ޚަބަރު

އެމްޑީޕީގައި ފައިސާގެ މައްސަލައެއް، އެފައިސާ ހަރަދުކުރީ ރައީސް ނަޝީދުގެ ޕްރޮމޯޝަނަށް: ރީކޯ މޫސަ

އަލީ ޔާމިން

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ އެތެރޭގައި އުޅެނީ ފައިސާގެ މައްސަލައެއް ކަމަށާއި އެ ޕާޓީން، އެޕާޓީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭރުވާން ޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި މޫސަ ރޭ ވިދާޅުވީ، އެމްޑީޕީއަކީ ރައީސް ނަޝީދުގެ އެކަނި ޕާޓީއެއްކަމަށް ދައްކަން އުޅުނަސް އެކަމެއް ނުވާނެ ކަމަށާއި އެމްޑީޕީއަކީ އެތައް ބައެއްގެ ގުރުބާނީ ކަމަށެވެ.

މޫސަ ވިދާޅުވީ، އެމްޑީޕީއަށް ވަރަށް އިހްލާސްތެރި މަސައްކަތްތަކެއް ކޮށްދިން ވަރަށް ސީނިއާ ބޭފުޅުން ޕާޓީން ބޭރުކޮށްލާފައިވާ އެބޭފުޅުންނަށް ފެނިވަޑައިގަތް މަންޒަރު ނަޝީދަށްވެސް ފެނިވަޑައިގަންނަވަން ޖެހޭ ކަމަށެވެ.

"ނަޝީދު ޖެހޭ އެމްޑީޕީން ބޭރުވާން" މޫސަ ވިދާޅުވިއެވެ.

އެމްޑީޕީއަށް އިންތިހާބުތަކާ ދިމާކޮށް މިލިއަނުން ފައިސާ ލިބުންކަން ފާހަގަކުރައްވައި މޫސަ ވިދާޅުވީ، އެފައިސާއަށް ވާގޮތެއް ޕާޓީގެ އާންމު މެންބަރުންނަށް ނޭނގޭ ކަމަށެވެ. އަދި އެ ފައިސާގެ ބޮޑު ބައެއް ހޭދަކުރަނީ ރައީސް ނަޝީދުގެ ޕްރޮމޯޝަނަށް ކަމަށް މޫސަ ތުހުމަތުކުރެއްވިއެވެ.

"އެމްޑީޕީގެ އެތެރޭގައި ހަގީގަތުގައި މިއުޅެނީ ފައިސާގެ މައްސަލައެއް. ރަނގަޅު އޮޑިޓެއް ހައްދަވައިފިނަމަ އެކަން ސާފުވާނެ" މޫސަ ވިދާޅުވިއެވެ.

މޫސަ އިތުރަށް ވިދާޅުވީ، ރައީސް ނަޝީދާ ނުލައިވެސް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ނުލައިވެސް ހިންގޭ ޕާޓީއަކަށް އެމްޑީޕީ ވާން ޖެހޭ ކަމަށެވެ.