އިންގްލެންޑްގެ ގައުމީ ޓީމަށާއި ޕްރިމިއާ ލީގުގެ ގިނަ ކްލަބުތަކަކަށް ކުޅުނު ޖެމައިން ޑެފޯ ފުޓުބޯޅައިން ރިޓަޔާކޮށްފިއެވެ.
އުމުރުން 39 އަހަރުގެ ޑެފޯ ރިޓަޔާކުރިކަން މިއަދު އިއުލާން ކޮށްފައިވަނީ އެކަމަށްޓަކައި ނެރުނު ހާއްސަ ބަޔާނެއްގައެވެ. ކެރިއަރުގައި ގިނަ ކްލަބުތަކަކަށް 762 މެޗު ކުޅެފައިވާ ޑެފޯ އެކިއެކި ކްލަބުތަކަށް 304 ގޯލު ޖަހައިދީފައިވެއެވެ. އޭގެ އިތުރުން އޭނާ ވަނީ އިންގްލެންޑް ގައުމީ ޓީމަށްވެސް 57 މެޗުން 20 ގޯލު ޖަހައިދީފައެވެ.
ޑެފޯ ނިންމާލީ 22 އަހަރުގެ ދިގު ފުޓުބޯޅަ ކެރިއަރެކެވެ. 1999 ވަނަ އަހަރު ޑެފޯ، އޭނާގެ އުމުރުން 17 އަހަރުގައި ފުރަތަމަ ޑިވިޝަނަށް ނުކުތީ ވެސްޓް ހޭމް ޔުނައިޓެޑްގެ ޖާޒީގައެވެ. އޭނާގެ ކެރިއަރުގައި އެންމެ ގިނަ މެޗު ކުޅެފައިވަނީ ޓޮޓެންހަމް ޖާޒީގައެވެ. ޓޮޓެންހަމް ޖާޒީގައި ޑެފޯ ވަނީ ގާތްގަނޑަކަށް 300 އެއްހާ މެޗު ކުޅެފައެވެ.
"މިއީ އުނދަގޫ ނިންމުމެއް. ޕްރޮފެޝަނަލީ ފުޓުބޯޅައަށް ނުކުތީ އުމުރުން 17 އަހަރުގައި. އެހިސާބުން ފެށިގެން މިއަދާ ހަމައަށް އައިއިރު ހޯދި ކާމިޔާބީތަކާއެކު މިއަދަކީ ކުޅިވަރު ދަނޑުން އެކަހެރިވެލަން ޖެހޭ ވަގުތު ކަމަށް ގަބޫލުކުރަން،" ޑެފޯ ނެރުނު ބަޔާނުގައިވެއެވެ.
އިސްކޮޅުން ކުރު ނަމަވެސް ހަލުވި، ސްޕީޑު ބާރު ކުޅުންތެރިއެއްގެ ގޮތުގައި ޑެފޯ ފާހަގަވެފައިވާ އިރު، އޭނާ ވަނީ ޕްރިމިއާ ލީގުގައި އެކަނިވެސް 162 ގޯލު ޖަހައިފައެވެ. 1992 ވަނަ އަހަރު ޕްރިމިއާ ލީގު ވުޖޫދަށް އައިފަހުން މިއަދާ ހަމައަށް ބަލާ އިރު، ޑެފޯއަކީ ޕްރިމިއާ ލީގު ތާރީހުގައި ނުވަ ވަނައަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ.
ޑެފޯގެ ކެރިއަރުގައި ދަނޑު ބޭރުންވެސް އޭނާ ވެފައިވަނީ ގިނަ ބައެއްގެ ލޯބި ލިބުނު އެތުލީޓަކަށެވެ. އެގޮތުން އެންމެ ހާއްސަކަމެއް ޑެފޯއަށް ދީފައިވަނީ ޒަމާންވީ ސަންޑަލޭންޑް ސަޕޯޓަރެއް ކަމަށްވާ ބްރެޑްލޭ ލޯވްރޭއާ ބޭއްވި ގާތް ކަމަށެވެ. ކެންސަރާ ހަނގުރާމަ ކުރަމުން ދިޔަ ކުޑަ ކުއްޖެއް ކަމަށްވާ ބްރެޑްލޭއަށް ޑެފޯ ގިނަ އެހީތެރިކަމެއް ފޯރުކޮށްދީފައިވާ އިރު، 2017 ވަނަ އަހަރު ބްރެޑްލޭ މަރުވުމުން ބްރެޑްލޭގެ އާއިލާއިން ވަނީ ޑެފޯއަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ