ޚަބަރު

މިދިޔަ މަހު 235 މައްސަލަ ހުށަހެޅި، އެންމެ ގިނައީ ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަ: ޖެންޑާ

ރިފާ ހަލީލު

ޖެންޑާ މިނިސްޓްރީ އަށް މިދިޔަ ފެބުރުއަރީ މަހުގައި ޖުމުލަ 235 މައްސަލައެއް ހުށަހަޅާފައިވާއިރު އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ މައްސަލަތައް ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ކުޑަކުދިންނަށް އެކި ބާވަތުގެ އަނިޔާ ކޮށްގެން، 106 މައްސަލައެއް ހުސްވި ފެބުރުއަރީ މަހު އެކަނިވެސް ވަނީ އެ މިނިސްޓްރީ އަށް ހުށަހަޅައިފަ އެވެ. މި މައްސަލަތަކުގެ ތެރެއިންވެސް އެންމެ ގިނައިން ހުށަހަޅާފައިވަނީ އިހުމާލުގެ މައްސަލަތަކެވެ. އެގޮތުން އިހުމާލުގެ 28މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހަޅާފައިވާކަން ތަފާސްހިސާބުތަކުން ދައްކަ އެވެ.

އޭގެ އިތުރުން ޖިންސީ ހާނިއްކައިގެ 23 މައްސަލަ އަކާއި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 23 މައްސަލަ އާއި ޖިސްމާނީ ހާނިއްކައިގެ 16 މައްސަލަ އާއި ނަފްސާނީ ހާނިއްކައިގެ ހަ މައްސަލަ އާއި އެހެން ކުދިންގެ ފަރާތުން ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ފަސް މައްސަލަ އާއި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ހަތަރު މައްސަލައިގެ އިތުރުން އެހެންކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ އެއް މައްސަލަ ހުށަހަޅާފައިވާކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ދެން އެންމެ ގިނައިން ހުށަހަޅާފައިވަނީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލައެވެ. އެގޮތުން އެފަދަ 58 މައްސަލަ އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. އަދި މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާކުރުމުގެ 25 މައްސަލަ ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިބާވަތުގެ މައްސަލަތަކުގެ އިތުރުން ނަފްސާނީ އަނިޔާކުރުމާއި އަނގަބަހުންކުރެވޭ އަނިޔާކުރުމުގެ 24 މައްސަލަ އަކާއި މާލީ/އިގުތިސާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ ހަތަރު މައްސަލަ އާއި ބިރުދެއްކުމުގެ ދެ މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ މައްސަލަ އަކާއި ފާރަލުމުގެ މައްސަލައެއްގެ އިތުރުން އިހުމާލުގެ އެއް މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.