ޅ. ކުރެންދޫ ކައުންސިލްގެ ރައީސް ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން އިދިކޮޅު ޕީޕީއެމުން ކާމިޔާބުކޮށްފިއެވެ.

ކުރެންދޫ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވީ ރައީސަކަށް ހުންނެވި އެމްޑީޕީ މެމްބަރު އިބްރާހީމް ސިމާއު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

މި އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވީ މީގެ ކުރިން ކައުންސިލުގައި ދެ ދައުރު ފުރިހަމަކުރެއްވި އިސްމާއީލް މަދީހެވެ. ނަމަވެސް މިދިޔަ އަހަރު ބޭއްވި ކައުންސިލް އިންތިހާބުގައި އޭނާއާ ކުރިމަތިވީ ނާކާމިޔާބާއެވެ. އެމްޑީޕީގެ ފަރާތުން ވާދަ ކުރެއްވީ ކެންޑިޑޭޓް އަލީ ނަސީމެވެ.

"ވަން" އަށް ލިބިފައިވާ ވަގުތީ ނަތީޖާ ދައްކާ ގޮތުން މަދީހު އިންތިހާބު ކާމިޔާބު ކުރެއްވީ 49 ވޯޓުގެ ތަފާތުންނެވެ.

މި އިންތިހާބުގެ ކެމްޕެއިނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ކުރެންދޫއަށް ވަޑައިގަތެވެ.