ފުވައްމުލައް ސިޓީގައި 50 އެނދުގެ މުޅިން އާ ހޮސްޕިޓަލެއް އިމާރާތްކުރައްވައި ހާއްސަ ހިދުމަތްތަކެއްގެ ގޮތުގައި އަންހެނުންނާއި ކުޑަކުދިންގެ ސްޕެޝަލިޓީ ހިދުމަތްތައް ހިމަނުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފުވައްމުލަކުގައި ރޭ ބޭއްވި ހާއްސަ މާހެފުމުގައި ބައިވެރިވެ ވަޑައިގަންނަވައި ދެއްކެވި ވާހަކަފުޅުގަ އެވެ. މި މާހެފުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެ ކަނބަލުންނާއި ނައިބު ރައީސް ފައިސަލް ނަސީމްގެ ފަރާތުން ފުވައްމުލަކު ރައްޔިތުންނަށް ބޭއްވި ހާއްސަ މާހެފުމެކެވެ.

މި މާހެފުމުގައި ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ފުވައްމުލަކަކީ ސިޓީއެއް ކަމަށާއި އެހެން ކަމުން ހިދުމަތްތައްވެސް ހުންނަންވާނީ އެހެން ސިޓީތަކާ އެއްވަރަށް ކަމަށެވެ. އެގޮތުން ފުވައްމުލަކު ސިޓީގައި 50 އެނދުގެ އާ ހޮސްޕިޓަލެއް ތަރައްގީކުރައްވާނެ ކަމަށާއި އެތަނުގައި ހާއްސަ ހިދުމަތް ތަކެއްގެ ގޮތުގައި ކުޑަކުދިންނާއި އަންހެނުންނަށް ހާއްސަ ސްޕެޝަލިޓީ ހިދުމަތްތައް ހިމަނުއްވާނެ ކަމަށެވެ.

"އަޅުގަނޑު އުއްމީދު މިކުރަނީ ފުވައްމުލަކުގައި ތަރައްގީ ކުރަން ނިންމާފައިވާ ޓާޝަރީ ހޮސްޕިޓަލަކީ އަންހެނުންނާއި ކުޑަ ކުދިންގެ ސްޕެޝަލިޓީ ހިދުމަތްތަކަށް ހާއްސަ ކުރެވިގެންދާނެ ހޮސްޕިޓަލަކަށް ވެގެން ދިޔުން. އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގައި މި ހޮސްޕިޓަލުގެ މަސައްކަތް ފަށާނަން." އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ސަރަހައްދުގައި ޓާޝަރީ ހޮސްޕިޓަލް ތަރައްގީ ކުރުމަށް ނިންމާފައިވާއިރު މި ހޮސްޕިޓަލްތައް ވަކި ބަލިތަކަށް ހާއްސަ ކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.