އެންމެ ކުޑައިރުގެ އެކުވެރިންނާވެސް ބަރާބަރަށް ގުޅުން ބަދަހިކުރުމަށް ވަގުތުދޭ މީހުން މިޒަމާނުގައި މަދުވާނެއެވެ. އަމުދުން އެމީހަކީ ވަރަށް މަތީ މަގާމެއްގައި ކާމިޔާބުގެ އުސްހަރުފަތްތަކުން އަރަމުންގޮސް އެންމެ އުހުގައި ހުރި އަދި ދުނިޔޭގެ ގިނަ ބޭނުންތަކެއް ހާސިލުވެފައި ހުރި މީހަކަށް ވާނަމަ އެމީހާއަށް ބައެއް ފަހަރު ޅަދުވަހުގެ އެކުވެރިން މުހިންމުވެސް ނުވާކަހަލައެވެ.

ބައެއް ފަހަރަށް ބޮޑުކަމެއް ދިމާވެގެން، ނޫނީ ކޮންމެވެސް އެހެންވެސް ކަމެއް ވެގެން، ކުޑައިރު އެކުގައި ސުކޫލަށް ގޮސް އުޅުނު މީހުންނަށް ގޮވާލަފާނެއެވެ. އެކަމަކު ހާއްސަ އެހެން ކަންތައްތަކަށް ވަގުތު ދޭފަދައިން އެކަންތަކަށް، ހޭދަކުރާ ބީދައިން ކުޑައިރު އެކީގައި ބަތްކައްކައި ނުވަތަ ފީކޮއި ކުޅެން އުޅުނު ރައްޓެހިންނަށް ހޭދަކޮށް އެމީހުންނާއެކު އެއް ސުފުރާއަށް އެރުން ކޮންމެ ކޮންމެ މީހަކަށް މުހިންމެއް ނުވެއެވެ. އެފަދަ ކަމަކަށް ވަގުތު ހުސްކުރުމަކީ މާބޮޑަށްވެސް ބޭކާރު ކަމެއްކަމުގައި ދެކެވެއެވެ.

އެހެންނަމަވެސް މިއާއި އިދިކޮޅު މީހުން މަދުން ނަމަވެސް މިއަދުވެސް ފެނެ އެވެ.

23 އަހަރު ދުވަހު ސިފައިންގޭގެ ހިދުމަތްކުރައްވައި، ގައުމީ ފެންވަރުގެ އެތައް އެވޯޑެއް ހާސިލުކުރައްވައި، ފަހުރުވެރި ތާރީހީ މަގާމެއް ސިފައިންގެ ވަޒީފާގެ ދާއިރާއިންވެސް ހާސިލުކުރެއްވި ސަމްހާ ޔޫސުފަކީ މިދެންނެވި ކަހަލަ ތަދު އެކުވެރިއެކެވެ. އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގައި މަސައްކަތް ކުރައްވާ، އެންލިސްޓެޑް ސިފައިންގެ އެންމެ ފުރަތަމަ "ސާޖެންޓް މޭޖާ ރޭންކް"ގެ ފަހުރުވެރި ކާމިޔާބީ ހާސިލު ކުރެއްވި ދިވެހި ފުރަތަމަ ކަނބަލަށްވީއިރު ސަމްހާގެ އަޑުންވެސް އަދި އަމަލުންވެސް އެއްވެސް ބޮޑާކަމެއް ނުވަތަ ފޮނިކަމެއް ފާހަގައެއް ނުވެއެވެ. އެއަށްވުރެ ހިތްތިރި އެކުވެރި ހިތްހެޔޮ މިޒާޖެއްގެ ސަމްހާ ޔޫސުފަކީ މިވަގުތު ސިފައިންގެ މަހުކަމާގައި ވިދަމުން އަންނަ މަތީ މަގާމެއްގެ ކާމިޔާބީގެ އެންމެ އުސްހަރުފަތާ ހަމައަށް ވާސިލުވެވިފައި އިން ކަނބަލެކެވެ.

ސަމްހާ ވަނީ އޭނާގެ ޕާސަނަލް ލައިފް، ޒާތީ ދިރިއުޅުމާ ގުޅޭ ބައެއް ވާހަކަތައް ވެސް "ވަން" އާ ހިއްސާ ކުރައްވައިފައެވެ. ތިރީގައި އެވަނީ ސަމްހާ ވަން އަށް ދެއްވި އިންޓަވިއުގެ މުހިންމު ބައެއް ބައިތަކެވެ.

ޅ.ނައިފަރު ފާތިމަތު މުހައްމަދާއި އެރަށު، މަރުހޫމު ޔޫސުފު އާދަމަށް ލިބުނު 7 ކުދީންގެ ތެރެއިން އެންމެ ހަގު ސަމްހާ ޔޫސުފަކީ ސްކޫލުދައުރުގައިވެސް ކުޅިވަރުގެ ހަރަކާތްތަކުގައި އުޅުއްވި، ސިއްހީ ދުޅަހެޔޮކަމަށް އަބަދުވެސް އިސްކަމެއް ދެއްވާ ކަނބަލެކެވެ. ސްކޫލު ނިމުމުން ސަމްހާ ސިފައިންގެއަށް ވެންނެވީ ބޮންޑެއްގައެވެ.

ނަމަވެސް ބޮންޑަށް ފަހު ދުވަހެއް ދުވަހަކަށް ފަހަރަކަށްވުރެ ފަހަރެއް އެކި ތަމްރީނުތަކުގައި ބައިވެރިވެވަޑައިގަންނަވަމުން، ރޭންކުތައް ހާސިލުކުރައްވަމުން އަދި ހަމަ އެއާއެކު ތަމްރީނު ކުރައްވަމުން ވަޑައިގެން މިއަދު ސަމްހާ އެހުންނެވީ ސިފައިންގެ ހިދުމަތުގެ ދިގު ސަތޭކައެއްހާ އަހަރުގައިވެސް އެންލިސްޓެޑް ސިފައިންގެ އަންހެނަކު ފުރުއްވާފައި ނުވާ ވަރުގެ މަތީ މަގާމެއްގައެވެ.

ކުރާ ކޮންމެ ކަމެއްގައިވެސް އިހުލާސްތެރިކަމާއި ސާބިތުކަމާއެކު ކެރިގެން ކުރިއަށް ދިއުމުގެ އަޒުމުގައި މަސައްކަތް ކުރައްވާ ސަމްހާގެ އުމުރުން 46 އަހަރުވީއިރު އަދިވެސް އާއިލާއާއެކު ހޭދަކުރައްވާ ވަގުތުތަކުގައި ސަމްހާއަކީ ހަމަ މަންމަގެ ތުއްތު ދަރިފުޅުފަދައެވެ. އާއިލާއާއެކު ވަގުތު ހޭދަ ކުރެއްވުމަށް އިންތިހާއަށް ސަމާލުކަންދެއްވާ ސަމްހާގެ ވަރަށް ހާއްސަ އެހާމެ ހެޔޮލަފާ އާދަތަކެއް އެބަހުއްޓެވެ. ކިތަންމެ ބުރަކޮށް އުޅުއްވަމުންވެސް ކިތަންމެ ވަގުތު ދަތިގޮތަކަށް އުޅުއްވަން ޖެހިވަޑައިގަތަސް، އާއިލާއާ އެއްހަމައެއްގައި ސަމްހާގެ ހަޔާތުގައި ވަރަށް ހާއްސަ ފަރާތްތަކެއް ވެއެވެ. އެއީ ސަމްހާގެ ރަހުމަތްތެރިންނެވެ. ކުޑައިރު ސްކޫލުގައި އެކުގައި ކިޔަވަން އުޅުނު ކުދީންނެވެ.

"ކިތަންމެ ބުރަކޮށް އުޅުނަސް އެންމެ ކުޑައިރުގެ އެކުވެރިންނާ ބަރާބަރަށް ގުޅުން ބާއްވަން. ރަށަށް ދެވުމުން ވީހާވެސް އަވަހަށް އެއެންމެނާ ބައްދަލުވެ ކޮފީއަށް ދިއުމަށް އުޅެވޭނީ."

ސަމްހާއަށް ލިބިވަޑައިގެންފައިވާ ހާއްސަ ކާމިޔާބީތަކުގެ ތެރޭގައި 2016 ވަނަ އަހަރު ރެހެންދި އެވޯޑު ލިބިވަޑައިގަތުމާއެކު ހަމަ އޭގެ އަނެއް އަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގަތެވެ. އެންމެފަހުން މިހާސިލު ކުރެއްވި އެންލިސްޓެޑްކޯގެ ސާޖަންޓް މޭޖާ ރޭންކް ލިބިވަޑައިގެންނެވި ވަގުތަކީ ސަމްހާއަށް ތަފާތު އިހުސާސްތަކެއް ކުރެއްވުނު ވަގުތުކޮޅެެއްކަން ފާހަގަކުރެއްވިއެވެ.

ސިފައިންގެ މީހަކަށްވެ ގައުމަށް ހިދުމަތްކުރުމަށް، ޔުނީފޯމުގައި ނުކުމެ، ދީނަށާއި ގައުމަށާއި ރައްޔިތުންގެ ދިފާއުގައި މަސައްކަތް ކުރުމުގެ ނަސީބު މިންވަރު ކުރެއްވީތީ ﷲއަށް ފަށްފަށުން ޝުކުރުވެރިވެވަޑައިގަންނަވާ ކަމަށާއި އަދިވެސް ކުރިއަށް އޮތް ތާނގައިވެސް އެގޮތުގައި ހިދުމަތްކުރުންމަތީ ދެމިހުންނެވުމަކީ އަޒުމެއް ކަމަށް ވިދާޅުވިއެވެ.

މިހާތަނަށް ކުރިމަތިވެވަޑައިގެންނެވި އެންމެ ހަނދާންނައްތާލަން ދަތި ހާދިސާއެއްކަމަށް ސަމްހާ ފާހަގަކުރެއްވީ ތަމްރީނެއް ކުރިއަށްދިޔައިރު ސަމްހާގެ ބެއްލެވުމުގެ ދަށުގައި އޮތް ދަރިވަރަކު، ރަށާއި ގާތްގަނޑަކަށް 600 މީޓަރ ދުރުން ހައިޕޮތޮމިއާ އަކަށް ގޮސްގެން އެކުއްޖާ ނަންގަވައިގެން ހިކިފަސްތަނަކަށް ގެންދެވުނު ހާދިސާއެވެ. މިނޫނަސް ސުނާމީ ކަހަލަ ބައިވަރު ކަންތައްތައް ހަނދާނުން ފޮހެލުން ދަތި ކަމަށް ސަމްހާ ވިދާޅުވިއެވެ.

ސިފައިންގެ ދާއިރާއިން ނުފެނުނު ނަމަ، ދެން ފެނުނީހީ ޓީޗަރެއްގެ ގޮތުގައި ކަމަށް ސަމްހާ ވިދާޅުވިއެވެ.

ދިރިއުޅުމުގައި ކުރިމަތިވެވަޑައިގެންނެވި، ހުރިހާ އަޑިގުޑަންތަކެއްގައި، އަދި ކޮންމެ ކުރިމަތިލުމެއްގައިވެސް އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން އެހީތެރިވާ އެކުވެރިޔާ ޝަރަފިއްޔާ، ޝަރާއަކީ ސަމްހާގެ ހާއްސަ ރަހްމަތްތެރިޔާއެވެ. ކޮންމެ ވަގުތަކު ކޮންމެ ކަމެއް ދިމާވިޔަސް އަބަދުވެސް ޝަރާ އަކީ ސަމްހާގެ ހިޔަނިފަދައިން އެކުގައި ހުންނަ ރައްޓެއްސެއްކަމަށް ސަމްހާ ވިދާޅުވިއެވެ.

"ކޮންމެ ވަގުތަކުވެސް ކޮންމެ ހާލަތެއްގައިވެސް ޝަރާ އެހީވާނެ. ޝެއާ ކުރީމަ ހައްލު ބުނެދޭނެ. އެއީ ހަމަ އެއްވަނައިގެ ރަހްމަތްތެރިއެއް."

ކޮންމެ އަންހެންކުއްޖަކަށްވެސް، ކޮންމެފަދަ ދާއިރާއަކުންވެސް ކުރިޔަށް ދެވިދާނެކަމަށާއި އެކަމަށް ބޭނުންވަނީ ހިތްވަރަކާއި ނުގުޑާ އަޒުމެއްގެ އިތުރުން ފަހަތަށް އެނބުރި ނުބަލައި ކުރިއަށްދިއުން ކަމަށް ސަމްހާ ވިދާޅުވިއެވެ. ހުދު ސަމްހާއަކީ އިތުރު އަންހެނެއް ނެތި ހުރިހާ ތަމްރީނުތަކެއްގައިވެސް ފިރިހެނުންނާއެކީ އުޅުއްވަން ޖެހިވަޑައިގެންނެވި ނަމަވެސް ހިތްވަރާއި ކެރުމާއެކު އެހާމެ ރަނގަޅު އަހުލާގެއްގެ ސަބަބުން ދަތިކަންކަން ފަސޭހަވެގެން ތަމްރީނުތަކުން ކުރިއަރާފައިވާ ކަނބަލެކެވެ. އެހެންކަމުން އެހެން އަންހެންކުދިންނަށް ވެސް ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތްކަމުގައި ސަމްހާ ދެކިވަޑައިގަންނަވައެވެ.

ކާމިޔާބުގެ މިދިގު ދަތުރުގައި އެންމެ ފުރަތަމަވެސް ސަމްހާ ޝުކުރު އަދާކުރެއްވީ ހެއްދެވި ފަރާތަށެވެ. އެއަށްފަހު އާއިލާއާއި އެމްއެންޑީއެފްގައި ސަމްހާއާ އެކުގައި މަސައްކަތް ކުރައްވާ ބޭކަލުންނާއި އެބޭކަލުންގެ އިރުޝާދާއި އެހީތެރިކަން އަދި ޑިފެންސް މިނިސްޓަރު، ކަނބަލުން ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރުދެންނެވިއެވެ.

ސަމްހާ ފަދަ ކަނބަލުން ދިވެހިރާއްޖޭގައި އުފެދެމުން އަންނަކަމުން އެނގެނީ އުޖާލާ މުސްތަގުބަލެއް ބިނާކުރުމަށް އަންހެން ފިރިހެން، ޖިންސުގެ ތަފާތު ބެލުމެއް ނުވަތަ ވަކި ޖިންސަކަށް ވަކިކަމެއް ކުރުމުގެ ހާއްސަކަމެއް ނޯންނަކަމެވެ. ހަމައެހެންމެ ބުރަބޮޑު ޒިންމާއެއްގައި އުޅުއްވަމުންވެސް އާއިލާއާއި އެކުވެރިންނަށް ސަމްހާ ދެއްވާ ވަގުތާއި ސަމާލުކަމާއި އޯގާތެރިކަމަކީ ކޮންމެކަމެއް ކުރިއަސް ގުޅުންތައް ދަމަހައްޓަން މަސައްކަތްކުރުމަކީ ވަކި ހާއްސަ ފަރާތަކަށް ވާކަމެއް ނޫންކަމުގެ ނަމޫނާ ހެއްކެކެވެ.