އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ފ. ނިލަންދުއަށް ތައާރަފްކޮށްފިއެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ، އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑަކީ މާކެޓުގައި މިހާރު ހުރި އެންމެ ފުރިހަމަ ޕެކޭޖު ކަމަށެވެ. އަދި އުރީދޫ ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ނިލަަންދުއަށް ތައާރަފުކުރެވުމަކީ ލިބޭ އުފަލެއް ކަމުގައި ނިޔާޒް ވިދާޅުވިއެވެ.

"އުރީދޫގެ ތަސައްވަރާ އެއްގޮތްވާ ގޮތުގެ މަތިން، އުރީދޫން އަަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށްވެސް ފެންވަރު ރަނގަޅު އިންޓަަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް،" ނިޔާޒު ވިދާޅުވިއެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫން ކުރަމުންދާ މަސައްކަތުގެ ތެރެއިން ދާދި ފަހުން ވަނީ އުރީދޫ ސުޕަނެޓް ޕެކޭޖުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އަޕްގްރޭޑްކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 100 އިންސައްތައާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ލިބިގެންދާނެއެވެ.

މީގެ އިތުރުން ސުޕަނެޓް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށްވެސް ޑޭޓާ ރޯލް އޯވާގެ ހިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖު އިންކްލޫސިވް ޑޭޓާއާ އެއްވެގެންދާނެއެވެ.