މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގައި 3،000 މެންބަރުން ހަމަނުވާތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދެން ރަނގަޅުވާނީ އަރާމުކޮށްލަން ގޭގައި ހުންނެވުން ކަމަށް ވިދާޅުވެ، އެ މަނިކުފާނުގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން، މައުމޫނަށް ނުސީދާކޮށް ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.

މައުމޫން އެމްއާރުއެމް އުފެއްދެވީ، އެމަނިކުފާނު އިސްވެ ހުންނަވައި އުފެއްދެވި ޕީޕީއެމް އެމަނިކުފާނަށް ގެއްލުމުން، އިސްލާހީ ހަރަކާތް ކުރިއަށް ގެންދިއުމުގެ މަގުސަދުގައި ކަމަށް ވިދާޅުވެއެވެ. ނަމަވެސް އެޕާޓީގައި މިހާރު ގާނޫނު ބުނާ އަދަދު ކަމަށްވާ 3،000 މެންބަރުން ހަމަނުވާތީ، އިލެކްޝަންސް ކޮމިޝަނުން ވަނީ އެޕާޓީއަށް ނޯޓިސް ފޮނުވައިފައެވެ.

އެކަމަށް އިޝާރާތް ކުރައްވަމުން ޕީޕީއެމް އޮފީހުގައި ރޭ އޮތް ޖަގަހަ ޖަލްސާގައި ޔާމީން ވިދާޅުވީ ރާއްޖޭގައި ގިނައީ 3000 މެންބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް ކަމަށާއި އެކަމަކުވެސް ދިދަ ހިފައިގެން އެ ޕާޓީތަކުން ނުކުންނަން ޖެހޭ ކަމަށެވެ.

"އެންމެ ރަނގަޅު ދޯ މި މީހުން އަރާމުކޮށްލަން ގޭގަ ތިބިއްޔާ. ރާއްޖޭގެ މިއޮތް ބޮޑު އާބާދީން 3,000 މީހުން ހަމަނުވާ ނަމަ އެއީ ލީޑަރެއްގެ ގޮތުގައި ޕޯޓްރޭ ވެގެން ރައްޔިތުންނަށް ދައްކައިގެން މެސެޖުތަކެއް ދޭން އުޅޭނެ ކަމެއް ނެތޭ. އަނެއް ބައި މީހުން ގަބޫލުކުރަންޖެހޭ ދެއްތޯ އެމީހުންގެ ސިޔާސީ ދައުރު މާޒީވެ ހިނގައްޖެ ކަމަށް،" ޔާމީން ވިދާޅުވިއެވެ.

ވަކި ބޭފުޅެއްގެ ނަން ވިދާޅުނުވިއެއް ކަމަކު ޔާމީންގެ ދެއްކެވި ވާހަކައިން އެއީ މައުމޫނަށް އަމާޒުކުރައްވައި ދެއްކެވި ވާހަކަތަކެއްކަން އެނގެއެވެ.