މިދިޔަ ހޯމަ ދުވަހުގެރޭ މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަތް 17 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ދެ ދިވެހިންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

އެ މައްސަލައާ ގުޅިގެން ހަތަރު މީހަކު ފުލުުހުން ހައްޔަރު ކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ، ދެ ދިވެހިންނާއި ބަނގްލަދޭޝް ދެމީހުންނެވެ. ހައްޔަރުކުރި ދެ ދިވެހިންނަކީ ކ. ހިއްމަފުށީ ސީސަންގެ އަބްދުﷲ އަހްތަރާއި، ގ. ބްރައިޓްސްޓާ މުހައްމަދު އިމްއާން ޝަމީލް އެވެ.

އެމީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ކުރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި ބަންދުގެ މަޖިލީހުގައި، އިމްއާން ބުނީ ސޯސަންމަހުން ފުލުހުން އޭނާ ހައްޔަރު ކުރީ، އެތާ ގެއެއްގެ މީހަކާ ބައްދަލުކުރަން ގޮސް ހިނގަ ހިނގާ ހުއްޓާ ކަމަށެވެ. އަހްތަރު ބުނީ ހަމަ އެ ސަރަހައްދުން އޭނާ ހައްޔަރުކުރީ މަގުމަތީގައި ހުއްޓިގެން ހުއްޓައި ކަމަށެވެ.

ނަމަވެސް ޑްރަގް ނެޓްވޯކުގެ ތެރޭގައި، އެ ދެމީހުންގެ މަސައްކަތް ހުރިގޮތް ތަފުސީލްކޮށް، ފުލުހުން ވަނީ އިންޓެލިޖެންސް ރިޕޯޓެއް ކޯޓަށް ހުށަހަޅައިފައެވެ.

އެކަންތައްތަކަށް ބެއްލެވުމަށްފަހު، ކުރިމިނަލް ކޯޓުގެ ގާޒީ ސަފްއަތު ހަބީބު ނިންމެވީ، އިމްއާންއަށް އިތުރު ހަތް ދުވަހުގެ މުއްދަތު އަދި އަހްތަރަށް 15 ދުވަހުގެ ބަންދުގެ މުއްދަތު އިތުރު ކުރެއްވުމަށެވެ.

ވައިގެމަގުން ރާއްޖެ އެތެރެކުރި 17 ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލައިގަތީ، އެތަކެތި ޕިކަޕަކަށް ލައިގެން ދަނިކޮށެވެ.