ދިވެހިރާއްޖޭގެ ތާރީޚު

ދިވެހި ތާރީޚު: ދީނާއި ހަޟާރަތަށް ކުޑަގިފިލިކުރަން ފުރުސަތު ދެވިގެން ނުވާނެއެވެ.

އިމާދު ލަތީފު

1

މާލޭގައި މިހާރު ފެންނާންހުރި އެންމެ ދުވަސްވީ އެންމެ މުހިއްމު ބިނާތަކަކީ ކޮބައިތޯ ސުވާލުކުރެވިއްޖެނަމަ އެންމެންވެސް ޖަވާބުދޭނީ އެއީ މާލޭގެ ހުކުރުމިސްކިތާއި އެ މިސްކިތާއި ޖެހިގެން އެހެރަ މުންނާރު ކަމުގައެވެ. މީގެ ތެރެއިން މުންނާރަކީ މާލޭގެ އެންމެ މުހިއްމު ލޭންޑްމާކެވެ. މިހާރު އެފެންނަ ހުކުރުމިސްކިތް އެގޮތަށް ހިރިގަލުން ހައްދަވައި އެޔަށް ހައިބަތު ގެންނެވީ އުތީމު ޚާންދާނުގެ އިސްކަންދަރު ރަސްގެފާނެވެ. ކުރީގައިވެސް ހުރި މިސްކިތެއް އުވާލައްވައި އެތަނުގައި އެރަދުން އައު މިސްކިތެއް ބިނާކުރެއްވީއެވެ. މުންނާރަކީ އެރަދުންގެ އަމިއްލަފުޅު އިސްނެންގެވުމެކެވެ. އެއީ ކުރީގައި ނެތް ތަނެކެވެ. ހައްޖަށް ވަޑައިގެންނެވި ފަހަރެއްގައި އަރަބި ކަރައިން ފަރުމާއެއް ސިކުނޑިފުޅުގައި ކުރައްސަވައިގެން އެފަރުމާޔަށް ބިނާކުރެއްވި މުންނާރެކެވެ.

އިސްކަންދަރު ރަސްގެފާނަކީ ސުލްތާން މުހައްމަދު އިމާދުއްދީން އެއްވަނަ ނުވަތަ ކަޅުތުއްކަލާގެ ދަރިކަލުންނެވެ. އެރަދުން ރަސްކަން ކުރެެއްވީ މީލާދީން 1648 ވަނަ އަހަރުން ފެށިގެން 1687 ވަނަ އަހަރާ ހަމައަށެވެ. މުޅިއެކު 39 އަހަރު އެރަދުން ރަސްކަން ކުރެެއްވިއިރު ތާރީޚު ލިޔާ ގިނަ މުއައްރިޚުން އެއްބަސްވާގޮތުގައި އެއީ ހަޟާރަތެއްގައި ހުންނަންވާ އެންމެހައި ކުލަތައް ހިމެނިގެން ދިވެހި ހަޟާރަތުގެ ރަންޒަމާނެވެ. އަދުލުވެރިކަން ގާއިމުވެފައި އޮތެވެ. ރަށްވެހިކަމާއި އުނގެނުމަށް އިސްކަން ދެވުނެވެ. ރާއްޖޭގެ ފުރަތަމަ މަދަރުސާ ހުކުރު މިސްކިތުގައި ގާއިމު ކުރެވުނެވެ. ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރު ކުރެވުނެވެ. ތަނަވަސްކަމާއި ފުދުންތެރިކަމުގެ ގޮތުން މީސްތަކުން ތިބީ ފުދިގެންނެވެ. އުފަލުންނެވެ. މިހެންގޮސް އަދިވެސް ކިތަންމެ ކަމެކެވެ.

ގައުމެއްގައި އަދުލުވެރި ވެރިކަމެއް ގާއިމުވެ ބޭރުގެ ދުޝްމިނުންގެ ފަރާތުން ނުރައްކާތެރިކަން ކުރިމަތިވުން މަދުވެ ފުދުންތެރިކަން އިތުރުވީމާ އެބައެއްގެ ތެރެއިން ތަރައްގީއާއި ފިކުރީގޮތުން ކުރިއެރުމުގެ އެކިކަންކަން ފައުޅުވެ ފެންނާން ފަށާނެއެވެ. މާލޭގެ ހުކުރުމިސްކިތާއި މުންނާރަކީ އޭގެ މިސާލެކެވެ. ހުކުރުމިސްކިތުގައި ދައުލަތުން ފުރަތަމަ މަދަރުސާ ފައްޓަވައި އިލްމުވެރީންނަށް އުޖޫރަ ދެއްވައި ތައުލީމު އާއްމު ކުރެއްވުމުގެ ވިސްނުންފުޅު އިސްކަންދަރު ރަސްގެފާނަށް އައީ އެފަދަ މާހައުލެއް އުފަންވުމުންނެވެ. އެރަދުންގެ ވިސްނުންފުޅާއި ހިކުމަތްތެރިކަމުންނެވެ. ދިވެހި ދައުލަތަކީ މަލާބާރީން ބޭނުންއިރަކު ބޭނުންގޮތަކަށް ކުޅޭން އަދި ތޮޅޭން އޮންނަ ބޯޅައެއް ނޫންކަމާއި އާރާއި ބާރުވެސް އެބަހުރިކަމާއި ޖެހިލުންވާން ޖެހޭކަން ދެއްކެވީވެސް އިސްކަންދަރު ރަސްގެފާނެވެ. އެކަން އެރަދުން ކުރެެއްވީ މަލިކު ދިވެހީންގެ ވެރިކަމުގެ ދަށަށް ގެންނަވައިގެންނެވެ.

ހުވަދުއަތޮޅުން ވަޑީން ގެންނަވައި އެޒަމާނުގައި ދުނިޔޭގެ ފެންވަރަށް ހުކުރުމިސްކިތް ބިނާކުރައްވައި މީލާދީން 1658 ގައި ނިންމެވި ގޮތަށް އެހެރީ އެ މިސްކިތް ފެންނާށެވެ. ބަދަލުވީ ފުރާޅު އެކަންޏެވެ. ހަމަ އެވާނުގައި އެ ރޫހުގައި ހުކުރުމިސްކިތުގެ މުންނާރުވެސް މީލާދީން 1675 ގައި ނިންމެވިގޮތަށް އެހެރީ ފެންނާށެވެ. ބަދަލުވީ މުންނާރުގެ ވަށައިގެން އަޅާފައިވާ މައުދަނުގެ ބަންދުތަކާއި މުންނާރުގެ މަތީގައި އެހެރަ ޗެންޗޭނާއި ތާޅަފިއްޔެވެ. ބަދަލުވަމުންދާ ޒަމާނާއެކު ތަންތަނަށް ކޮންމެވެސް ކަހަލަ ބަދަލުތަކެއް އަންނާނެތާއެވެ. ރައްކާތެރި ކުރުމާއި ހިމާޔަތްކުރުމުގެ ގޮތުން ގެންނާންޖެހޭ ބަދަލުތަކެއްވެސް ހުންނާނެތާއެވެ. އެގޮތުން ހުކުރުމިސްކިތާއި މުންނާރަށްވެސް ބަދަލުތަކެއް އައީއެވެ. އެހެންނަމަވެސް އެތަންތަނުގެ މަގާމާއި ހައިސިއްޔަތު ބަދަލެއް ނުވެއެވެ. ނުވެސްވާނެއެވެ. އެއީ ހަމައެކަނި ދީނީ ރަމްޒުތަކެއް ނޫނެވެ. އެއީ ދިވެހި ގައުމިއްޔަތާއި ދިވެހި ހަޟާރަތުގެވެސް ރަން ރަމްޒުތަކެވެ.

މާލޭގެ ހުކުރުމިސްކިތަކީ މިއަދު ޔުނެސްކޯއިން ދުނިޔޭގެ ތަރިކައިގެ ތެރޭގައިވެސް ލިސްޓުކޮށްފައިވާ ތަނެކެވެ. އެމަގާމު ހުކުރު މިސްކިތަށް ލިބިފައިވަނީ 2008 ވަނަ އަހަރުން ފެށިގެންނެވެ. މާލެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ނުވަތަ ބޭރު މީހުން ހުކުރުމިސްކިތާއި މުންނާރު ބަލަންދަނީ އަދި އެތަންތަނަށް ޝައުގުވެރިވަނީ މިދެންނެވި ސަބަބުތަކަށްޓަކައެވެ. ދިވެހި ގައުމިއްޔަތާއި ދިވެހި ހަޟާރަތާއި ގުޅިފައިވާ ދުނިޔޭގެ ތަރިކަޔަކަށްވެސް ވުމުންނެވެ. މީގެ ހަތަރު ސަތޭކަ އަހަރު ކުރިން ދިވެހިންނާއި ދިވެހީންގެ މަސައްކަތްތެރިކަން ކުރިއަރާފައިއޮތް މިންވަރު ދައްކުވައިދޭ ބިނާތަކަކަށް ވުމުންނެވެ. ދިވެހި ހަޟާރަތުގެ ރަން ޒަމާން ދައްކުވައިދޭ އަގުހުރި ތަރިކަޔަކަށް ވުމުންނެވެ. ދެކޭ ބަޔަކު ރަމްޒީގޮތުން މީގެ ހަތަރު ސަތޭކަ އަހަރު ކުރީގެ މާޟީއަކަށް ގެންގޮސްދޭ ތަންތަނަށް ވުމުންނެވެ.

ހުކުރުމިސްކިތުގެ ހުރުމަތް ކެނޑުމުގެ އެކި ހާދިސާތަކުގެ ވާހަކަ ފަހަކަށް އައިސް ވަރަށް ދޭތެރެ އަވަސްކޮށް ނޫސްތަކުގެ ސުރުޚީން ފެނެއެވެ. ކޮންމެވެސް ދިވެއްސަކު ހުކުރު މިސްކިތުގެ ތެރެއަށް ގަސްތުގައި ކުޑަގިފިލިކުރި ވާހަކައެއްވެސް ފެނުނެވެ. މިހުންނަނީ ހިތާމަކުރަން ޖެހޭ ކަންކަމެވެ. މިޒާތުގެ ކަންކަން ތަކުރާރުނުވާނޭ މަގުން ކަންކަން ތަރުތީބުކޮށް އިންތިޒާމުކޮށް ކަށަވަރުކަން ގާއިމުކުރުމަކީ މުއައްސަސާތަކުން ކުރަންޖެހޭނޭ ކަމެކެވެ. އެހެނީ ހުކުރުމިސްކިތުގެ ތެރެއަށް ކުޑަކަމުދިޔުމަކީ ހަމައެކަނި ދީނަށް ފުރައްސާރަކުރުމުގެ އަމަލެއް ނޫނެވެ. އެއީ ދިވެހި ގައުމިއްޔަތާއި ހަޟާރަތާއި ތާރީޚަށްވެސް ކުޑަކަމުދިއުމެކެވެ. ދީނީގޮތުންވިޔަސް ދުނިޔަވީގޮތުންވިޔަސް މިހުންނަނީ ބަލައިގަނެވޭނޭ ކަންކަމެއް ނޫނެވެ.