ރާއްޖެއަކީ ގައުމުތަކުގެ އަސްކަރީ މަރުކަޒު ހުންނަ ތަނަކަށްވާން ބޭނުން ނޫން ކަމަށާއި ބޭރު ގައުމުތަކުގެ އަސްކަރީ މަރުކަޒުތައް ހުރުމުގެ ސަބަބުން ތަރައްގީއަށް ހުރަސް އެޅޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން އެގޮތަށް ވިދާޅުވީ މިއަދު ރޮއިޓާސްއަށް ދިން އިންޓަވިއެއްގައެވެ. އެ އިންޓަވިއުގައި އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތައް އުވާލަން ޖެހޭ ކަމަށާއި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވުމުގެ އިތުރުން ތަރައްގީގެ މަޝްރޫއުތަކަށް ވެސް އެކަމުގެ ސަބަބުން ހުރަސް އެޅޭ ކަމަށެވެ.
"އަޅުގަނޑު ބޭނުމެއް ނޫން އެއްވެސް ގައުމެއްގެ އަސްކަރީ މަރުކަޒަކަށް ދިވެހިރާއްޖެ ވާކަށް. އަޅުގަނޑުމެން ބޭނުމެއް ނޫން މިއީ އަސްކަރީ ބާރުތަކުގެ މަރުކަޒަކަށް ވާކަށް. އަޅުގަނޑުމެން ދެކެން ބޭނުންވާ މަންޒަރެއް ނޫން ބޭރުގެ އަސްކަރީ ބާރެއް މިރާއްޖޭގައި އޮންނަ މަންޒަރު އެއީ ތަރައްގީއަށް ވެސް ހުރަސްއެޅޭ ކަމެއް،" ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުން ވަރަށް މުހިންމު ކަމަށާއި އެހެން ގައުމެއްގެ ބާރު ރާއްޖޭގެ މައްޗަށް އޮންނަން ބޭނުންނުވާ ކަމަށެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމުގެ ސަބަބުން ޗައިނާ އާއި އެމެރިކާ ފަދަ ބާރުގަދަ ގައުމުތަކުން ވެސް ރާއްޖޭގައި އަސްކަރީ ބާރު ވަރުގަދަކުރަން މަސައްކަތް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި އަހަރު ނިމުމުގެ ކުރިން އިންޑިއާގެ ސިފައިން ރާއްޖެއިން ބޭރުކުރުމަކީ ވަރަށް މުހިންމު ކަމެއް. ބޭރު ގައުމެއްގެ ބާރު އަޅުގަނޑުމެންގެ އަމިއްލަ ގައުމުގައި އޮންނާކަށް ބޭނުމެއް ނުވޭ، އަޅުގަނޑު ބޭނުމެއް ނޫން އިންޑިއާ ކަނޑުގައި ހާއްސަކޮށް ރާއްޖޭގައި އެއްވެސް ގައުމެއްގެ އަސްކަރިއްޔާ ތިބޭކަށް، މިތަން އަޅުގަނޑު ބޭނުންވަނީ އަސްކަރީ ބާރެއް ނެތް ތަނެއްގެ ގޮތުގައި އޮންނަން. އެއްވެސް ބޭރު ގައުމެއްގެ ބާރު މިތަނުގައި އޮންނާކަށް ބޭނުމެއް ނުވޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ގުޅޭގޮތުން ރައީސް ޔާމީން ދެއްކެވި ވާހަކަތަކައް ރައްދު ދެއްވައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރޮއިޓާސްއަށް ވިދާޅުވީ، އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބީ އެ ގައުމުން ރާއްޖެއަށް ހަދިޔާކޮށްފައިވާ އަސްކަރީ ތިން މަތިންދާ ބޯޓުތަކުގައި ހިންގާ ސާޗު އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި ދިވެހި ސިފައިންނަށް އެހީވުމަށް ކަމަށެވެ. އަދި ދެން ތިބީ ސެނެހިޔާގައި މަސައްކަތްކުރާ އިންޑިއާ ސިފައިންގެ މެޑިކަލް ޓީމެއް ކަމަށެވެ.
"އޭގެ އިތުރުން ރާއްޖޭގައި އެއްވެސް ބޭރުގެ ގައުމެއްގެ އަސްކަރީ ބަޔަކު ނެތް،" މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވި ގޮތުގައި ޔާމީން އުވާލައްވަން އެ ވިދާޅުވާ އިންޑިއާއާއެކު ހަދާފައިވާ ބައެއް އެއްބަސްވުންތަކަކީ އެމަނިކުފާނުގެ ވެރިކަމުގައި ސޮއިކުރައްވާފައިވާ އެއްބަސްވުންތަކެކެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ރައީސް ޔާމީން އިސްނަންގަވައިގެން ކުރިއަށް ގެންދަވާ "އިންޑިއާ އައުޓް" ކެމްޕޭނު މިހާރު ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. އެގޮތުން މާލޭގެ އިތުރުން އަތޮޅުތެރޭގައި ވެސް އެކެމްޕެއިންގެ ހަރަކާތްތައް ދަނީ ކުރިއަށް ގެންދަމުންނެވެ. މިއަދުވެސް އިދިކޮޅު ފަރާތްތަކުން ވަނީ "އިންޑިއާ އައުޓް" ކެމްޕެއިންގެ ބޮޑު ހަރަކާތެއް މާލޭގައި ކުރިއަށް ގެންގޮސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު