ރާއްޖެއަށް އެތެރެކުރާ ބައެއް އަސާސީ ބާވަތްތަކުގެ ސަޕްލައިއާ ގުޅޭ މަޝްވަރާއަކަށް އެމްޕީއެލްގެ ސީނިއާ މެނޭޖްމަންޓުގެ ވަފުދެއް، އިންޑިއާގެ ޓޮޓިންކުރިއަށް ގޮސްފިއެވެ.

އިންޑިއާއަށް މިދިޔަ ބުރާސްފަތި ދުވަހު ދިޔަ ވަފުދުގައި އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ އިބްރާހީމް އަބްދުﷲ އާއި ކާގޯ ކްލިއަރެންސް ޑިޕާޓުމަންޓުގެ ހެޑް ތޮލްހަތު ސައީދާއި ޗީފް އޮޕަރޭޝަންސް އޮފިސަރު މުހައްމަދު މަސީހު އަބްދުއްސައްތާރު އަދި ބިޒްނަސް ޑިވެލޮޕްމަންޓު އެންޑް ޕީއާރް ޑިޕާޓުމަންޓުގެ ހެޑް މުހައްމަދު އަމީޒު ހިމެނެއެވެ.

އެމްޕީއެލުން ބުނީ، އެ ދަތުރުގައި ކުރު މުއްދަތެއްގެ ތެރޭ ހަލާކުވާ ޒާތުގެ ގިނަ މުދާ ރާއްޖެއަށް ފޮނުވާ އެސޯސިއޭޝަނެއް ކަމަށްވާ، ކޯސްޓަލް މެކަނައިޒްޑް ސެއިލިން ވެސަލް އޯނާސް އެސޯސިއޭޝަނާ ޓީމުން ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި ރާއްޖެއަށް މުދާ ގެންނަ އުޅަނދުތަކުގެ ވެރިންނާއި އޭޖެންޓުންނާ އެކު މުހިންމު މަޝްވަރާތަކެއް ކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

އޭގެ އިތުރުން އެ ބައްދަލުވުމުގައި ރާއްޖެއަށް ޓޮޓިންކުރިން އެތެރެކުރާ ބާވަތްތައް ހުއްޓުމަކާ ނުލައި އަންނަ ރޯދަމަހު ސަޕްލައިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރި ކަމަށް އެ ކުންފުނިން ބުންޏެވެ.