ޚަބަރު

އިދިކޮޅުން ހަމަނުޖެހުން ހިންގަން އުޅޭކަމަށް ތުހުމަތުކޮށް، އެއްވުން ރޫޅާލާނެކަމުގެ އިންޒާރު ފުލުހުން ދީފި

އަލީ ޔާމިން

އަންނަ ހުކުރު ދުވަހު އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލޭގައި ބާއްވަން ހަމަޖައްސާފައިވާ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން ބާއްވާ އެއްވުން ނުބޭއްވޭނެ ކަމަށް ފުލުހުން ބުނެފިއެވެ.

އިދިކޮޅުން ވަނީ، އަންނަ ހުކުރު ދުވަހު މާލޭގައި "ނޭވާ ހޮޅިއަށް"ގެ ނަމުގައި "އިންޑިއާ އައުޓް"ގެ ބޮޑު ހަރަކާތެއް ކުރިއަށްގެންދަން ނިންމައިފައެވެ. އެ ހަރަކާތް ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުދޭނެކަން އިދިކޮޅު ލީޑަޝިޕަށް އަންގާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ މިދިޔަ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވިދާޅުވެފައެވެ. ނަމަވެސް މިނިސްޓަރު އިމްރާންގެ ވާހަކަތައް ދޮގުކުރައްވައި އިދިކޮޅުން ވަނީ، އެ ހަރަކާތް ކުރިއަށްގެންދާނެ ކަމަށް ބުނެފައެވެ.

ފުލުހުން މިއަދު ބުނީ، ގާނޫނު އަސާސީގެ 32 ވަނަ މާއްދާއިން ލިބިދޭ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރުމުގެ ހަމަތައް ވަނީ ގާނޫނު ނަންބަރު 1/2013 "ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު" އާއި އެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ގާނޫނު (ގާނޫނު ނަންބަރު 20/016) ގައި ބަޔާންކޮށްފައި ކަމަށެވެ.

ފުލުހުން ބުނީ، އިދިކޮޅުން އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00 އިން ފެށިގެން އިރުއޮއްސި 6:00 އަށް، މާލޭގެ މަގުތަކާއި ޕާޓީ އޮފީސް ސަރަހައްދާއި ކާނިވާ ސަރަހައްދާއި ރަސްފަންނު ސަރަހައްދާއި ބޮޑުތަކުރުފާނު މަގާއި މާލޭ ދެކުނު ފަރާތު އުސްފަސްގަނޑު ސަރަހައްދުގައި ބޭއްވުމަށް ރާވާފައިވާ އެއްވުމަކީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތަށް ބާއްވާ އެއްވުމެއް ނޫންކަމަށް ބެލެވޭ ތަފާތު ސަބަބުތައް ފެންނަން ހުރުމާއި މިފަދަ އެއްވުމުގެ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ އެރުމުގެ ފުރުސަތު ބޮޑުވުމުގެ ސަބަބުން، މި އެއްވުން ނުބޭއްވުމަށް އެ ޕާޓީއަށް އަންގާފައިވާ ކަމަށެވެ.

"މި ހިދުމަތަށް މައުލޫމާތު ލިބިފައިވާގޮތުގައި މި އެއްވުމުގައި ބައިވެރިވުމަށް، ރަށްރަށުން މީހުން ގެންނަ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ގިނަ އަދަދެއްގެ ދުއްވާ އެއްޗެހި ބޭނުންކޮށްގެން މާލޭގެ ބޮޑެތި މަގުތައް ބްލޮކްކޮށް ރައްޔިތުންނާއި އާންމު ދަތުރުފަތުރާއި ހިދުމަތްތަކަށް ހުރަސްއެޅޭގޮތަށް ކަންތައްތައް ކުރުމަށް ރޭވުމާއި މާލޭގައި އުޅޭ ކުށްކުރާ ގްރޫޕުތައް ހޯދައި އެއްވުމުގައި ބައިވެރިކުރުމަށާއި އެއްވުމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދަތިކުރުމުގެ ގޮތުން އެއްވަގުތެއްގައި އެކި ސަރަހައްދުތަކަށް ބައިބަޔަށް މީހުން ނުކުތުމަށް އެއްވުން އިންތިޒާމު ކުރާ ފަރާތުން ދަނީ ރާވަމުންނެވެ..،" ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ، ހުކުރު ދުވަހުގެ އެއްވުމަކީ، ސުލްހަވެރިކަމާއެކު މިނިވަންކަމުގެ ގާނޫނާ އެއްގޮތަށް ބާއްވާ އެއްވުމަކަށް ނުވާތީ، އެ އެއްވުމުގައި އެއްވެސް ފަރާތަކުން ބައިވެރިނުވުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ގާނޫނާ ހިލާފަށް އެއްވުން ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށާއި މި އެއްވުމުގައި ބައިވެރިވެ، ގާނޫނާ ހިލާފު އަމަލުތަކަށް މަގުފަހިކުރުވާ ކަމަށް ތުހުމަތުކުރެވޭ އެއްގަމު އުޅަނދާއި ކަނޑު އުޅަނދު ބަލައި ފާސްކުރާނެ ކަމަށެވެ.

މިފަދަ އެއްވުމެއް ބާއްވައިފިނަމަ އެއްވުން ރޫޅާލައި، ގާނޫނާ ހިލާފުވާ ފަރާތްތަކާ މެދު ގާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ވެސް ފުލުހުން ވަނީ ދީފައެވެ.