އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރުގެ ކާރަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މޭޔަރު ނިޒާރުގެ ކާރުގައި ސްޕްރޭކޮށް ލިޔެފައިވަނީ "އިންޑިއާ އައުޓް" އެވެ. ކާރަށް ސްޕްރޭކޮށް ގެއްލުންދީފައިވާކަން ފުރަތަމަ ފާހަގަކުރެވުނީ ވެސް ފުލުހުންނަށެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ އައްޑޫ ސިޓީގައި މަސައްކަތް ކުރާ ފުލުހުން ޕެޓްރޯލްކުރަން ނުކުމެ އުޅެނިކޮށް އައްޑޫ މޭޔަރު ނިޒާރުގެ ކާރުގައި ސްޕްރޭކޮށްފައި ވަނިކޮށް ރޭ ފަތިހު 4:00 ގައި ފެނިފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް އޮފިސަރު ވިދާޅުވިއެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ސާފުކޮށްދީފައެއް ނުވެއެވެ.
އެކަމާ ގުޅޭގޮތުން މޭޔަރު ނިޒާރުގެ ބަހެއް ހޯދުމަށް "ވަން" އިން ގުޅި ނަމަވެސް، އޭނާގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
މިކަން ހިނގާފައި މިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި "އިންޑިއާ އައުޓް"ގެ ނަމުގައި ބޮޑު ހަރަކާތެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު