ރާއްޖޭގައި ބާއްވާ ފުރަތަމަ ބާ އިމްތިހާނުގެ ފީގެ ގޮތުގައި 10,000 ރުފިޔާ ކަނޑައެޅުމަކީ ގިނަ ފަރާތްތަކަކަށް މާލީ ގޮތުން ބޮޑު ބުރަޔަކަށްވާނެ ކަމެއް ކަމަށް ބުނެ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ބާ ކައުންސިލްގެ އިމްތިހާނަކީ ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ އިމްތިހާނެކެވެ.

އެ ކައުންސިލުގެ ރައީސް މައުމޫން ހަމީދު ވަކީލުންނަށް ފޮނުއްވި އީމެއިލެއްގައި ވިދާޅުވެފައިވާ ގޮތުން, އިމްތިހާނަށް އަގު ކަނޑައެޅުމުގައި އެ އިމްތިހާން ތަރައްގީކުރުމަށް ދިޔަ ހަރަދާއި ބޭރުގެ އެހެން ގައުމުތަކުގައި އަމަލުކުރާ ގޮތަށް ވަނީ ބަލައިފައެވެ. ނަމަވެސް އެ އަގު ބޮޑުވެގެން ބައެއް ވަކީލުން އަންނަނީ ޝަކުވާ ކުރަމުންނެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން އެމްއެންޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ, 27 ޖޫން 2019 ގައި ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އަމަލުކުރަން ފެށިފަހުން ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށް، ގާނޫނީ ވަކީލުކަން ކުރުމުގެ ދާއިމީ ހުއްދަ ނުލިބޭ މީހުންގެ އަދަދު 500 އާ ގާތްކުރާ ކަމަށެވެ.

އެ ފަރާތްތަކަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ހޯދުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ ތަމްރީނާއި ބާ އިމްތިހާނު ފުރިހަމަކުރުމުގައި ދިމާވެފައިވާ ދަތިތައް ކަމަށްވާއިރު، އެކަމަށް އަވަސް ހައްލުތަކެއް ހޯދުމަށް އެޕާޓީން ވަނީ ގޮވާލައިފައެވެ.

އެމްއެންޕީން ބުނި ގޮތުގައި, ބާ އިމްތިހާން ފުރިހަމަކުރުމަށް 10,000 ރުފިޔާގެ ފީއެއް ކަނޑައެޅުމަކީ އެންމެ އިންސާފުވެރި ނިންމުމެއް ނޫނެވެ. އަދި ގާނޫނީ ވަކީލުކަމުގެ ދާއިމީ ހުއްދަ ނުލިބި ތިބި ގިނަ މީހުންނަކީ ލޯނު ނަގައިގެން ތައުލީމު ފުރިހަމަކޮށްފައިވާ މީހުންނަށްވާ އިރު, ފައިސާ ދެއްކުމަށް އެކަށީގެންވާ މުއްދަތެއް ދިނުން މުހިންމު ކަމަށްވެސް ބުންޏެވެ.

"ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ ފުރަތަމަ ބާ އިންތިހާބު މޭ/ ޖޫން 2022 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިފަދަ ބޮޑު އަދަދެއް އިމްތިހާނުގެ ފީއެއްގެ ގޮތުގައި ކުއްލި ގޮތެއްގައި ދެއްކުމަކީ ގިނަ ފަރާތްތަކަކަށް މާލީގޮތުން ބޮޑު ބުރަޔަކަށް ވާނެކަމެއް ކަމަށް މިޕާޓީން ދެކެމެވެ," އެމްއެންޕީގެ ބަޔާނުގައިވެއެވެ.

އެޕާޓީން އިތުރަށް ބުނީ, ގާނޫނީ ވަކީލުކަން ކުރުމުގެ ދާއިމީ ހުއްދަ ނުލިބޭ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ ބާ އިންތިހާނު ފުރިހަމަކުރުމަށް މިހާރު ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށްޓަކައި ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށްގެން އެކަށީގެންވާ ހައްލެއް ހޯދުމުގެ މަސައްކަތް އެޕާޓީން ކުރަމުން އަންނަ ކަމަށެވެ. އޭގެ އިތުރުން އެ މައްސަލައަށް ހައްލެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅުންހުރި ކޮމިޓީ މެދުވެރިކޮށް ކުރެވިދާނެ ކަންކަން ދެނެގަނެ، ރައްޔިތުންގެ މަޖިލީހަށް މިއަދު މި މައްސަލަ ހުށަހަޅާފައިވާ ކަމަށްވެސް ބުންޏެވެ.

އެމްއެންޕީން ބުނީ, ގާނޫނީ ފަންނުގެ ގާނޫނުން ބާ ކައުންސިލާ ގާނޫނީގޮތުން ބޮޑެތި ޒިންމާތަކެއް ހަވާލުކޮށްފައިވާ އިރު, އެ ޒިންމާތައް އަދާކުރުމަށް އެކައުންސިލަށްވެސް އެކަށީގެންވާ ބަޖެޓެއް މުހިންމު ކަމަށެވެ. އަދި އެ ކައުންސިލުން އަދާކުރަން ޖެހޭ ޒިންމާތައް އަދާކުރުމަށް އެކަށީގެންވާ ބަޖެޓެއް ހަމަޖެހިފައި ނެތުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް ބުންޏެވެ.