މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)އަށް ލިބޭ އާމްދަނީއަށް ވުރެ، ހޭދަވާ ހަރަދުކުޑަ އަރަނި ބަޖެޓެއް ފާސްކޮށްފިއެވެ.
ފާއިތުވި ދެ އަހަރު އޮންލައިންކޮށް އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ފަހު އޮލިމްޕިކް ކޮމިޓީން މި ފަހަރުގެ ޖަލްސާ ބާއްވާފައިވަނީ ހ. މީރުމާ، ކީރަންމާ މާލަމުގައެވެ. އިއްޔެ ބޭއްވި އަހަރީ އާންމު ޖަލްސާގައި އޮލިމްޕިކް ކޮމިޓީން ފާސްކުރި ބަޖެޓުގައި އާމްދަނީގެ ގޮތުގައި ހިމަނާފައިވަނީ 50 މިލިއަން ރުފިޔާއެވެ. ހިނގާނެ ހަރަދެއްގެ ގޮތުގައި އަންދާޒާ ކޮށްފައި ވަނީ 47 މިލިއަން ރުފިޔާއެވެ.
އިއްޔެ ބޭއްވި އާންމު ޖަލްސާގައި މިއަހަރު ރާއްޖޭން ވާދަކުރާނެ ގޭމްސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޗިލްޑްރެން އޮފް އޭޝިއަން ގޭމްސް، ކޮމަންވެލްތު ގޭމްސް، އިސްލާމިކް ސޮލިޑާރިޓީ ގޭމްސް، އޭޝިއަން ގޭމްސް އަދި އޭޝިއަން ޔޫތު ގޭމްސްއެވެ.
އިއްޔެ ބޭއްވި އާންމު ޖަލްސާއަށްފަހު އޮލިމްޕިކް ކޮމިޓީން ވަނީ ނޫސްވެރިންނާ ބައްދަލުކޮށްފައެވެ. އޮލިމްޕިކްސް ކޮމިޓީން ބުނީ ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑުބައެއް ހިނގަނީ ގޭމްސްތަކަށް ކަމަށާއި ގާތްގަނޑަކަށް ޖުމުލަ އެކުގައި 36 މިލިއަން ރުފިޔާ ވަރު ގޭމްސްއަށް ހަރަދުވާނެ ކަމަށެވެ.
އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުލް ސައްތާރު ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ކުޅިވަރަށް އައި ހުއްޓުމުގެ ތެރެއިން އަލުން ކަންކަން ފަށައިގެން ކުރިއަށް ވުރެ ރަނގަޅަށް ކުރާ މަަސައްކަތުގައި އޮލިމްޕިކް ކޮމިޓީގެ ވިސްނުމަކީ ވީހާވެސް ބޮޑަށް އެސޯސިއޭޝަންތަކާ ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ.
އަދި އޮލިމްޕިކް ކޮމިޓީގައި މި ވަގުތު އޮތް ލީޑަޝިޕުން ކުރިއަށް އޮތް 10 އަހަރަށް ސްޓްރެޓީޖިކް އެކްޝަން ޕްލޭނެއް ހަދައި އިރު، އެއީ ބައިނަލްއަގުވާމީ ފްރޭމްވޯކެއްގެ ތެރެއިން ކުރެވޭ ކަމެއް ކަމަށްވެސް ސައްތާރު ފާހަގަކުރެއްވިއެވެ.
އަހަރީ އާންމު ޖަލްސާ ޝަރަފްވެރި ކޮށްދެއްވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސްކަމާއި ނައިބް ރައީސްކަމާއި ސެކްރެޓަރީ ޖެނެރަލްގެ މަގާމުވެސް ފުރުއްވާފައިވާ އިބްރާހިމް އިސްމާއިލްއެވެ.
އޮލިމްޕިކް ކޮމިޓީ ހިންގުމާ ބެހޭ މުހިންމު ބަދަލުތަކެއް އިއްޔެގެ ޖަލްސާގައި ފާސްކުރި އިރު، އަގުވަޒަންކުރުމުގެ ގޮތުން އެކި ފަރާތްތަކަށް ވަނީ އެވޯޑު ދީފައެވެ. އޭގެ އިތުރުން ދާދި ފަހުން ޕެރިސް އޮލިމްޕިކްްސް 2024ގެ ސްކޮލަޝިޕް ލިބުނު ފަސް އެތުލީޓުންނާ އެކު އެއްބަސްވުމުގައި ސޮއިކުރުންވެސް އޮތެވެ.
ސްކޮލަޝިޕް ލިބުނު އެތުލީޓުންނަކީ ޓޭބަލް ޓެނިހުން ފާތިމަތު ދީމާ އަލީ، ބެޑްމިންޓަނުން ނިބާލް އަހުމަދާއި އެތުލެޓިކްސްގެ އައިޝަތު ހިމްނާ ހަސަން، ސާފިން އިން އިސްމާއިލް ރަޝީދު (ސްމައިލީ) އަދި ޝޫޓިން އިން ޒިޔާން ސިޔާއުއެވެ. ދީމާ ފިޔަވައި، ހަތަރު އެތުލީޓުންވެސް އިއްޔެ އަހަރީ އާންމު ޖަލްސާގައި ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
އޮލިމްޕިކް ކޮމިޓީން އިއްޔެ ބޭއްވި އާންމު ޖަލްސާގައިވަނީ ކުރިން އެ އެސޯސިއޭޝަން ހިންގުމުގައި އިސް މަސައްކަތްތަކެއް ކުރެއްވި ފަރާތްތަކަށް އަގުވަޒަންކުރުމުގެ ގޮތުން ހާއްސަ ފިލައެއް ދީފައެވެ.
އަގުވަޒަންކުރުމުގެ ފިލާ ދިން ފަރާތްތަކުގެ ތެރޭގައި އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް މުހައްމަދު ޝަވީދާއި ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ)، އިބްރާހިމް އިސްމާއިލް، އޮލިމްޕިކް ކޮމިޓީގެ ކުރީގެ ހަޒާންދާރު ހުސެއިން ރަޝީދު ހިމެނެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު