ތައިލެންޑުގެ ދެކުނުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެއެވެ.
މިއީ ވޭތުވެދިޔަ ދުވަސްތަކުގައި މޫސުން ގޯސްވެ، މޫސުމީ ވިއްސާރައިގައި މެދުނުކެނޑި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކުރިމަތިވި ހާލަތެކެވެ. ތައިލެންޑުގެ ނޭޝަނަލް ވޯޓަރ ރިސޯސަސް އޮފީހުން ނެރުނު ރިޕޯޓުގައިވާ ގޮތުން ދެކުނުގެ ޔާލާ ޕްރޮވިންސަށް 137 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ހުޅަނގުގެ ޕެޗަބުރީ ޕްރޮވިންސަށް ވަނީ 126 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.
މުޅި ތައިލެންޑުގެ ފެން ރައްކާކުރާ ނިޒާމުތަކުގެ ޖުމްލަ ކެޕޭސިޓީގެ 82 އިންސައްތަ މިހާރު ވަނީ ފުރިފައެވެ. އެންމެ ނުރައްކާތެރި ހާލަތެއްގައި އޮތީ ހުޅަނގު ސަރަހައްދުގެ ކުޅިތަކާއި ޑޭމްތައް ކަމަށްވާއިރު، އެ ތަންތަނުގައި 27,246 މިލިއަން ކިއުބިކް މީޓަރުގެ ފެން މިހާރު ވަނީ ރައްކާކުރެވިފައެވެ.
މި ވިއްސާރައިގެ ސަބަބުން ތައިލެންޑުގެ 21 ޕްރޮވިންސަކުން 3.14 މިލިއަނަށްވުރެ ގިނަ މީހުންނަށް ވަނީ ސީދާ އަސަރުކޮށްފައެވެ. ގައުމުގެ އިރުމަތީގެ ބޭންގް ޕަކޮންގް ކޯރުގެ ސަރަހައްދުގައި ފެންބޮޑުވެފައިވާތީ، ފެން ހިންދުމުގެ މަސައްކަތް އަވަސްކުރުމަށް އިތުރު ޕަންޕުތައް ވަނީ ބަހައްޓާފައެވެ.
މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރާ ގޮތުގައި ތައިލެންޑުގެ އުތުރުގެ ސަރަހައްދުތަކަށް ވާރޭވެހުން މަދުވި ނަމަވެސް، ދެކުނުގެ ސަރަހައްދުތަކަށް ކުރިއަށް އޮތް ދުވަސްތަކުގައިވެސް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. އެހެންކަމުން ކުއްލި ފެންބޮޑުވުމާއި ކުރިމަތިވެދާނެ ކަންކަމަށް ސަމާލުވެ، ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
ތައިލެންޑް
ތައިލެންޑް
ތައިލެންޑް
ތައިލެންޑް
ކޮމެންޓް