އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންވެސް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއާއެކު ކެމްޕެއިނަށް ނުކުންނަވައިފިއެވެ.
ފައްޔާޒާ އެކު އޭނާގެ ކެމްޕެއިން ޓީމުން ބ. އަތޮޅަށް ކުރާ ދަތުރުގައި އިއްޔެ އެ އަތޮޅު ތުޅާދޫއަށް ވަޑައިގެންނެވުމުން އެ ޓީމަށް މަރުހަބާ ދެންނެވީ ހިސާނެވެ. އަދި ފައްޔާޒަށާއި ޓީމަށް މަރުހަބާ ކިއުމަށް އެރަށު އެމްޑީޕީގެ ގިނަ ބަޔަކު ބަނދަރަށް އެއްވިއެވެ.
އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަދި ޖޭއެސްސީގެވެސް ރައީސް، ހިސާން މިވަގުތު ފޯނަށް ޖަވާބު ނުދެއްވާތީ، އޭނާ ފައްޔާޒަށް ތާއީދުކުރައްވަން ނިންމެވި ސަބަބެއް ހޯދިފައެއް ނުވެއެވެ.
ފައްޔާޒަށް ތާއީދު ކުރައްވައި ހިސާން ކެމްޕެއިނަށް ނުކުންނެވި އިރު، އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕް (ޕީޖީ)ގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްވެސް ވަނީ ފައްޔާޒަށް ތާއީދުކުރައްވާކަން ހާމަކުރައްވައިފައެވެ.
ޗެއާޕާސަންގެ ކެމްޕެއިނާ އެކު އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ފެކްޝަން ވަރަށް ބޮޑަށް ހާމަވެ، ދެ ފެކްޝަންގެ ދެމެދު ބަހުގެ ހަމަލާތަކެއް ދަނީ ރައްދުކުރަމުންނެވެ. ދެ ފެކްޝަންގެ ތެރެއިން ފައްޔާޒަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނެވެ. ދެން ވާދަކުރައްވާ އިމްތިޔާޒު ފަހުމީއަކީ ރައީސް ނަޝީދުގެ ފެކްޝަނެވެ.