ރޫސީ ސިފައިން ޔުކްރޭނަށް އެރިތާ އެއްމަހަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. ހަނގުރާމައިގެ ކޮޅެއް މެދެެއް ނުފެނެއެވެ. އެހެންނަމަވެސް ހަނގުރާމަޔަށް ނިމުން ގެންނަން ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިން ކޮންމެވެސް ތާރީޚެއް ކަނޑައަޅުއްވައި އެކަން ރޫސީ ސިފައިންގެ ކޮމާންޑަރުންނަށް އަންގަވާފައިވާ ކަމުގެ އަޑުތައް މިހަފުތާގައި ވަނީ ގަދަވެފައެވެ. ޖާސޫސީ މައުލޫމާތުގެ މައްޗަށް ބުރަވެތިބެގެން ހުޅަނގުގެ ގައުމުތަކާއި އަދި ޔުކްރޭނުންވެސް ބުނަމުންދަނީ ހަނގުރާމައިން ކާމިޔާބު ލިބިއްޖެކަމާއި މަގްސަދުތައް ހާސިލްވެއްޖެކަން އިއުލާން ކުރުމާއެކު ހަނގުރާމަޔަށް ރަސްމީ ނިމުމެއް ގެންނަން ރައީސް ޕުޓިން ނިންމަވާފައިވާ ތާރީޚަކީ މެއި މަހުގެ ނުވަވަނަ ދުވަސްކަމުގައެވެ. އެ ދުވަސް އަންނަން އަދި ދޮޅުމަސް އެބައޮތެވެ.
ހަނގުރާމަޔަށް ރަސްމީ ނިމުމެއް ގެންނަން ކަނޑައަޅާފައިވާ ދުވަހަކީ މެއިމަހުގެ ނުވަވަނަ ދުވަސް ކަމަށް ވަންޏާ އެދުވަސް އިޚުތިޔާރު ކުރުމުގެ ސަބަބަކީ ކޮބައިބާވައެވެ. އެދުވަސް ޚާއްސަވާ ސަބަބަކީ ކޮބައިބާވައެވެ. ކޮންމެ އަހަރެެއްގެވެސް މެއި ނުވަ ވަނަ ދުވަހަކީ ރަޝިޔާގައި ނަސްރުގެ ދުވަހެވެ. ނަސްރުގެ ދުވަހަކީ ހުރިހައި ދުވަހަކަށްވުރެ ރަޝިޔާގައި ކުލަގަދަކޮށް ފާހަގަކުރާ ދުވަހެކެވެ. އެއީ ދެވަނަ ބޮޑު ހަނގުރާމައިގައި ޖާމަނީގެ މައްޗަށް ރަޝިޔާއިން ކުރިހޯދައި ޖާމަނީގެ ވެރިރަށް ބާލިން ރޫސީ ސިފައިން ހިފި ދުވަހެވެ. ކާމިޔާބީ އިއުލާންކުރި ދުވަހެވެ. އެހަނގުރާމައިގައި ރަޝިޔާ ޝާމިލްވީ 1941 ވަނަ އަހަރުން ފެށިގެން 1945 ވަނަ އަހަރު ހަނގުރާމަ ނިމެންދެނެވެ. ހަނގުރާމަ ފެށުނީ 1939 ވަނަ އަހަރު ކަމަށްވިޔަސް ފުރަތަމަ ދެ އަހަރު ރަޝިޔާގެ ބައިވެރިވުމެއް ނެތެވެ.
ނަސްރުގެ ދުވަހަކީ ބޮޑު ހަނގުރާމައިގެ ފަހުން އަބަދުވެސް ފާހަގަކުރަމުން އަންނަ ދުވަހަކަށްވިޔަސް ރައީސް ލަޑީމިއަރ ޕުޓިންގެ ވެރިކަމުގައި މިދުވަހުގެ ކުލަ ކުރިޔަށްވުރެ މާބޮޑަށްވެސް ވަނީ ގަދަކުރެވިފައެވެ. ޚާއްސަކޮށް ހުސްވި 2021 ވަނަ އަހަރު މިދުވަހުގެ ހަރަކާތްތައް ގިނަވެފައި ވަރުގަދައެވެ. ދުނިޔޭގެ އެއްވެސް ގައުމެއްގައި އެއްވެސް ދުވަހެއް ފާހަގަކުރަން ނުހިންގާވަރުގެ ނުވަތަ ނުބާއްވާވަރުގެ އަސްކަރީ ޕެރޭޑެއް ހުސްވި އަހަރުގެ މެއި ނުވަވަނަ ދުވަހު ވެރިރަށް މޮސްކޯގެ ރަތްމައިދާނުގައި ވަނީ ބާއްވައިފައެވެ. މި ޕެރޭޑުގައި ސިފައިންގެ ތެރެއިން ބާރަހާސް މީހުން ބައިވެރިވިއެވެ. ހަނގުރާމައިގެ އެންމެ ޒަމާނީ ޖެޓްތަކުގެ ތެރެއިން ބޮޑު ހަނގުރާމަޔަށް ފަހު މިހާތަނަށް ފާއިތުވެގެން ދިޔަ ކޮންމެ އަހަރެއް ތަމްސީލުވާ އަދަދަކުން ޖެޓުތައް ބައިވެރިކުރިއެވެ. ރަޝިޔާގެ އެންމެ ޒަމާނީ ހަތިޔާރުތައް ދައްކައިލިއެވެ.
ނަސްރުގެ ދުވަސް އެހެންޏާ ފާހަގަ ނުކުރާ ބީދަޔަކުން މާވަރުގަދަޔަށް މިދިޔަ އަހަރު ފާހަގަ ކުރުމުގެ ފަހަތުގައި ސަބަބެއް ނުވަތަ ސަބަބުތަކެއް ހުރެދާނެއެވެ. އެންމެ ބޮޑު ސަބަބަކީ އޭރުވެސް ޔުކްރޭނަށް އަރައިގަތުމުގެ ރޭވުމެއް އޮވެފައި އެރޭވުން ތަންފީޒުކޮށް ނިންމަން ޚިޔާލުކޮށްފައިވާ ތާރީޚަކީ އެއީ ކަމަށްވުން ވަރަށް ގާތެވެ. ޔުކްރޭނުގެ އިމާއި ގާތަށް ރޫސީ ސިފައިންނާއި ހަތިޔާރުތައް ޖަމާކުރަންފެށީ ހުސްވި އަހަރުގެ އޮކްޓޫބަރުހާތާގައެވެ. މަސްރަހު ހޫނުވަމުން ހޫނުވަމުން އައިސް އެންމެފަހުން ޔުކްރޭނަށް އަރައިގަތީ މިއަހަރުގެ ފެބްރުއަރީ ސައުވީސްވަނަ ދުވަހުއެވެ. އޭގެފަހުން އެއްމަހާއި ހަފުތާއެއް ފާއިތުވެގެން ދިޔައީއެވެ. މި މުއްދަތުގެ ތެރޭގައި އަސްކަރީގޮތުންވެސް އަދި ސިޔާސީގޮތުންވެސް ރަޝިޔާއަށް ކުރިމަތި ވަމުންދަނީ ހީނުކުރާކަހަލަ ކަންކަމެވެ.
ރަޝިޔާގެ މަގްސަދުތަކުގެ ތެރޭގައި ޔުކްރޭނުގެ ވެރިރަށް ކިއެވް ހިފައި ރައީސް ލޮޑޮމީރް ޒެލެންސްކީގެ ސަރުކާރު ބަދަލުކުރުން ހިމެނެއެވެ. މިއީ ސިއްރުކޮށްފައި އޮތް ކަމެއް ނޫނެވެ. މިއީ ހަމަ ފާޅުގައި ބުނަމުން އައި ވާހަކައެކެވެ. އެކަމަކު އެކަމެއް ނުކުރެވުނެވެ. ޔުކްރޭނުގެ ބޮޑެތި ސިޓީތަކުގެ ތެރެއިން ރަޝިޔާއަށް ހިފުނީ އެންމެ ސިޓީއެކެވެ. އެ ސިޓީގައިވެސް ރޫސީ ލަޝްކަރަށް ހަމަޖެހިލައިގެން ތިބުމުގެ ފުރުސަތެއް ނެތެވެ. ރަޝިޔާގެ ސިފައިންގެ ތެރެއިން އެތައް ހާސްބަޔަކު މަރުވެެއްޖެއެވެ. އޭގެތެރޭގައި ސިފައިންގެ އެންމެ ސީނިއަރ އޮފިސަރުންގެ ތެރެެއިން ދިހަބާރަ އޮފިސަރަކުވެސް ހިމެނެއެވެ. ރަޝިޔާގެ ރޭވުންތައް ހިމެނޭ އިލެކްޓޯނިކް ނިޒާމުތަކެއްވެސް ޔުކްރޭނުގެ ސިފައިންގެ އަތަށް ވަނީ އަރައިފައެވެ. މިހެންގޮސް އަދިވެސް ކިތަންމެ ކަމެކެވެ.
ހަނގުރާމައިގެ މައިދާނުން ފެންނަ މަންޒަރުތައް ބަޔާން މިކުރެވުނީއެވެ. ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުންނާއި އަސްކަރީގޮތުން އަދާކުރަން ޖެހުނު އަގު ކިތަންމެހާވެސް ބޮޑެވެ. އެހެންވީމާ ރައީސް ޕުޓިން ބޭނުންފުޅުވަނީ މި ދަންތުރައިން ނެއްޓިގަނެވޭނޭ ކޮންމެވެސް މަގެކެވެ. ކާމިޔާބުވިޔަސް ނުވިޔަސް، މަގްސަދު ހާސިލް ވިޔަސް ނުވިޔަސް ދަންތުރައިން ނެއްޓިގަތުމުގެ މުހިއްމުކަން ވަރަށް ބޮޑެވެ. އެހެންވީމާ ގަބޫލުކުރެވެނީ މެއި ނުވަވަނަ ދުވަހު ކޮންމެވެސް ބޮޑު ވާހަކައެެއް އިއުލާނުކޮށްފައި ހަނގުރާމަޔަށް ނިމުން ގެނައުމަށް ބޭނުންކަމެވެ. ހަނގުރާމައިގެ ފުރަތަމަ ފިޔަވަހި ނިމުނީއޭ ދެން އޮތީ ޑޮންބާސް ސަރަހައްދު ރައްކާތެރިކުރުމަށް ފޯކަސް ކުރުމުގެ ފިޔަވައްސޭ އެބުނަނީ މިވިސްނުމުގެ ތެރެއިން ކަމަށް ވަރަށް ބޮޑަށް ހީކުރެވެއެވެ.