ވިލިމާލެ ކޮމިއުނިޓީ ގާޑެން ރަސްމީކޮށް ހުޅުވައިފިއެވެ.
ވިލިމާލެ ކޮމިއުނިޓީ ގާޑެން ރަސްމީކޮށް ހުޅުވުމަށް އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ވިލިމާލެ ކައުންސިލް ދާއިރާގެ މެންބަރު ނަހުލާ އަލީ އަދި ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ. ވިލިމާލެ ކޮމިއުނިޓީ ގާޑެންއަކީ ޑރ. މުއިއްޒު އާއި އެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީގެ ކެމްޕޭނު ވައުދެކެވެ.
ކޮމިއުނިޓީ ގާޑެން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ، އެ ކައުންސިލުން އަބަދުވެސް މަސައްކަތްކުރަނީ ކަނބަލުން އިގްތިސޯދީ ގޮތުން ބާރުވެރިކުރުވުން ކަމަށެވެ. ޑރ. މުއިއްޒު ވިދާޅުވީ، ވިލިމާލެ ކޮމިއުނިޓީ ގާޑެން ހުޅުވިގެން ދިޔުމަކީ ގަސް އިންދަން ލޯބިކުރާ ފަރާތްތަކުގެ އުއްމީދު ހަގީގަތަކަށްވެގެންދިޔުން ކަމަށެވެ.
އޭނާ ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން އަބަދުވެސް އިސްކަމެއްދެނީ ރައްޔިތުން ކުރަން ބޭނުންވާ މަސައްކަތްތަކަށް މަގުފަހިކޮށްދީ ކަނބަލުންނާއި ޒުވާނުން އިގްތިސޯދީ ގޮތުން ބާރުވެރިކުރުވަން ކަމަށެވެ.
"އަޅުގަނޑުމެން މިކައުންސިލުން ވަރަށް އިސްކަމެއްދެން ކަނބަލުންނަށް ހާއްސަ ގޮތެއްގައި އަދި ޖުމްލަ ގޮތެއްގައި ހުރިހާ ރައްޔިތުންނަށް ވެސް އެ ރައްޔިތުން ކުރަން ބޭނުންވާ މަސައްކަތްތަކުގެ މަގުފަހިކޮށްދިނުމަށް، އަޅުގަނޑުމެން މިދައުރުގެ މި ކައުންސިލްގެ ސްޓެރެޖިކް އެކްޝަން ޕްލޭން މުޅި ކައުންސިލުގެ އިއްތިފާގުން ފާސްކުރިއިރު ވަރަށް ބޮޑު އަހަމިއްޔަތުކަމެއްދީފަ އޮތް ކަމެއްމީ ކަނބަލުންނާއި ޒުވާނުންނާ އިގްތިސޯދީ ގޮތުން ބާރުވެރިކުރުން، އެހެންވީމާ މިއަދު މިތަނުގައި ރަސްމީކޮށް މި ކޮމިއުނިޓީ ގާޑެން ހުޅުވިގެންދާއިރު އަޅުގަނޑުމެން ތިބޭފުޅުންނަށް މިދޭ ފުރުސަތަކީ މިތަނުގެ ބޭނުން ކޮށްގެން އާމްދަނީ ހޯދަން، އިރާދަކުރެއްވިއްޔާ މިއަދުން ފެށިގެން ތިބޭފުޅުންނަށް މިގާޑެން ނުވަތަ މި ބަގީޗާގެ ބޭނުން އިގްތިސޯދީ ގޮތެއްގައި ލިބިގެންމިދަނީ، އެކަމުގައި އަޅުގަނޑުމެން ހަމަ ތިބޭފުޅުންނަށް މަރުހަބާ ދަންނަވަން، ޑރ، މުއިއްޒު ވިދާޅުވިއެވެ.
ޑރ. މުއިއްޒު ވިދާޅުވީ، ކަނބަލުންނަކީ މުޖުތަމައު ކުރިއެރުވުމަށް ވަށް މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށެވެ. އަދި ކައުންސިލްގެ ބޭނުމަކީ އިގްތިސޯދީ ގޮތުން ކުރިއެރުން ހޯދަން ބޭނުންވާ ފަރާތްތަކަށް އެކަމަށް މަގުފަހިކޮށްދިނުން ކަމަށެވެ.
"ކަނބަލުންނަކީ މުޖުތަމައެއް ކުރިއެރުވުމުގައި އެންމެ މުހިންމު އެއް ދައުރު އަދާކުރާ އެއް ފަރާތް، އަދި އިސްރަށްވެހިންނާއި ޒުވާނުންނާއި ހަރު އުމުރުގެ ހުރިހާ ފަރާތްތަކާއި ޖުމްލަ ގޮތެއްގައި ހުރިހާ ފަރާތްތަކާއި މުޅި މުޖުތަމައުގެ ހުރިހާ ގިންތިއެއްގެ މީހުންނަކީ އެކިވަރުވަރުން މުޖުތަމައު ކުރިއަރެވުމަށް އެކިކަހަލަ މަސައްކަތްކުރާ ފަރާތްތައް. މާލެ ސިޓީގައި މި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް މިގޮތަށް އިގްތިސޯދީ ގޮތުން ކުރިއެރުން ހޯދަން ބޭނުންވާ ފަރާތްތަކަށް މި ކައުންސިލްވާން ބޭނުންވަނީ އެކި ގޮތްގޮތުން ފުރުސަތު ފަހިކޮށްދޭ ބަޔަކަށް، އެއީ ގަސް ހައްދައިގެން ގަސް ވިއްކުން ކަމުގައިވިޔަސް އުފެއްދުންތަރިކަމުގެ އެކިކަހަލަ ތަކެތި އުފައްދައިގެން ވިއްކައިގެން ކަމަށްވިޔަސް އެކި ގޮތްގޮތުން އެ ފުރުސަތު ދޭން ބޭނުންވޭ" ޑރ. މުއިއްޒު ވިދާޅުވިއެވެ.
އިގްތިސޯދީ ގޮތުން ކަނބަލުން ބާރުވެރިކުރުވުމުގެ ގޮތުން މާލޭ ސިޓީގެ ކޮންމެ އަވަށެއްގައި ތަރުކާރީ މާރުކޭޓެއް ހަދަން އިއުލާންކޮށްފައިވާ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ، މުއިއްޒު ވިދާޅުވީ، ވިލިމާލެ ލޭންޑް ޔޫސް ޕްލޭނަށް އެއްވެސް ބަދަލެއް ގެންނާނީ ރައްޔިތުންނާ މަޝްވަރާކުރުމަށްފަހު ރައްޔިތުން ބޭނުންވާނަމަ ކަމަށެވެ. އަދި ވިދާޅުވީ ކޮމިއުނިޓީ ގާޑެން ވެސް ހުޅުވާފައިވަނީ ރައްޔިތުން ހިޔާލުދިން ސަރަހައްދުގައި ކަމަށާއި، އެހެން ތަނަކަށް ކޮމިއުނިޓީ ގާޑެން ބަދަލުކުރާނީ ވެސް ރައްޔިތުންގެ އެކަމަށް ބޭނުންވާނަމަ ކަމަށެވެ.