ރާއްޖޭގެ ހުރިހާ ރަށެއްގެ ބަނދަރުމަތީގައި ހިޔަލަކާއި އާންމު ފާހާނާއެއް ހުރުމަކީ ރައީސް ބޭނުންފުޅުވާ ކަމެއް ކަމަށާއި އެކަން އެމްޓީސީސީން ކުރާނެ ކަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ މީދޫ ބަނދަރު ރަސްމީގޮތުން ހުޅުވުމަށް މީދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަަވަމުން އާޒިމް ވިދާޅުވީ އެމްޓީސީސީން ކުރިއަށް ގެންދާ ކޮންމެ މަޝްރޫއަކީވެސް ރައީސް ސޯލިހުގެ ވައުދެއް ކަމަށާއި އެ ވައުދުތައް ފުއްދުމަށް އެމްޓީސީސީން ރެއާއި ދުވާލު ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ.
އާޒިމް ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގެ ބަނދަރުމަތީގައި ދަތުރުވެރިންނަށް ހާއްސަ ހިޔަލެއް ހުންނަން ޖެހޭ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވާތީ އެމްޓީސީސީން އެ މަޝްރޫއުތައް ފަށައިގެން ކުރިއަށް ގެންދާ ކަމަށާއި ރައީސް ސޯލިހުގެ ދައުރު ނިމުމުގެ ކުރިން ރާއްޖޭގެ 180 ރަށުގައި އެފަދަ ހިޔާ އަޅައިދޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ވަރުބަލިވުމެއް ނެތި ރައީސްގެ ހުރިހާ ވައުދެއް، އަޅުގަނޑުމެން މިކީ ހުރިހާ މަސައްކަތެއް (އެމްޓީސީސީން މިވަގުތު ފަށައިގެން ކުރިއަށް ގެންދާ މަޝްރޫއުތައް) އިރާދަކުރެއްވިއްޔާ ރައީސްގެ ދައުރުތެރޭގައި ނިންމައިދޭނަން،" އާޒިމް ވިދާޅުވިއެވެ.
ރަށްތަކުގެ ބަނދަރުމަތީގައި އާއްމު ފާހާނާއެއް ނެތުމުން ދަތުރުވެރިންނަށް އޭގެ ދަތިކަމާ ކުރިމަތިލާން ޖެހޭ ކަމަށާއި އެކަމަކީ މިހާތަނަށް ރާއްޖޭގެ ވެރިކަން ކުރި އެއްވެސް ވެރިއަކު ނުވަތަ ރަސްކަލަކުވެސް ކޮށްދީފައި ނުވާ ކަމެއް ކަމަަށެވެ. ނަމަވެސް ދަތުރުވެރިންގެ ހިޔާ މަޝްރޫއުތައް ނިމިގެން ދާއިރު އާއްމު ފާހާނަތައްވެސް ގާއިމުކުރާނެ ކަމުގެ ޔަގީންކަން އާޒިމް ވަނީ ރައީސް ސޯލިހުގެ ދެކަނބަލުންނަށް މިއަދު ދެއްވައިފައެވެ.
އެމްޓީސީސީ އިން ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ އެކުންފުނީގެ މަޝްރޫއެއް ކުރިއަށް ނުދާ ރަށެއް ރާއްޖޭގައި ނޯންނާނެ ކަމަށެވެ. އަދި މިހާތަނަށް 98 މަޝްރޫއެއްގެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު 103 މަޝްރޫއެއްގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
"ރައީސްގެ އިރުޝާދާ އެކު އަޅުގަނޑުމެންނަށް ޔަގީންވޭ މީގެން ކޮންމެ ކަމަކީވެސް ހާސިލުކުރެވޭ ކަމެއް ކަމާއި ރައީސުލްޖުމްހޫރިއްޔާ އަކު ގައުމެއް ތަރައްގީ ކުރަން އަތުކުރި އޮޅާލައިފިއްޔާ އެއީ ވާނެ ކަމެއް ކަން އަޅުގަނޑުމެންނަށް މިދަނީ ސާބިތުވެ ފެންނަމުން،" އާޒިމް ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ މަޝްރޫއުތަކުގެ އަގަށް ބަލާއިރު ނިމިފައި ހުރި މަޝްރޫއުތަކުގެ އަގު 3.5 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށެވެ. އަދި މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ އަގު ހަ ބިލިއަން ރުފިޔާ އަށް އަރާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު