ކުރީގެ އެޓާނީ ޖެނެރަލް އަދި ރައީސް އޮފީހުގެ މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް ކުރާ ދެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކުރިމިނަލް ކޯޓުން މިއަދު ނިންމުމުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށް އާޒިމާގެ ފަރާތުން ބުނެފިއެވެ.

އާޒިމާގެ މައްޗަށް ދައުލަތުން ކުދާ ދެ ދައުވާއަކީ ދައުލަތުގެ މުއައްސަސާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ކުށުގެ ދައުވާއެވެ. ދެ ދައުވާ ކުރިމިނަލް ކޯޓަށް ބަލައިގެންފައިވަނީ ފެބްރުއަރީ 17 2019 ގައެވެ.

ކުރިމިނަލް ކޯޓުގައި މިއަދު އޮތީ އެ ދެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމުމަށްޓަކައި، ދައުވާއާ ގުޅޭގޮތުން ދެ ފަރާތުން ހެކި ހުށަހެޅުމެވެ. އެގޮތުން މަނީ ލޯންޑަރިންއަށް މަގު ފަހިކޮށްދިނުމުގެ ކުށުގެ ދައުވާ އާޒިމާގެ މައްޗަށް ސާބިތުކުރުމަށް 20 ހެއްކެއް އަދި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ ސާބިތުކުރުމަށް 11 ހެއްކެއް ދައުލަތުން ހުށަހެޅިއެވެ.

އާޒިމާގެ މައްޗަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އާޒިމާ ދޮގު މައުލޫމާތު ދެއްވި ކަމަށް ބުނެއެވެ.

މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ ކުރަނީ އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާ ނުކޮށް، އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކުރުމުގައި ބޭންކުން ލިޔުމެއް ހޯދުމުގައި އާޒިމާ މަސައްކަތްކޮށް، އެ ފައިސާގެ އަސްލު އޮޅުވާލަން މަސައްކަތް ކުރި ކަމަށް ބުނެއެވެ.

އާޒިމާގެ ފަރާތުން އޭނާގެ ދިފާއީ ވަކީލު އަލީ ސައީދުވެސް މިއަދު ބައެއް ހެކި ހުށަހެޅުއްވިއެވެ.

އެގޮތުން ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމްއާއި އޭރުގެ ރައީސް ޔާމީނާ ކޮށްފައިވާ މުއާމަލާތަކާއި ބޭންކް އޮފް މޯލްޑިވްސްގެ އޭރުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފުގެ މެސެޖުތަކެއްގެ ސްކްރީން ޝޮޓެއް ހުށަހެޅުއްވިއެވެ.

ހެއްކެއްގެ ގޮތުގައި ބިޝާމް ހުށަހެޅީ އޭނާއަކީ އެމްއެމްޕީއާރްސީ މައްސަލައިގައި މަސްލަހަތު އޮތް މީހެއްކަން ސާބިތުކޮށްދިނުމަށެވެ. ރައީސް ޔާމީންގެ މެސެޖުގެ ސްކްރީން ޝޮޓް ހުށަހެޅީ އާޒިމާއަށް ދައުވާކުރުމުގައި ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާ ރައީސް އޮފީހުގެ ނޯޓަކީ ރައީސް ޔާމީން ދެއްވި އިރުޝާދާ އެއްގޮތަށް ފޮނުއްވި ނޯޓެއްކަން ސާބިތުކޮށްދިނުމަށެވެ. އަދި ޝަރީފް ފޮނުއްވި މެސެޖު ހުށަހެޅީ އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާވެފައިވާކަން ބޭންކް އޮފް މޯލްޑިވްސްއަށް އެނގޭކަން ސާބިތުކޮށްދިނުމަށެވެ.

އާޒިމާގެ މައްޗަށް ކޮށްފައިވާ ދެ ދައުވާ ކުރިއަށްގެންދެވޭނެ ކަމަށް ގާޒީ ނިންމެވުމާ ގުޅިގެން އާޒިމާގެ ފަރާތުން ބުނެފައިވަނީ އެ ނިންމުން އިސްތިއުނާފުކުރަން ބޭނުންވާ ކަމަށާއި އެކަމާ ގުޅޭ ލިޔުންތައް ބޭނުންވާ ކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ ޝަރީއަތުގެ ކުރިން ހުށަހަޅާ ކަންކަމަށް ދެ ފަރާތަށް 15 ދުވަހުގެ މުއްދަތެއް ދިނުމަށްފަހުގައެވެ.