ދުނިޔޭގެ ޓީބީ ދުވަސް، މާރިޗުމަހުގެ 24ވަނަ ދުވަހު ފާހަގަ ކުރިއިރު މިހާރުވެސް މިބަލީގެ މައުލޫމާތު ރަނގަޅަށް ނޭނގުމާއި ބައްޔާ ބެހޭގޮތުން ހޭލުންތެރި ނުވުމުގެ ސަބަބުން ދިމާވާ ކަންތައްތައް ދިވެހި މުޖުތަމައުންވެސް ފެންނަމުންދެއެވެ. ބައްޔަކީ ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެއްކަމުން، މިބަލި ޖެހުނުކަން އެނގުނުހާ އަވަހަކަށް ބަލިން އަނެކުން ރައްކާތެރިކުރުމަށް ފިޔަވަޅު އެޅުމަކީ ކޮންމެހެންވެސް އެދެވިގެންވާ އެހާމެ މުހިންމު ކަމެކެވެ.

ޓިއުބަކިއުލޮސިސް ނުވަތަ ޓީބީ އަކީ އާންމު ދިވެހިން ކިޔާގޮތުންނަމަ 'ކެއްސުން'ބައްޔެވެ. މިބައްޔަކީ ބެކްޓީރިޔާއެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. އާންމުކޮށް ފުއްޕާމެއަށް ޖެހޭ ބައްޔަކަށްވިޔަސް ގުރުދާއާއި އޮހިބަދައަށްވެސް މިބަލި ޖެހެއެވެ. އެހެންނަމަވެސް ގައިންގަޔަށް ފަސޭހަކަމާއެކު އަރަނި ފުއްޕާމެއާއި ކަރަށް ޖެހުނީމައެވެ.

1882ވަނަ އަހަރުގެ މާޗު24ގައި ޑރ.ރޮބަޓް ކޯކް، ޓީބީ ޖެހެން މެދުވެރިވާ ބެކްޓީރިއާއާ ބެހޭ ގޮތުން މައުލޫމާތު ހޯދުމާއި ގުޅިގެން ދުނިޔޭގެ ޓިއުބަކިއުލޮސިސް، ޓީބީގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް މާޗު މަހުގެ 24ވަނަ ދުވަސްކަމުގައި ހަމަޖެއްސުނެވެ. އެދުވަހުން ފެށިގެން މިހާތަނަށްވެސް ކޮންމެ އަހަރެއްގެ މާޗުމަހުގެ 24ވަނަ ދުވަހު ޓީބީއާ ބެހޭ ގޮތުން ހޭލުންތެރިކުރުމުގެ ހަރަކާތްތަކާއި އެހެނިހެން ކަންތައްވެސް އަންނަނީ ކުރެވެމުންނެވެ. މިބައްޔަކީ ދެވައްތަރެއް އޭގައި އޮންނަ، ބަލި ޖެހުމުން އޭގެ ކުރީކޮޅުގައި ފަރުވާ ދެވިއްޖެނަމަ ރަނގަޅު ކުރެވޭ ބައްޔެކެވެ.

ޓީބީއަށް ހާއްސަ އިންޖެކްޝަނެއް ތައްޔާރު ކުރެވިފައި ވިޔަސް މިއީ މިބަލީގެ ބައެއް މީހުންނަށް ދެވޭ އިންޖެކްޝަނެކެވެ. 1943މ.ގައި ސެލްމެންވޯކްސްމެން ސްޓްރެޕްޓެމައިސިން ކިޔާ ކޮމްޕައުންޑެއް ހޯދުމަށްފަހު 1 ނޮވެމްބަރ 1949މ.ގައި މިބޭސް ޓީބީޖެހިފައިވާ އިންސާނެއްގެ ހަށިގަނޑުން ބަލި ނައްތާލުމަށް މަސައްކަތް ކުރޭތޯ ތަޖުރިބާ ކުރެވުނެވެ. މިތަޖުރިބާއަށް ވަނީ ވަރަށް ބޮޑު ކާމިޔާބީއެއް ލިބި އެމީހާ ޓީބީ އިން މުޅީން ސަލާމަތް ވެފައެވެ.

ޓީބީ ނުވަތަ ޓިއުބަކިއުލޮސިސްއަކީ ބެކްޓީރިއާއެއްގެ ސަބަބުން ހަށިގަނޑުގެ ބައެއް ގުނަވަންތަކަށް ޖެހޭ ބައްޔެކެވެ. އާންމުކޮށް މިބަލި ޖެހެނީ ފުއްޕާމެއަށެވެ. އަދި މިއީ ކެއްސުން އާންމު ބައްޔެކެވެ. ހަމައެހެންމެ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ފެތުރޭ ބައްޔެއްވެސްމެއެވެ. މިބައްޔަކީ އެއްވެސް ގޮތަކުން އާއިލީ ވާރުތަވާކަހަލަ ބައްޔެއް ނޫނެވެ.

އެކަމަކު މިއީ އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ފަސޭހަކަމާއެކު ފެތުރިގެންދާނެ ބައްޔެކެވެ. މީގެތެރޭގައި ބަލިޖެހިފައިވާ މީހަކު ކެއްސާއިރު ބުރައިގެންދާ ކުޅު، ކިނބިހި އަޅާއިރު، ހީނގަންނައިރު ވައިގެ ތެރެއަށް ބުރައިގެންދާ ކުޅުގައިވެސް ޖަރާސީމު ހުންނާނެއެވެ. އެހެންކަމުން މިބަލި ޖެހިއްޖެނަމަ ވީހާވެސް ބޮޑަށް މީހާގެ އަނގައާއި ނޭފަތް ބަންދުކޮށް ތިމާގެ ފަރާތުން އަނެކާއަށް ލިބިދާނެ ގެއްލުމަކާ ދޭތެރެ ވިސްނައި ފަރުވާތެރިވުން މުހިންމެވެ.

ފަސޭހަކަމާއެކު ޓީބީ ޖެހި، އޭގެ އަސަރު ފަސޭހަކަމާއެކު ހަށިގަނޑަށް ފެތުރޭ ކަމަށް ފާހަގަ ކުރެވިފައިވާ މީހުންގެ ތެރޭގައި:

  • ދިފާއީ ނިޒާމު ބަލިކަށިމީހުން
  • އެޗްއައިވީ ބަލީގެ މީހުން
  • 5އަހަރުން ދަށުގެ ކުދިންނަށް ޖެހުމާއެކު ވަރަށް އަވަހަށް ކުއްޖާއަށް އޭގެ އަސަރު ކުރާނެ
  • ގުރުދާގެ ބަލިތައް ހުންނަ މީހުން
  • ކަރާއި ބޮލުގެ ބަލިތަކުގެ ކެންސަރުހުންނަ މީހުން
  • އިންޖެކްޓް ކުރުމުގެ އާދަ ހުންނަ، މަސްތުވާތަކެތި ބޭނުންކުރާ މީހުން
  • ހަކުރުބަލީގެ މީހުން
  • ގުނަވަންތައް ބަދަލު ކޮށްފައި ތިބޭ މީހުން

މިމީހުންނަކީ ބަލި ޖެހުމުން ވަރަށް އަވަހަށް ހަށިގަނޑުގެ ތެރެއަށް އޭގެ ވިހައަސަރު ފެތުރި ބަލީގައި އަވަހަށް ހާލުދަށަށް ދާމީހުންނެވެ. ޓީބީއަކީ ބަލީގެ ކުރީކޮޅު ފިޔަވަޅު އަޅައި ބޭސްކުރެވިއްޖެނަމަ ބަލިން ސަލާމަތް ވެވޭނެ ބައްޔެކެވެ. ފަރުވާކުޑަކުރެވިއްޖެނަމަ އިސާހިތަކު މީހާ މަރާ ހަމައަށް ގެންދާ ނުރައްކާތެރި ބައްޔެއްވެސް މެއެވެ.

މީގެ ކުރީން މިބައްޔަށްވެސް މީހުން ހޭލުންތެރިކަން ކުޑަކަމުން މިއީ މަރުބައްޔަކަށްވެސް ވެފައި އެބަހުއްޓެވެ. ނަމަވެސް މިހާރު ކަމާ ބެހޭ މާހިރުންނާއި މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ އެހީއާއެކު ބަލީގެ އަލާމާތްތައް ދެނެގަނެވެން އެބައޮތެވެ. އަލާމާތްތައް ފެންނަން ފެށުމުން ވީއެންމެ އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދައި ފަރުވާ ކުރަން ފެށުމަކީ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭ ފިޔަވަޅެކެވެ.

ޓީބީގެ އަލާމާތްތައް ފެންނާނީ އެހަށިގަނޑެއްގައި ޓީބީ ޖެހުނު ގުނަވަނަކާ ގުޅޭގޮތުންނެވެ. މިގޮތުން އެންމެ އާންމުކޮށް ޖެހޭ ފުއްޕާމެއަށް ޓީބީ ޖެހުމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި:

  • ތިންހަފުތާއަށްވުރެ ދުވަސްވެގެން ދާއިރުވެސް ކެއްސުން ހުއްޓާނުލައި ކެއްސުން، (ދިވެހިންގެ ތެރޭގައި މިކެއްސުމަށް 'ހޯއްގޮވާ'ކެއްސުމޭ ވެސް ކިޔައެވެ. މިއީ މޭއިރައިގެންދާކަހަލަ ތަދެއްވާ ކެއްސުމެކެވެ.)
  • ކެއްސާއިރު އަންނަ ކުޅުގައި އަދި ކުޅުނެތަސް ކެއްސުމުން ބައެއް ފަހަރު ގިނައިން ލޭހުރުން
  • މޭގައި ރިއްސުން، މިއީ ވަރަށް ގަދަ ރިހުމެއް، މޭގަނޑު އިރައިގެންދާހެން ހީވާ ރިހުމެއް.
  • ހުން އައުން
  • ރޭގަނޑު ދާހިއްލުން.(މިއީ ވަރަށް ފަސޭހައިން ޓީބީކަން ދެނެގަނެވޭ އަލާމާތެއް)
  • ތުރުތުރު އެޅުން
  • ކާހިތް ނުވުން
  • ބަރުދަން ލުއިވުން
  • ވަރުދެރަވުން

މިފަދަ އަލާމާތްތައް ފެނުނުހާ އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ޓެސްޓު ހެއްދުމަށް އަވަސްވެގަންނާށެވެ. އަދި މިބައްޔާމެދު ފަރުވާކުޑަނުކުރާށެވެ. ބޭސް ހޯދައި ދީފައިވާ ބޭސް މުއްދަތު ހަމަވަންދެން ގަވައިދުން ފުރިހަމަކޮށް، ދެވިފައި އޮންނަ އިރުޝާދާއި އެއްގޮތަށް ބޭސް ބޭނުންކުރަން ވާނެއެވެ. ޓީބީގެ ޖަރާސީމަކީ އެހާ ފަސޭހައިން ހަށިގަނޑުން ނައްތާލެވޭ ވަރަށްވުރެ ވަރުގަދަ ޖަރާސީމެކެވެ. ބޭސްބޭނުން ކުރަން ފަށައިގަނެ މާގިނަ ދުވަސްތަކެއް ނުވަނީސްވެސް ބަލި ރަނގަޅުވީހެން ހީވާނެއެވެ. އެހެންނަމަވެސް ބަލީގެ ޖަރާސީމު ހަށިގަނޑުން ނައްތާލުމަށް ޓަކައި، ޑޮކްޓަރު ވިދާޅުވާ މުއްދަތަށް ބޭސް ބޭނުންކުރަން ވާނެ އެވެ. ހަމައެހެންމެ ބަލީގެ އަލާމާތްތައް އެނގޭ ވަގުތުން ފަށައިގެން މާސްކު އެޅުމާއި އެހެން މީހުންނާއެކުގައި އުޅުމުގައި ވީހާވެސް ބޮޑަކަށް ރައްކާތެރިވާށެވެ.

ރާއްޖޭގައި މިހާރު ޓީބީއަށް ފަރުވާދިނުމަކީ ދަތިކަމެއް ނޫނެވެ. ކެއްސުންބަލީގެ އަލާމާތެއް ކިރިޔާ ފެނިލިއަސް އަވަހަށް ޑޮކްޓަރަކާ ހަމައަށް ދާށެވެ. މިއީ ނުރައްކާތެރި ބައްޔަކަސް މަރުބައްޔެއް ނޫނެވެ. ބަލީގެ ކުރީކޮޅު ފަރުވާދެވިއްޖެނަމަ ކިތަންމެ ނުރައްކާތެރި ބިރުވެރި ބައްޔަކަށްވިޔަސް މިބަލިން ސަލާމަތްވެވޭނެކަން ޔަގީނެވެ. ފަރުވާވެ ކުރިއާލައި ތައްޔާރުވެވިއްޖެނަމަ އަދި ވިސްނައިގެން، ޑޮކްޓަރު ދެއްވާ އިރުޝާދާ އެއްގޮތަށް ބޭސްފަރުވާ ކުރަން ޖެހޭ މުއްދަތުހަމަ ވަންދެން ފަރުވާކުޑަނުކޮށް ފަރުވާ ދެވިއްޖެނަމަ މިއީ ހަށިގަނޑުން މުޅީން ނައްތާލެވޭ ބައްޔެކެވެ.