ދުނިޔޭގެ މޫސުމާ ބެހޭ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޑަބްލިއު.އެމް.އޯ. އިން ތަފާތު ހަރަކާތްތައް ރާވައިފައިވާއިރު މޫސުމާ ބެހޭ ގޮތުން ކުރާ ދިރާސާތަކާއި ހޯދޭ އާ ހޯދުންތައްވެސް އަންނަނީ ދުވަހެއް ދުވަހަކަށް ފުޅާވަމުންނެވެ. މޫސުން ލަފާ ކުރާ ގޮތް ހޯދައި ބަލައި، އެކަން ދުނިޔޭގެ އެންމެނާ ހަމައަށް ފޯރުކޮށްދޭ ބަޔަކު ތިބީތީ އުފާ ކުރަން ޖެހެއެވެ. ދުނިޔޭގެ އެކި ދިމަދިމާގައި ތަފާތު ގުދުރަތީ ހާދިސާތައް ހިނގައި އެހާދިސާތަކުގެ ޝިކާރައަކަށްވެ ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ގެއްލެއެވެ.
ރާއްޖޭގެ މޫސުމީ ލަފާ ކުރުންތަކުގެ މާޒީއަށް ބަލާއިރު 1942އިން ފެށިގެން ރާއްޖޭގައި މޫސުމީ ލަފާކުރުމުގެ އިދާރީ މަސައްކަތްތައް، 'މޯލްޑިވްސް މީޓިއޮރޮލޮޖީ ސާވިސް'ގެ ނަމުގައި ވަނީ ފަށާފައެވެ. 1968ގައި މޫސުމީލަފާކުރުންތަކުގެ ރެކޯޑްކޮށް ބެލެހެއްޓެން ފެށިއެވެ. ހާއްސަކޮށް ފާހަގަކޮށްލަން ޖެހޭ ތާރީހީ ދުވަސް ޑަބްލިއު.އެމް.އޯ، އާދެ ވޯލްޑް މީޓިއޮރޮލޮޖިކަލް އޮގަނައިޒޭޝަންގެ މެމްބަރެއްގެ ގޮތުގައި ދިވެހިރާއްޖެ ރެޖިސްޓްރީ ކުރި ތާރީހީ ދުވަހަކީ 1 ޖޫން 1978މ.އެވެ. ފުރަތަމަ ފަހަރަށް ރާއްޖޭގައި މޫސުމާބެހޭ ގޮތުން ވެދަފޯކާސްޓް ކުރެވުނީ 1984ގައެވެ. މިފަދަ އެތައް ހާއްސަ ދުވަސްތަކެއްގައި އެކިކަންތައް އިފްތިތާހުކޮށް ހެޔޮބަދަލުތަކާއެކު ކުރިއަރައިގެން އައި ދިވެހިރާއްޖޭގެ މޫސުންލަފާކުރާ މައި އިދާރާ ހުންނަނީ ހުޅުލޭގައެވެ.
މޫސުން ލަފާ ކުރުމުގެ ހޯދުންތަކާއި އެކަމަށް ހޭލުންތެރި ކުރެވުމުގެހެޔޮ ނަތީޖާއަކީ މިހާރަކަށް އައިސް ޔެލޯ އެލާޓް، ރެޑްއެލާޓް، އަދި ވައިޓްއެލާޓްވިޔަސް އެއްވެސް އިންޒާރެއް މިއިން އޮފީހަކުން ދީފި ނަމަ ހުރިހާ އެންމެންވެސް ކަމަށް ތައްޔާރުވެ ފިޔަވަޅު އަޅައެވެ. އެހެންނަމަވެސް އަދިވެސް ބައެއް ކަހަލަ ހިތާމަވެރި ހާދިސާތައްވެސް ހިނގައެވެ.
އެދުވަހެއްގެ ހަނދާންތައް ފިލައިގެން ނުދާނެ ހާދިސާއެއްކަމަށްވާ، ސުނާމީއަށް ފަހު މިހާރު ސުނާމީއެއްގެ އިންޒާރު ކިރިޔާވެސް ދީފި ނަމަ ކޮންމެ ދިވެއްސަކުވެސް ހުޝިޔާރުވާކަން އެއީ މޫސުން ލަފާ ކުރުމަށް އިތުބާރު ކުރާކަމުގެ ހެއްކެކެވެ. ހަމައެހެންމެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އޮތީ މިފަދައިން ނެރެވޭ އިންޒާރުތަކާއި މޫސުމީ ލަފާކުރުންތަކަށް ސަމާލުވުމުގައިކަންވެސް މިއަދު ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އެހެންނަމަވެސް ބައެއް ފަހަރު މިގޮތަށް ނެރެފައި ހުންނަ އިންޒާރުތަކަށް ނުބަލައި، ސަަމާލު ނުވެ އަމިއްލަ ހިޔާލަށް އަމިއްލަ ވިސްނުމަށް ކަންތައް ކުރުުމުގެ ހިތި ނަތީޖާއާ ވެސް ކުރިމަތިލާން ޖެހިފައި ވެއެވެ.
ކައިރި މާޒީއެއްގައި ޔެލޯއެލާޓް ނެރެފައި އޮތް ދުވަހެއްގައި ކަނޑުމަޑުވި ގަޑީގައި އަވަހަށް ދަތުރުކުރުމުގެ ނިޔަތުގައި ނުކުތް ދޯންޏެއް ހާދިސާއެއްގެ ޝިކާރައަކަށް ވެ އެދޯނީގައި ދަތުރުކުރި އާއިލާއަކަށް ދިމާވި ހިތާމަވެރި ހާދިސާއަކީ ހަމަގައިމުވެސް އަދިވެސް ހިތްތަކުން ފިލައިނުގޮސް ހުރި ހަނދާނަކަށްވާނެއެވެ. މިދިޔައަހަރުގެ އޮކްޓޯބަރުމަހުގެ 16ވަނަ ދުވަހު ހަވީރު ކ.މާލެއިން، ވ.ފުލިދޫއަށް ދާން ދަތުރު ފެށި ޑްރީމް ސްޕީޑް-2ގެ، ސަންސިޔާމް އޮޅުވެލި ފަސްދީ، މޭލެއްހައި ބޭރުން ދަތުރުކުރަނިކޮށް ދިމާވި މި ހިތާމަވެރި، ނުރައްކާތެރި ހާދިސާގައި އާއިލާއެއްގެ އެއްބައި އަބަދުގެެ އަބަދަށް ދުނިޔެއާ އަލްވަދާއުކީއެވެ. ލޯންޗުން ދަތުރު ކުރި ޖިނާހުގެ އަނބިމީހާ 33އަހަރުގެ މަރިޔަމް ނާހިދާ ސަލާމަތްކުރެވުނު އިރުވެސް ވަނީ ހަށިގަނޑާ ފުރާނަ ވަކިވެގޮސްފައެވެ. އެހެންނަމަވެސް ޖިނާހާއި ނާހިދާގެ 4 އަހަރުގެ ލޮބުވެތި ދަރިފުޅު ޖުވެއިލް ޖިނާހް ކަނޑުވެ މިއަދާ ހަމައަށްވެސް ވަނީ ނުފެނިފައެވެ. މިހާދިސާއަކީ މޫސުމީ ލަފާކުރުންތަކާ ދެކޮޅަށް ކުރި ދަތުރެއްގެ ހިތިނަތީޖާއެވެ.
ރާއްޖޭގައި ދޭތެރޭއަކުން އަބަދުވެސް މިކަހަލަ ކަނޑުމަތީގެ ހިތާމަވެރި ހާދިސާތައް ހިނގާކަން ހިތާމައާއެކު ފާހަގަކުރަން ޖެހެއެވެ.
އޮންނަނީ އެންމެ މޫސުމޭ، ސްނޯއެއް ނުފައިބައޭ، ފަތް ފައިބާ ތަނެއް ނުފެނެއޭ، ގަނޑުފެނެއް ނޯވެއޭ، މިކަހަލަ ޝަކުވާތައް ހިތަށް އަރާއިރު ނޫނީ ބައެއް ރައްޓެހިންނާއެކު ހިއްސާކޮށް އެކަމާ ދެރަވާއިރު އެއްފަހަރުވެސް އެއީ ކިހާބޮޑު ނަސީބެއްތޯ ވިސްނައިލެވުނުބާވައެވެ؟ އެންމެ ދެމޫސުން އޮތުމުގެ ސަބަބުން ނުފެންނަ ކަންތައްތައް އެއީ ހެޔޮނަސީބެއްކަން ވިސްނާލީމަ އެނގޭނެއެވެ. ރާއްޖެއިން ބޭރު އިޓަލީގެ ޕައްލަންޒާގައި ދިރިއުޅޭ ދިވެހީންގެ ތެރެއިން މީހަކާ އޭނާގެ ދިހަ އަހަރުގެ ދަރިފުޅާ ކޮށްލި ސުވާލެއްގެ ޖަވާބުގައި ބުނެފައިވެއެވެ.
"މިތަނުގައި އުޅޭއިރު ވަޒީފާވެސް އޮންނަނީ ސީޒަންވައިސްކޮށް. ސްނޯމޫސުމުގައި ވަރަށް ބަލިވޭ. ފިންޏަށް ބަލިމީހެއްވީމަ. އެކަހަލަ ވަގުތުތަކުގަ ހިތަށް އަރާ ރާއްޖެ އަސްލު އެއީ ހާދަ ފަސޭހަ އަރާމު ތަނެކޭ. އެކަމަކު ކީއްކުރާނީ. މިހާރުދެން މީ މިތަނުގެ ބަޔަކަށްވީވިއްޔަ. ދަރިފުޅުވެސް ގެންދިޔަ ދެފަހަރުވެސް އަނބުރާ އަންނާކަށް ބޭނުމެއްނުވި. މިތަނުގަ ވިންޓާގަ ހަމަމުޅިންވެސް ގޭގަ ތިބޭނީ. ސްނޯ ތެރެއަށް ކޮންމެކޮންމެ ދުވަހަކު ނުނިކުންނާނެ ބޭރަކަށް. ރަށަށް ދިޔައިމަ ބޮޑު ތަނެއްގައި މިނިވަންކަން ލިބުނީމަ ދަރިފުޅު ހީވީ ހަމަ މޮޔަވިހެން. ފުރަން އޮތް ދުވަހު އެވަރަށް ރޮއިވެސް ހެދި."
"އެލީ މިހާރު ރާއްޖެއަށް ގޮސް ރާއްޖެ އެނގުމުން، ޕައްލަންޒާ ކަމަކު ނުދޭ. ރާއްޖެއަކު މޫސުމީ ބިރުގަތުމެއް ނޯވޭ. މިތަނުގައި ޑޭންޖަރ އޮވޭ. ސްނޯކަހަލަ ކަންތައް އެއީ ބައެއްފަހަރު އެފެންނަ ކަހަލަ ކަމެއްނޫން."
ތެދެކެވެ. ރާއްޖޭގެ މޫސުން ލަފާ ކުރާ ފަރާތްތަކަށްވެސް ބޭރުގައުމުތަކުގެ ހަތަރު މޫސުމަށް މަަސައްކަތް ކުރާ ފަރާތްތަކާ އަޅައި ބަލާއިރު ފަސޭހަކަމެއް ހުންނާނެއެވެ. އެހެންނޫނަސް ދެމޫސުން އޮތުމަކީ ދެރަނަސީބެއް ނޫނެވެ. އެއީ ވިސްނާލައިފިނަމަ ހެޔޮ ނަސީބެކެވެ.
އިއްޔެއަކީ ދުނިޔޭގެ މޫސުމީލަފާ ކުރާ ދުވަސްކަމަށްވާއިރު މި ތާރީހުގައި ކޮންމެ ދިވެހި ފަރުދަކުވެސް މޫސުންލަފާ ކުރާގޮތާމެދު ސަމާލުވެ އޭގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް އަޒުމު ކަނޑައަޅައި އެގޮތަށް ހިތްވަރުކުރަމާ ހެއްޔެވެ؟ މޫސުން ލަފާކުރާގޮތް ދެނެގަނެ އެކަމަށް ސަމާލުވެ ދޭ އިރުޝާދުތަކާ އެއްގޮތަށް މަސައްކަތް ކުރުމުން، ގެއްލުމާއި އަނިޔާތަކުން ސަލާމަތްވެ ރައްކާތެރިވުމުގެ ފުރުސަތު އޮންނާނެއެވެ. ހަރުބަހުގައި ބުނާހެން "ރައްކާވެތިބިއްޔާ ދަތުރެވެ!"
މޫސުމް
މޫސުމް
މޫސުމް
މޫސުމް