ޚަބަރު

ރޯދަ މަހު ސްކޫލުތަކުގައި ކިޔަވައިދޭނީ ތިން ގަޑިއިރު

މިއަހަރުގެ ރޯދަ މަހު ސްކޫލުތަކުގެ ކިޔެވުން ތިން ގަޑިއިރަށް ހަމަޖައްސަން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އަންގައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ރޯދަ މަހާއި ޝައްވާލު މަހުގެ ހަތް ދުވަހު ސްކޫލުތަކުގައި ކިޔަވައިދޭނީ ތިން ގަޑިއިރަށް ކަމަށެވެ.

އެގޮތުން އެއް ދަންފަޅީގެ ސްކޫލްތަކުގެ ކިޔެވުން ހެނދުނު 8:30-9:00 އާ ދޭތެރޭގައި ފަށައި އަދި ދެ ދަންފަޅީގެ ސްކޫލުތަކުގެ ގަޑިތައް ހެނދުނު 8:30 އާއި މެންދުރު ފަހު 3:00 އާ ދެމެދު ހަމަޖެއްސުމަށް ވަނީ އަންގައިފައެވެ.

އެލްކޭޖީ އަދި ޔޫކޭޖީގައި ކިޔަވާ ކުދިންނަށް ކިޔަވައިދޭނީ 1 ގަޑި އިރާއި 30 މިނެޓު ވަންދެން ކަމަށާއި ގްރޭޑު 1-6 ގެ ކުދިންނަށް ދެ ގަޑި އިރާއި 30 މިނެޓު އަދި ގްރޭޑު ހަތަކުން މަތީގެ ކުދިންނަށް ކިޔަވައިދޭނީ ތިން ގަޑިއިރަށް ކަމަށްވެސް ސާކިއުލާގައި ބުނެފައިވެއެވެ.

ސާކިއުލާގައި އިތުރަށް ވަނީ މާއްދާތައް ނަގައިދޭ ދިގުމިން 30-45 މިނެޓަށް ފެއްތުމަށް އެދިފައެވެ. އަދި ރޯދަ މަހު ޓީޗަރުންނަށްވެސް ލުއި ދިނުމުގެ ގޮތުން އެންމެ ގިނަވެގެން ހަތަރު ގަޑިއިރަށް ވުރެ ޓީޗަރުންގެ މަސައްކަތު ގަޑި އިތުރު ނުކުރުމަށް އަންގާފައިވެއެވެ.

އޭގެ އިތުރުން މަޣްރިބު ނަމާދުން ފެށިގެން ތަރާވީހު ނަމާދު ނިމެންދެން ސްކޫލުގެ އެއްވެސް ހަރަކާތެއް ނުހިންގުމަށާއި ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް ރޭގަނޑު ސްކޫލުން ހިންގާ ޕްރޮގްރާމްތައް 9:00-10:30 އާ ދެމެދު ރާވަންވެސް އަންގާފައިވެއެވެ.