ރައްޔިތުންގެ މަޖިލިސް

ގަމު ރީޖަނަލް ހޮސްޕިޓަލްގެ ހިންގުން ހަރުދަނާކުރުމަށް ގޮވާލައި މަޖިލީހުގައި ބަހުސް ފަށައިފި

އިބްރާހިމް ޒަކީ

ލ.ގަމު ރީޖަނަލް ހޮސްޕިޓަލަށް ކުރިމަތިވެފައިވާ މައްސަލަތައް ދެނެގަނެ، ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ހިންގުން ހަރުދަނާކޮށް، އެ މައްސަލަތައް ވީހާ އަވަހަށް ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހަޅައި ބަހުސް ފަށައިފިއެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ، ޕީއެންސީގެ ނާއިބުރައީސް މާވަށު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ސައީދެވެ.

މި މައްސަލައަށް ބަހުސް ކުރަން ފާސްކުރީ މަޖިލީހުގައި މެޖޯރިޓީ އޮންނަ ސަރުކާރުގެ މައިޕާޓީ އެމްޑީޕީގެ މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން މެންބަރު ސައީދު ވިދާޅުވީ، ގަމު ރީޖަނަލް ހޮސްޕިޓަލަކީ، ލ.މާވަށް، ކުނަހަންދޫ، ހިތަދޫ، ގެ އިތުރުން އެހެން ރަށްރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލެއް ކަމަށެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލަކީ ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމަށް ސަރުކާރުން ވައުދުވެފައިވާ ހޮސްޕިޓަލެއް ކަމަށްވެސް ވިދާޅުވިއެވެ. މި ސަރުކާރުން ގެނައި ބަދަލާއެކު އެ ހޮސްޕިޓަލް ހިންގުމަށްޓަކައި ވަކި ބޯޑެއް ސަރުކާރުން ކަނޑައަޅައި އެ ބޯޑުގެ ދަށަށް ލ. އަތޮޅުގެ 10 ރަށުގައިހުރި ސިއްހީ މަރުކަޒުތަކާއި، އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން ބަދަލުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެ ހޮސްޕިޓަލުންދޭ ހިދުމަތްތަކުގެ ފެންވަރު ދުވަހުން ދުވަހަށް ދަށްވަމުންދާކަމުގެ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށާއި، ހޮސްޕިޓަލްގައި ޓާޝަރީ ފެންވަރަށް ވަސީލަތްތައް ގާއިމް ނުކުރެވި، ބަލި މީހުންގެ ފުރާނައަށް ނުރައްކާވާފަދަ ގިނަ ހާދިސާތަކެއް، ފަރުވާކުޑަ ވުމާއި، ހިންގުމުގެ ދޯދިޔާކަމުން ހިނގާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ކޮންމެހެން ޑޮކްޓަރުން ތިބެންޖެހޭ މުހިއްމު ބަލިތަކަށް އެ ހޮސްޕިޓަލުގައި ޑޮކްޓަރުން ނެތުމާއި ޓެސްޓްތައް ހެދެން ނެތުމާއި، ވަސީލަތްތަކާއި އިމާރާތް ވެސް މަރާމާތު ނުކުރެވި ހަލާކުވަމުންދާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ. އަދި އެ ހޮސްޕިޓަލުގެ ބޯޑުގެ ދަށަށް ބަދަލު ކުރެވިފައިވާ މުވައްޒިފުންގެ ކަންކަން ވެސް ނުބެލެހެއްޓި ހޮސްޕިޓަލުން ދެމުންދާ ހިދުމަތުގެ ފެންވަރު ދުވަހުން ދުވަހަށް ދަށްވަމުންދާތީ، ގަމު ރީޖަނަލް ހޮސްޕިޓަލަށް ކުރިމަތިވެފައިވާ މައްސަލަތައް ދެނެގަނެ، ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ހިންގުން ހަރުދަނާކޮށް، މި މައްސަލަތައް ވީހާވެސް އަވަހަށް ހައްލުކޮށްދިނުމަށް މި މައްސަލައިގައި ސައީދު ވަނީ ސަރުކާރަށް ގޮވާލައިފައެވެ.