ޚަބަރު

ރަޝިއާގެ ގައުމީ އެއާލައިންގެ ދަތުރުތައް އަންނަ މަހު ރާއްޖެއަށް ފަށަނީ

އަލީ ޔާމިން

ރަޝިއާގެ ގައުމީ އެއާލައިން، އެއިރޯފްލޮޓްގެ ދަތުރުތައް އަންނަ މަހު ރާއްޖެއަށް ފަށަން ތައްޔާރުވާން ފަށައިފިއެވެ.

ރަޝިއާއިން ޔޫކްރޭނުގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެއިރޯފްލޮޓްގެ އިންޓަނޭޝަނަލް ދަތުރުތައް މެދުކަނޑައިލުމަށްފަހު، އަންނަ މަހުން ފެށިގެން އަލުން ދަތުރުތައް ފަށަން އެ އެއާލައިނުން ވަނީ ނިންމައިފައެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެއިރޯފްލޮޓްގެ ސީދާ ދަތުރުތައް ރާއްޖެއަށް ބޭއްވުމަށްޓަކައި ފުރިހަމަ ކުރަން ޖެހޭ ބައެއް ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް "ވަން" އަށް މިރޭ ވިދާޅުވީ، އެއްވެސް ގައުމެއްގެ އެއާލައިނަކަށް ރާއްޖެ އައުމަކަށް ހުރަހެއް ނެތް ކަމަށާއި ރާއްޖެއިން ހުރިހާ ގައުމެއްގެ ފަތުރުވެރިންނަށްވެސް މަރުހަބާ ކިޔާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، އެއިރޯފްލޮޓްގެ ދަތުރުތައް ވީހާވެސް އަވަހަކަށް ރާއްޖެއަށް ފެށުމަކީ ބޭނުންތެރިކަމެއް ކަމަށެވެ.

"އެހެން ބައެއް އެއާލައިންތަކުން ރަޝިއާގެ ފަތުރުވެރިންނަށް އެހާ ފައްސެއް ނޫން ރާއްޖެ އަންނާކަށް. އެބަހުރި އުނދަގޫތަކެއް. އެހެންކަމުން ރަޝިއާގެ ސީދާ ދަތުރުތައް ރާއްޖެއަށް ކުރުމަކީ މިހާރުން މިހާރަށްވެސް ބޭނުންތެރިކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރަޝިޔާ-ޔޫކްރޭން ހަނގުރާމައާ ގުޅިގެން ޔޫކްރޭނުގެ މާކެޓު އެއްކޮށް ބަންދުވެފައިވާ ކަމަށެވެ. އަދި ރަޝިއާގެ ފަތުރުވެރިންގެ އަދަދުވެސް ބޮޑުތަނުން ދަށަށް ގޮސް، އޭގެ އަސަރު މުޅި ފަތުރުވެރިކަމުގެ ސިނާއަތަށް ކުރަމުންދާ ކަމަށެވެ.

ރަޝިއާގެ ގައުމީ އެއާލައިންގެ ދަތުރުތައް މުޅި ދުނިޔެއަށް ވަގުތީގޮތުން ހުއްޓާލީ ރަޝިޔާ އިން ޔޫކްރޭންއަށް ހަމަލާ ދިނުމުގެ ސަބަބުން އެ ގައުމަށް، ދުނިޔޭގެ ގައުމުތަކުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ގައުމީ އެއާލައިނުން ކުއްޔަށް ނަގާފައިވާ އެހެން ކުންފުނިތަކުގެ ބޯޓުތައް ދޫކޮށްލަން ޖެހުމުންނެވެ.