ރާއްޖެއަށް ފުރިހަމަ މިނިވަން ލިބުމުގައި އަވަށްޓެރި އިންޑިއާގެ ބައިވެރިވުން ވަރަށްބޮޑު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވީ، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލްގައްޔޫމު އިސްވެ ހުންނަވައިގެން އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެ، ވަގުތުން އެ ހަރަކާތް ހުއްޓުވުމަށް ރާއްޖޭގެ ސަލާމަތީ ބާރުތަކަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލައިގައި އިދިކޮޅޫ ޕީޕީއެމް މެންބަރު ނައިފަރު ދާއިރާގެ އަހުމަދު ޝިޔާމް ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

ޝިޔާމް ވިދާޅުވީ، ރާއްޖޭގައި އިންޑިއާ ސިފައިން ނެތް ކަމަށް ތަކުރާރުކޮށް ސަރުކާރުން ބުނި ނަމަވެސް ރާއްޖޭގައި އިންޑިއާ ސިފައިން އެބަތިބި ކަމަށެވެ. އަދި އިދިކޮޅުން ދައްކަނީ އިންޑިއާ އާއެކު ރާއްޖެއިން ހަދާފައިވާ އެއްބަސްވުންތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ވާހަކަ ކަމަށާއި، އެ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަން ނިގުޅައިގަނެވިގެންދާ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، 1947 ވަނަ އަހަރު އިންޑިއާއަށް މިނިވަންކަން ލިބުނުއިރު ރާއްޖެ ބަލަހައްޓަމުން ގެންގޮސްފައި ވަނީ ސިލޯނުގައި އޮތް ކޮލޯނިއަލް ސަރުކާރުގެ އެޑްމިނިސްޓްރޭޝަނުން ކަމަށެވެ. އަދި ވިދާޅުވީ "1947 ގައި ރާއްޖެއަށް މިނިވަންކަން ނުލިބި އަޅުގަނޑުމެންގެ އަވަށްޓެރި ދެ ގައުމަށް މިނިވަންކަން ލިބުނު ސިއްރެއް ހަގީގަތެއްވެސް އޮންނާނެ،" ކަމަށެވެ.

ނަމަވެސް "އަޅުގަނޑަށް އެނގިފަ އޮތް ގޮތުގައި އިބްރާހިމް ޝިހާބު، އިންޑިއާގެ ޕްރައިމް މިނިސްޓަރު ނެހުރޫއާ ބައްދަލު ކުރެއްވި، އަދި ރާއްޖެއަކީ ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި 1968 ގައި ފަހުން ކަނޑައެޅި ހަމަޖެހިފައި މިއޮތީ އިންޑިއާގެ ބައިވެރިވުން ވަރަށް ބޮޑުކޮށް އޮވެގެން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރެވެ.