ޚަބަރު

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު މިއަދު އައްޑޫއަށް ވަޑައިގަންނަވަނީ

އދ. އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބުރަމަންޔަ ޖައިޝަންކަރު އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ މިނިސްޓަރު ޝާހިދުގެ ދައުވަތަކަށް ޖައިޝަންކަރު އައްޑޫއަށް ވަޑައިގަންނަވާނީ މިރޭ 7:15 ގައި ކަމަށާއި އެ ދަތުރުފުޅުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ތަފާތު ދެ ދާއިރާއަކުން އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ. ނަމަވެސް އެއީ ކޮން ކަމަކާ ގުޅޭ އެއްބަސްވުންތަކެއް ކަމެއް ހާމައެއް ނުކުރެއެވެ.

ފޮރިން މިނިސްޓްރީން ބުނީ އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްފަހު މިރޭ 9:00 ގައި މިނިސްޓަރު ޝާހިދާއި ޖައިޝަންކަރުގެ ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ދަތުރުފުޅުގައި އިންޑިއާގެ އެހީގައި އައްޑޫގައި ގާއިމުކޮށްފައިވާ ޕޮލިސް އެކަޑަމީ ހުޅުވުމަށް ބާއްވާ ރަސްމިއްޔާތުގައި ވެސް ޖައިޝަންކަރު ބައިވެރިވެވަޑައިގަންނަވާނެ ކަމަަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ދަތުރުފުޅު ނިންމަވައިލައްވައި، ޖައިޝަންކަރު އައްޑޫން ފަރާވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގައެވެ. ޖައިޝަންކަރުގެ މި ދަތުރުފުޅަކީ 2019 ވަނަ އަހަރު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ތިންވަނަ ދަތުރުފުޅެވެ. ނަމަވެސް މިއީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ރަސްމީ މަޝްވަރާތައް މާލެއިން ބޭރުގައި ބާއްވާ ފުރަތަމަ ފަހަރެވެ.

ރައީސް ސޯލިހު ވެސް ވަނީ ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅެއްގައި އިއްޔެ ފުރާވަޑައިގަންނަވައިފައެވެ. ރައީސް މިހާރު ހުންނެވީ ފުވައްމުލަކުގައެވެ. ފުވައްމުލަކު ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު އައްޑޫއަށް ކުރައްވާ ދަތުރުފުޅުގައި އެ ސިޓީގައި ގާއިމުކޮށްފައިވާ ޕޮލިސް އެކަޑަމީ، ރައީސް ހުޅުއްވައިދެއްވާނެއެވެ.

ހިތަދޫ ޕޯޓްސް ލިމިޓެޑުގެ ދެކުނުން ބޮޑު ސަރަހައްދެއްގައި ގާއިމުކޮށްފައިވާ ޕޮލިސް އެކަޑަމީގެ އަމަލީ މަަސައްކަތް ފެށީ 2016 ވަނަ އަހަރުއެވެ. އެ އިމާރާތް ކޮށްދިނުމަށް އިންޑިއާ ސަރުކާއާއެކު ދިވެހި ސަރުކާރުން އެއްބަސްވެފައިވަނީ 18.3 މިލިއަން ޑޮލަރު ހަރަދުކޮށްގެން އިންޑިއާގެ ކުންފުންޏަކުން އެ މަަސައްކަތްކުރާ ގޮތަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި، ބޮޑު މައްސަލައަކަށް ވެފައިވާ އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އިންޑިއާގެ ކްރެޑިޓް ލައިނެއްގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގެ ތިން ރަށަކުން ބިން ހިއްކާނެއެވެ. މި މަޝްރޫއުގެ ދަށުން ކުރިއަށް އޮތް 50 އަހަރަށް އައްޑޫގެ ބިމުގެ މައްސަލަ ހައްލު ކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ރައީސްގެ މި ދަތުރުފުޅުގައި، އައްޑޫގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވައި، މަރަދޫ ބަނދަރާއި މީދޫ ބަނދަރު ހުޅުއްވައިދެއްވުމުގެ އިތުރުން ހިތަދޫ މަސްޖިދް އިބްރާހީމް އާއި، ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ސެންޓަރު ވެސް ހުޅުއްވައިދެއްވާނެއެވެ.

މި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް ސޯލިހު އެނބުރި މާލެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހުއެވެ.