރިކްޓަނުގެ ވިހަގޭސް މަދުކުރެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އެސްޕަޔަރ މަޝްރޫއުގެ އިތުރުން ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީން ހިންގާ އެރައިސް މަޝްރޫއިން ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސޯލާ ޕީވީގެ ނިޒާމާއި ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމުކުރުމަށް ވަނީ އިއުލާނުކޮށްފައެވެ. އެ ސަރަހައްދުތަކުގެ ތެރޭގައި ގއ. ވިލިނގިލި، ށ. ފުނަދޫ، ޅ. ނައިފަރު އަދި ލ.އަތޮޅުގެ ބައެއް ރަށްތައް ހިމެނެއެވެ.
މިނިސްޓްރީން ހިންގާ އެސްޕަޔަރ އަދި އެރައިސް މަޝްރޫއަކީ، ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރާއި މިކަމަށްކުރާ ހަރަދު ކުޑަކޮށް ދިވެހިރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ޕްރައިވެޓް އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ވޯލްޑް ބޭންކްގެ އެހީގައި ހިންގާ މަޝްރޫއެކެވެ. މިގޮތުން ޕްރައިވެޓް އިންވެސްޓްމަންޓްތައް ގެނައުމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައި، އިންވެސްޓްކުރުމަށް ފަސޭހަ މާހައުލެއް ގާއިމުކުރުމަށް މަސައްކަތް ކުރުމާއިއެކު މިކަމަށް ފުރުސަތުތައް ހުޅުވައިދިނުމާއި އަދި މިކަމާއި ގުޅޭ ތަމްރީން ދިނުން މި މަޝްރޫއުގައި ހިމެނޭ ކަމަށް އެންވަޔަރަމަންޓު މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު