މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް މާލެ އާއި ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ހޯދި 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ މައްޗަށް ދައުވާ އިއްވައި ދައުލަތުން ހެކި ހުށަހަޅައިފިއެވެ.
މި މައްސަލައިގައި ބަންދުކޮށް ދައުލަތުން ދައުވާ ކޮށްފައިވަނީ، ގދ. ހޯނޑެއްދޫ، ގުލޭނޫރަންމާގެ، އަލީ ޒުބައިރު (52އ) އާއި ގދ. ހޯނޑެއްދޫ، އަލޯރާ، އަހްމަދު މުޖާހިދު (29އ) އަދި ގދ. ހޯނޑެއްދޫ، އިރުމަތީގެ، އަހްމަދު ސުނައިނު (25އ) ގެ މައްޗަށެވެ.
މި މައްސަލަ ބައްލަވަނީ ކުރިމިނަލް ކޯޓުގެ ގާޒީ ދީބާނާޒް ފަހުމީއެވެ.
ކުރިމިނަލް ކޯޓުގައި މިއަދު އޮތީ ދައުވާ ކުރާ ތިން މީހުންގެ މައްޗަށް ދައުވާ އިއްވުމެވެ. ނަމަވެސް އެ ދައުވާއަށް ތިން މީހުން ވެސް އިންކާރުކުރިއެވެ.
ދެން ކުރިއަށްގެންދިޔައީ އެމީހުންގެ މައްޗަށް ދައުލަތުން ހުށަހަޅާ ހެކި ހާމަކުރުމެވެ. ނަމަވެސް ހެކި ހާމަކުރުމުގެ ކުރިން ހެކި ރައްކާތެރި ކުރުމުގެ އަމުރަކަށް ދައުލަތުން އެދުނެވެ. އެއީ ދައުލަތުން ހުށަހަޅާ ހެކިތަކުގެ ތެރޭގައި ހިމެނޭ އިންޓެލިޖެންސް ރިޕޯޓުތައް ސިއްރުކުރަން ޖެހޭތީއެވެ. ހެކީގެ ގޮތުގައި އެ ތިން މީހުންނާ ބެހޭ ގޮތުން ހުށަހެޅި ތިން އިންޓެލިޖެންސް ރިޕޯޓު ސިއްރު ކުރުމަށް ދައުލަތުން މިއަދު އެދުނެވެ.
ދައުލަތުން ބުނީ އެ ރިޕޯޓުތައް ސިއްރުކުރަން އެދެނީ، މިހާރުވެސް ކުރިއަށްދާ ތަހުގީގުތަކަކާ ބެހޭ މައުލޫމާތުތަކެއް އޭގައި ހިމެނޭ އިރު، އެ މައުލޫމާތުތައް ލީކުވެއްޖެނަމަ ހެކި ނައްތާލުމުގެ އިހުތިމާލު އޮތުމުންނެވެ.
އެ މައްސަލައިގައި ސަރުކާރާއި ދިފާއުން ވާހަކަދެއްކުމަށްފަހު، މައްސަލަ ބައްލަވާ ގާޒީ ދެއްވި ލަފައާ އެއްގޮތަށް، އިންޓެލިޖެންސް ރިޕޯޓުތަކުގައި ހިމެނޭ މައުލުމާތު ސިއްރުވާގޮތަށް، އެ ރިޕޯޓުތައް ދިފާއަށް ދޫކުރުމާއި، މުޅި ރިޕޯޓު ބަލަން ބޭނުންނަމަ، ކޯޓަށް އައިސް ކޯޓުން ކަނޑައަޅާ ޝަރުތުތަކާއެކު ރިޕޯޓުތައް ބެލޭނެ ގޮތް ހެދުމާމެދު ދެފަރާތުގެ އިއުތިރާޒެއްް ނެތުމުން، އެގޮތަށް ނިންމައި، ހެކި ސިއްރުކުރުމުގެ އަމުރު ގާޒީ ނެރުއްވިއެެވެ.
މިއަދުގެ އަޑުއެހުން ނިންމަވައިލައްވަމުން ގާޒީ ވިދާޅުވީ، ދެން އޮންނަ އަޑުއެހުމެއްގައި ކުރިއަށްދާނީ ދިފާއީ ހެކި ހާމަކުރުން ކަމަށެވެ. އެކަމަށްޓަކައި އަންނަ މަހުގެ 14 ގައި އަޑުއެހުމެއް ބާއްވާނެ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު