ޓެކްސީއަކަށް އެރި އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ޓެކްސީ ޑްރައިވަރު ބަންދުން ދޫކޮށްލައިފި އެވެ.

މާލެއިން ޓެކްސީއަކަށް އެރި 20 އަހަރުގެ އަންހެނަކު ގަދަކަމުން ހުޅުމާލެ ދެވަނަ ފިޔަވައްސަށް ގެންގޮސް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 41 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ ހަތްވަނަ ދުވަހު އެވެ. އަދި ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ގެންދިޔުމުން އެ ކޯޓުން އޭނާގެ ބަންދަށް ތިން ދުވަސް ޖަހާފައިވަނީ މިމަހުގެ އަށްވަނަ ދުވަހު އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ ހައްޔަރު ކުރި މީހާގެ ބަންދަށް ޖެހި މުއްދަތު ހަމަވުމުން އަލުން ކޯޓަށް ގެންދިޔަ ކަމަށާއި ނަމަވެސް އޭނާ ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. މިކަމުގެ އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެ ޓެކްސީ ޑްރައިވަރަކީ މާލޭގެ މަޝްހޫރު ޓެކްސީ ސެންޓަރެއް ކަމަށްވާ "ފައިން ޓެކްސީ"ގެ ޑްރައިވަރެކެވެ. އެ ސެންޓަރުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ މި ހާދިސާ ހިނގިރެއިން ފެށިގެން އެ ޓެކްސީ ސެންޓަރުން އޭނާ ވަކިކޮށްފައިވާ ކަމަށެވެ. އަދި އެ ސެންޓަރަށް އެޅެން އޮތް ފިޔަވަޅަކީވެސް އެއީ ކަމަށާއި އެފަދަ އެއްވެސް ޑްރައިވަރަކު އެ ޓެކްސީ ސެންޓަރުގައި ނުބަހައްޓާނެ ކަމަށެވެ.

ޖިންސީ ގޯނާގެ ޝިކާރައަކަށްވި އަންހެން މީހާގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު "ވަން" އަށް މީގެ ކުރިން ބުނީ އަންހެން މީހާ އެ ރޭ ޓެކްސީއަށް އެރީ ހެންވޭރު ގެއަކުން މާފަންނު ގެއަކަށް ދާންވެގެންނެވެ. ނަމަވެސް އެ ހިސާބަށް ދިއުމަށްފަހު ޓެކްސީ މަޑުނުކޮށް ހުޅުމާލެއާ ދިމާލަށް ދަތުރުކުރި ކަމަށް ބުންޏެވެ.

އަންހެން މީހާއާ ހަވާލާދީ އޭނާ އިތުރަށް ބުނީ އަންހެން މީހާ ފަހަތު ސީޓުގައި އިންދާ ކުރިއަށް އައުމަށް ޓެކްސީ ޑްރައިވަރު ބުނި ކަމަށާއި ނަމަވެސް ނުދިއުމުން ގަދަކަމުން އަތުގައި ހިފައި، ހުޅުމާލޭ ފޭސް ދޭއްގެ ބީޗަށް ގެންގޮސް ގައިގައި ގަދަކަމުން ބައްދައި އަތުގަޔާއި ފައިގައި ހިފި ކަމަށެވެ.