ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ ގަދަ 16 އަށް ޓީމުތައް ފައްކާ ވެއްޖެއެވެ. 91 ޓީމުން 16 ޓީމަށް މަދުވެއްޖެއެވެ. 162 މެޗު ކުޅުނު އިރު، އިންތިހާއަށް ފޯރިވެސް ފެނިއްޖެއެވެ. އެ ފޯރިއަށްވުރެ ދެން އޮތް ފޯރި މާ ބޮޑަށްވެސް ގަދަވާނެކަން ޔަގީނެވެ. ދެން އޮތީ ދެގޮތުން އެއްގޮތް ބުރެކެވެ. ނޮކްއައުޓް ބުރެވެ. މޮޅުވެ ކުއާޓާ ފައިނަލަށް ދާން ޓީމުތައް އޮތީ ކެތް މަދުވެފައެވެ. ބަލިވެއްޖެ ނަމަ ޖެހޭނީ މުބާރާތަށް އަލްވަދާއު ކިޔާށެވެ. މިރޭގެ މެޗުތަކަށް އިންތިޒާރު ކުރަމާ ހިނގާށެވެ.
- މުބާރާތުގެ ގަދަ 16 އަށް ކޮނޑޭ ކުރި ދަތުރު:
މުބާރާތުގެ ގއ. އަތޮޅު ދެ ގްރޫޕަކަށް ބަހާލައިގެން ކުޅުނު އިރު، ގްރޫޕް އެކެއްގެ އެއްވަނަ ހޯދައި ކޮނޑޭ އެ އަތޮޅު ފައިނަލަށް ދަތުރު ކުރީ މެޗަކުން ބަލިނުވެއެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކޮނޑޭއިން ކާމިޔާބުކުރި އިރު، އަނެއް މެޗު ނިމުނީ އެއްވަރު ވެގެންނެވެ. ގއ. އަތޮޅު ފައިނަލްގައި ކޮނޑޭ ބަލިވީ އެ އަތޮޅު މާމެންދޫ އަތުންނެވެ.
ޒޯން ބުރުގައި ކޮނޑޭ ވާދަކުރީ ޒޯން ހައެއްގައެވެ. އެ ޒޯނުގައި ކޮނޑޭ ކުޅުނު ތިން މެޗުގެ ތެރެއިން ބަލިވީ ގދ. ވާދޫ އަތުން އެކަންޏެވެ. އަނެއް ދެމެޗުންވެސް މޮޅުވެ ކޮނޑޭ ގަދަ 16 އަށް ދިޔައީ ދެވަނަ ޓީމުގެ ގޮތުގައެވެ.
މުހިއްމު ތަރި: ޝިފާޒް އާދިލް (ތުއްތު)
- މުބާރާތުގެ ގަދަ 16 އަށް ގާފަރު ކުރި ދަތުރު:
ކ. އަތޮޅުގެ މެޗުތައް ދެ ގްރޫޕަކަށް ބަހައިގެން ކުޅުނު އިރު، ކ. އަތޮޅުގެ ފައިނަލަށް ގާފަރު ދިޔައީ ގްރޫޕް ސްޓޭޖުގައި ގުރައިދުއާއި މާފުށި ބަލިކުރުމަށް ފަހުގައެވެ. އެ އަތޮޅު ފައިނަލްގައި ގާފަރުން ކާށިދޫ ބަލިކޮށް ތަށި ނެގިއެވެ. ގާފަރުން ޒޯން ތިނެއްގެ ޗެމްޕިއަންކަންވެސް ހޯދިއެވެ. އެ ޒޯނުގައި ގާފަރުން ކުޅުނު ތިން މެޗުގައިވެސް އެޓީމު ބަލިވެފައެއް ނުވެއެވެ. ތިން މެޗުގެ ތެރެއިން ދެމެޗު އެއްވަރު ކުރި އިރު، އަނެއް މެޗުގައި ކާށިދޫ ބަލިކުރީ 3-0 އިންނެވެ.
މުހިއްމު ތަރި: އަލީ މާއިސް (މައްޓު)
- މެޗު ގަޑި: 20:15
- މުބާރާތުގެ ގަދަ 16 އަށް މާފަންނު ކުރި ދަތުރު:
މާފަންނުން މުބާރާތް ފެށީ ޒޯން ބުރާ ހަމައިންނެވެ. މާފަންނުން ޒޯން އަށެއްގެ ޗެމްޕިއަންކަން ހޯދީ ގްރޫޕުގައި ކުޅުނު މެޗަކުން ބަލި ނުވެއެވެ. ކުޅުނު ތިން މެޗުން ދެމެޗު ކާމިޔާބުކުރި އިރު، އެޓީމުން އަނެއް މެޗުން އެއްވަރު ކުރިއެވެ. ތަރިންނާއެކު އޮތް މާފަންނުން މިރޭގެ މެޗަށް ނުކުންނާނީ ރަނގަޅު ފޯމެއްގައި އޮވެގެންނެވެ.
މުހިއްމު ތަރި: މުހައްމަދު ލިޔާހް
- މުބާރާތުގެ ގަދަ 16 އަށް ދިއްގަރު ކުރި ދަތުރު:
މ. އަތޮޅު ބުރުގައި ދިއްގަރުން ފައިނަލަށް ދިޔައީ ގްރޫޕް ބީގެ އެއްވަނަ ނަގައިގެންނެވެ. އަތޮޅު ބުރުގައި ދިއްގަރު ބަލިވީ ފައިނަލްގައި އެކަންޏެވެ. ޒޯނަށް ގޮސްވެސް އެޓީމުން ރަނގަޅު ފޯމެއް ދަމަހައްޓާފައިވާ އިރު، ގަދަ 16 އަށް ދިޔައީ ޒޯން ހަތަރެއްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ދިއްގަރުން ކުޅުނު ތިން މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. އެއްވަރުވީ ހަމައެކަނި އެ ޒޯނުގެ ޗެމްޕިއަން މާމިގިލި އަތުންނެވެ.
މުހިއްމު ތަރި: އާދަމް ހަލީލް
- މެޗު ގަޑި: 20:15
- މުބާރާތުގެ ގަދަ 16 އަށް މާމިގިލި ކުރި ދަތުރު:
މިއަހަރުގެ މުބާރާތުގައި މާމިގިލި ފެންނަނީ ރަނގަޅު ފޯމެއްގައެވެ. އެޓީމުން އަތޮޅު ޗެމްޕިއަންކަންވެސް ނެގީ ދެ މެޗުންވެސް މޮޅުވެގެންނެވެ. އެ ފޯމުގައި ގޮސް، ޒޯން ޗެމްޕިއަންކަންވެސް ނެގި އިރު، ޒޯން ތިނެއްގެ ޗެމްޕިއަންކަން މާމިގިލިން ނެގީ މެޗަކުން ބަލި ނުވެއެވެ. ދިއްގަރާއެކު ޒޯނުގައި ކުޅުނު މެޗު އެއްވަރުވި ނަމަވެސް މާމިގިލިން ޗެމްޕިއަންކަން ނެގީ ފައިދާ ގޯލުގެ ތަފާތުންނެވެ.
މުހިއްމު ތަރި: ހައިޝަމް އަރީފް
- މުބާރާތުގެ ގަދަ 16 އަށް ހުޅުމާލެ ކުރި ދަތުރު:
ހުޅުމާލެއިން މުބާރާތް ފެށީ ޒޯން ބުރާ ހަމައިންނެވެ. ހުޅުމާލެއިން ފުރަތަމަ ފަހަރަށް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގަދަ 16 އަށް ނުކުންނަ އިރު، އެޓީމުން ޒޯނުގައި ކުޅުނު މެޗުތަކުގައި ހިތްވަރު ފެނިގެން ދިޔައެވެ. ހުޅުމާލެއިން ހެންވޭރާ ކުޅުނު މެޗު އެއްވަރުވި އިރު، ގަދަ 16 ޔަގީންކުރީ ފަހު މެޗުގައި ވިލިމާލެ ކަޓުވާލައިގެންނެވެ.
މުހިއްމު ތަރި: މުހައްމަދު ޒުހަލް
- މެޗު ގަޑި: 21:15
- މުބާރާތުގެ ގަދަ 16 އަށް މާލެގަން ކުރި ދަތުރު:
މާލެގަން މުބާރާތް ފެށީވެސް ޒޯން ބުރުންނެވެ. އެޓީމުން ޒޯން ހަތެއްގެ ޗެމްޕިއަންކަން ނެގީ ދެ ލެގުގެ އެގްރިގޭޓް ނަތީޖާއިން ސ. ފޭދޫ ބަލިކޮށްގެންނެވެ. މާލެގަންއިން އެ ޒޯނުގެ ޗެމްޕިއަންކަން ނެގީ ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބު ކޮށްގެންނެވެ.
މުހިއްމު ތަރި: މުހައްމަދު ނާޒިހު
- މުބާރާތުގެ ގަދަ 16 އަށް ކަނޑިތީމު ކުރި ދަތުރު:
ކަނޑިތީމުން ށ. އަތޮޅުގެ ޗެމްޕިއަންކަން ނެގީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ކޮޅަށް ގޯލުވެސް ވައްދާނުލައެވެ. ޒޯން އެކެއްގެ ފައިނަލަށްވެސް އެޓީމުން ހުރިހާ މެޗަކުން މޮޅުވެގެން ދިޔަ އިރު، އެ ޓީމުން ހަމައެކަނި ބަލިވީ ޒޯން އެކެއްގެ ފައިނަލްގައި އިހަވަންދޫ އަތުން އެކަންޏެވެ. އެ މެޗުން ކަނޑިތީމު ބަލިވި ނަމަވެސް، އެ ޓީމަކީ މުބާރާތަކުގައި އެންމެ ފޯމު ރަނގަޅުކޮށް ފެންނަ އެއް ޓީމެވެ.
މުހިއްމު ތަރި: އިބްރާހީމް ނަދާދު
- މެޗު ގަޑި: 21:15
- މުބާރާތުގެ ގަދަ 16 އަށް ރ. ދުވާފަރު ކުރި ދަތުރު:
ދުވާފަރަކީ މިހާތަނަށް މުބާރާތުގައި އެންމެ ފޯމު ރަނގަޅަށް އޮތް އެއް ޓީމެވެ. ރ. އަތޮޅުގެ ޗެމްޕިއަން ކަމާއި ޒޯން ދޭއްގެ ޗެމްޕިއަންކަން ފުވާފަރުން ހޯދީ ފޯމުގައި ކުޅެގެންނެވެ. އަތޮޅު ބުރުގައި އެޓީމުން ކުޅުނު ދެމެޗުންވެސް މޮޅުވެފައިވާ އިރު، ޒޯން ބުރުގައި ވަރުގަދަ ބ. އޭދަފުށިވެސް ބަލިކުރިއެވެ. އެޓީމުގެ ސަޕޯޓަރުންވެސް ފެންނަނީ ފޯރި ގަދަކޮށެވެ.
މުހިއްމު ތަރި: މުހައްމަދު ޖުމާން
- މުބާރާތުގެ ގަދަ 16 އަށް ސ. ފޭދޫ ކުރި ދަތުރު:
ސ. ފޭދޫ މުބާރާތް ފެށީވެސް ޒޯން ބުރުންނެވެ. އެޓީމަށް ޒޯން ހަތެއްގެ ޗެމްޕިއަންކަން ގެއްލުނީ މާލެގަން އަތުން ބަލިވެގެންނެވެ. މާލެގަންއިން އެ ޒޯނުގެ ޗެމްޕިއަންކަން ނެގީ ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބު ކޮށްގެންނެވެ.
މުހިއްމު ތަރި: ސަޔަމް ސައީދު
- މެޗު ގަޑި: 22:15
- މުބާރާތުގެ ގަދަ 16 އަށް ތ. ތިމަރަފުށި ކުރި ދަތުރު:
ތ. ތިމަރަފުއްޓަކީ އެންމެފަހުގެ ޗެމްޕިއަނުންނެވެ. އެޓީމުން އެ މަގާމު ދަމަހައްޓަން ކުރާ މަސައްކަތް އަންނަނީ ސާބިތުވެސް ކޮށްދެމުންނެވެ. އަތޮޅު ބުރުގެ ޗެމްޕިއަން ފަސޭހަކަމާއެކު ނެގި އިރު، މެޗުތަކުގައި ގިނަ ގޯލުތައްވެސް ޖެހިއެވެ. ޒޯން ބުރުގައި ދ. ކުޑަހުވަދޫ ކައިރީ ތިމަރަފުށި އެއްވަރުވި ނަމަވެސް ދެން ހުރިހާ މެޗެއްވެސް ތަފާތު ބޮޑުކޮށް ކާމިޔާބުކޮށް، ޒޯން ޗެމްޕިއަންކަންވެސް ނެގިއެވެ.
މުހިއްމު ތަރި: އިބްރާހީމް އަސްވަދު (ގަބޭ)
- މުބާރާތުގެ ގަދަ 16 އަށް އއ. މަތިވެރި ކުރި ދަތުރު:
އއ. އަތޮޅުގެ ޗެމްޕިއަން މަތިވެރި ނެގީ ސަޕޯޓަރުންގެ ފޯރިއާއެކު ރަނގަޅު ނަތީޖާތަކެއް ދައްކައިގެންނެވެ. އަތޮޅު ބުރުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗު ކާމިޔާބުކޮށް މަތިވެރިން ތަށި ނެގި އިރު، އެޓީމު ހިފެހެއްޓީ ބޮޑުފޮޅުދޫން އެކަންޏެވެ. ޒޯން ބުރުގެ ޗެމްޕިއަންކަން މަތިވެރިއަށް ގެއްލުނީ ކ. ގާފަރާ ފައިދާ ގޯލުގެ އޮތް ތަފާތަކުންނެވެ. ކުޅުނު ތިން މެޗުގެ ތެރެއިން މަތިވެރިން އެއް މެޗުން މޮޅުވެ، މަތިވެރިން ވަނީ އަނެއް ދެމެޗުން އެއްވަރު ވެފައެވެ.
މުހިއްމު ކުޅުންތެރިޔާ: މުހައްމަދު އިމްރާން (ކުޑަ އިންމަ)
- މެޗު ގަޑި: 22:15
- މުބާރާތުގެ ގަދަ 16 އަށް ހއ. އިހަވަންދޫ ކުރި ދަތުރު:
އިހަވަންދޫގެ ފޯމު ޒޯނުގައިވެސް އަތޮޅު ބުރުގައިވެސް ފެނުނީ ވަރަށް ރަނގަޅަށެވެ. އެޓީމުން ޒޯން ބުރުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެފައިވާ އިރު، ފައިނަލުން މޮޅުވެ ފައިނަލުންވެސް މޮޅުވި އެވެ. ޒޯން ޗެމްޕިއަންކަން ނެގީވެސް މެޗަކުން ބަލިނުވެއެވެ. އެ ޓީމުން ޒޯން ބުރުގައިވެސް ކުޅުނު ހުރިހާ މެޗަކުން މޮޅުވިއެވެ.
މުހިއްމު ކުޅުންތެރިޔާ: އިބްރާހިމް ހާމިދު
- މުބާރާތުގެ ގަދަ 16 އަށް ދ. ކުޑަހުވަދޫ ކުރި ދަތުރު:
ކުޑަހުވަދޫން މުބާރާތަށް ނުކުމެ އޮތީ ގަދަ 16 އާ ހަމައިން ނިންމާލަން ނޫންކަން އެޓީމުގެ ފޯމުން އެނގެއެވެ. އަތޮޅު ޗެމްޕިއަންކަން ދެ ލެގުގެ މެޗު ތަފާތު ސްކޯއަކުން ކުޑަހުވަދޫން ކާމިޔާބުކުރި އިރު، ޒޯން ބުރުގައި ލިބުނީ ގްރޫޕުގެ ދެވަނައެވެ. އެހެން ނަމަވެސް އެޓީމުން ވަނީ ޒޯން ބުރުގައި އެންމެފަހުގެ ޗެމްޕިއަން ތިމަރަފުށި ހިފަހައްޓައިފައެވެ. އެއީ ބޮޑު ކާމިޔާބީއެކެވެ.
މުހިއްމު ތަރި: ޖުމައިލް ޖަމީލް (ޖުމްބެ)
- މެޗު ގަޑި: 23:15
- މުބާރާތުގެ ގަދަ 16 އަށް ގދ. ވާދޫ ކުރި ދަތުރު:
ވާދޫ އިން ވަނީ އަތޮޅު ޗެމްޕިއަންކަން ހޯދުމުގެ އިތުރުން ޒޯންގައި ވެސް ތަފާތު ދައްކައި، ޒޯން ހައެއްގެ ޗެމްޕިއަންކަން ވެސް ހޯދައިފައެވެ. ވާދޫން އަތޮޅު ބުރުގެ ހުރިހާ މެޗެއްވެސް ކާމިޔާބު ކޮށްފައިވާ އިރު، ޒޯން ބުރުގައި ކުޅުނު ތިން މެޗުން ވާދޫ ވަނީ ދެމެޗުން މޮޅުވެފައެވެ. އެ ޒޯނުން ލ. ގަން ކަޓައިގެން ދިޔަ އިރު، ވާދޫން އެއްވަރުވީ ގަމާ ކުޅުނު މެޗުގައި އެކަންޏެވެ.
މުހިއްމު ތަރި: މުހައްމަދު އިޔާދު އަލީ
- މުބާރާތުގެ ގަދަ 16 އަށް ގދ. ވާދޫ ކުރި ދަތުރު:
ބ. އަތޮޅުގެ ޗެމްޕިއަންކަން އޭދަފުށިން ނެގީ އަތޮޅު ބުރުގެ ދެމެޗުންވެސް މޮޅުވެގެންނެވެ. އެ ފޯމުގައި ޒޯނަށް ގޮސް އެންމެފަހުގެ ރަނަރަޕް އޭދަފުށިން ގަދަ 16 އަށް ދިޔައީ ޒޯން ދޭއްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ތިން ޓީމު ވާދަކުރި ޒޯން ދޭއްގެ ޗެމްޕިއަންކަން އޭދަފުއްޓަށް ގެއްލުނީ ދުވާފަރު އަތުން ބަލިވެގެންނެވެ.
މުހިއްމު ތަރި: އަހުމަދު އަޝްރަފް (ސޮބީ)
- މެޗު ގަޑި: 23:15
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް