މިހާރު އޮތް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން، މަސްވެރިންގެ ކަންތައްތަކަށް އިހުމާލުވަމުންދާ ކަމަށްވިދާޅުވެ، އެމްޑީޕީގެ މެންބަރު މަޑަވެލި ދާއިރާގެ މަޖިލިސް މެންބަރު ހުސެއިން ފިރުޝާން މަޖިލީހަށް މައްސަލަ ހުށަހަޅުއްވައިފިއެވެ.
މިއަދުުގެ ޖަލްސާއަށް އެ މައްސަލަ ހުށަހަޅުއްވަމުން މެންބަރު ފިރުޝާން ވިދާޅުވީ، މަޖިލިސް އިންތިހާބުގައި އެޖެންޑާ 19 ގެ ދަށުން މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމަށް ވެފައިވާ ވައުދު ސަރުކާރުން ފުއްދަމުން ނުދާ ކަމަށެވެ.
އެމްޑީޕީގެ އެޖެންޑާ 19 މެނިފެސްޓޯ އާއި މިއަދުގެ ސަރުކާރު ވެރިކަމަށް އައުމަށް އެކުލަވައިލި ރިޔާސީ މެނިފެސްޓޯގައި ހިމެނޭ އެންމެ ބޮޑު އެއް ވައުދަކީ މަހަށް ހަމައަގު ހޯދައިދިނުން ކަމަށްވެސް ފިރުޝާން ވިދާޅުވިއެވެ. އަދި އެ ވައުދު ފުއްދުމަށް ސަރުކާރުން އެއްވެސް މަސައްކަތްކެއް ނުކުރާ ކަމުގެ ޝަކުވާ މަސްވެރިން ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
މަހަށް ހަމައަގު ނުލިބުމަކީ މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކަށްވާއިރު، ތެލުގެ އަގާ އެއްވަރަށް މަހުގެ އަގު އުފުލެމުން ނުދިއުމުގެ ސަބަބުން، ތެލަށް ފައިސާ ދެއްކުމަށްފަހު، މަސްވެރިންނަށް ބަހާނެ ފައިސާނެތި، ރެއާއި ދުވާލު ކުރާ މަސައްކަތް ބޭކާރުވަމުންދާ ކަމުގެ ޝަކުވާ ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ. އަދި މަސް ކިރުވާނެ ބޯޓު ފަހަރު ނެތުމާއި، ކަމާބެހޭ ވަސީލަތްތައް ނެތުމަކީވެސް މަސްވެރިންގެ ކަންބޮޑުވުމެއްކަމަށް އޭނާ ވިދާޅުވިއެވެ.
ފިރުޝާން ވިދާޅުވީ، މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް އެޖެންޑާ 19 އިން ވީ ވައުދާ އެއްގޮތަށް 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން މަސްވެރިކަމާބެހޭ ގާނޫނު ފާސްކޮށްފައިވީނަމަވެސް އެ ގާނޫނު ތަންފީޒު ކުރުމަށް ސަރުކާރުން ފަހަތު ފަޔަށް ބަރުވެފައިވާ ކަމަށެވެ.
އެގޮތުން ގާނޫނުގައި ބުނެފައިވާ، މަސްވެރިކަމުގެ މެނޭޖްމެންޓް ޕްލޭންތައް ހަދައި ތަންފީޒު ކުރަން ސަރުކާރުން ފަސްޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
މަސް ޕްރޮސެސް ކުރާ ތަންތަނާއި، ގޭދޮށު މަސްފެކްޓްރީތަކާއި އައިސްޕްލާންޓްތައް ހެދުމުގައި އަމަލުކުރާނެ ގޮތް ގާނޫނުގައި އޮތްނަމަސް އެކަމަށް ސަރުކާރުން ޖާގަ ފަހިކޮށްނުދޭ ކަމަށްވެސް ވިދާޅުވިއެވެ. އެއީ މަސް ބަންދު ކުރާ ފެކްޓްރީތައް ހިންގުމުގައި އުޅޭ، ސަރުކާރާ ގުޅުން ހުރި ބޮޑެތި ވިޔަފާރިވެރިންގެ ބާރާއި ނުފޫޒުން ކަމަށްވެސް ވިދާޅުވިއެވެ.
މި މައްސަލައަށް މަޖިލިސް ތަޅުމުގައި ބަހުސްކުރަން ފާސް ކުރީ ޖަލްސާގައި ތިއްބެވި 29 މެންބަރުންގެ ތެރެއިން 23 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު