ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ފުވައްމުލަކު ސިޓީއަށް މިއަދު ވަޑައިގެންފިއެވެ.
ރައީސްގެ ދެކަނބަލުން ފުވައްމުލަކަށް މިއަދު ވަޑައިގެންފައިވާއިރު، ނައިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ ދެ ދުވަހުގެ ދަތުރުފުޅެއްގައި ފުވައްމުލަކު ސިޓީއަށް މިއަދު ވަޑައިގެންފައެވެ. ނައިބު ރައީސްގެ މި ދަތުރުފުޅަކީ ރައީސް ސޯލިހު ފުވައްމުލަކު ސިޓީއަށް މިއަދު ކުރައްވާ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ހަތަރު ދުވަހުގެ މިދަތުރުފުޅުގައި ފުވައްމުލަކު ސިޓީގެ އިތުރުން އައްޑޫ ސިޓީއަށްވެސް ރައީސް ވަޑައިގަންނަވާނެއެވެ. އަދި އެ ދެސިޓީގެ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވާނެއެވެ. އަދި އެ ދެ ސިޓީގައި ކުރިއަށްދާ ތަރައްގީގެ ބައެއް މަޝްރޫއުތައް ބައްލަވާލެއްވުމާއި ބައެއް މުވައްސަސާތަކަށް ޒިޔާރަތްކުރައްވާނެއެވެ.
މީގެ އިތުރުން އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ރަސްމީކޮށް ރައީސް ހުޅުވައިދެއްވާނެއެވެ.
ރައީސްގެ މި ދަތުރުފުޅުތަކުގެ ބޭނުމަކީ މި ދެ ސިޓީގައި ސަރުކާރުން ކުރިޔަށްގެންދާ މަޝްރޫއުތައް ކުރިޔަށްދާގޮތް ބައްލަވައިލެއްވުމާއި ރައްޔިތުންނާއި ބައްދަލުކުރައްވައި އެމަނިކުފާނު ވައުދުވެ ވަޑައިގަންނަވާފައިވާ ގޮތަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވައިގެން ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރެއްވުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މި ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު