ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އިރުމަތީ އަދި ފަރުބަދަމަތީ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ވާދީތަކުގައި ފެންބޮޑުވެއްޖެއެވެ.

މި ނުރައްކާތެރި މޫސުމީ ބަދަލާއެކު ޝާރްޖާ އާއި ހައްތާގެ ގިނަ ސަރަހައްދުތަކަކަށް ވަނީ ބޯކޮށް ވާރޭވެހިފައެވެ. މީގެ އިތުރުން ފަރުބަދަތަކުގެ ދޭތެރެއިން އުފެދިފައިވާ ވާދީތަކުގައި ފެންބޮޑުވެ، މަގުތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ވަނީ ހިނގައިފައެވެ.

އެ ގައުމުގެ ނޭޝަނަލް ސެންޓަރ އޮފް މީޓިއޮރޮލޮޖީން ބުނާގޮތުގައި، އިރުމަތީ ސަރަހައްދުތަކުގައި ވަނީ ވަރުގަދަ ވިލާތައް އުފެދިފައެވެ. ޝާރްޖާގެ މްލެއިހާ އާއި އަލް މެޑަމްގެ އިތުރުން ހައްތާ މަގަށް ބޯކޮށް ވާރޭވެހިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

މޫސުމާ ބެހޭ އިދާރާއިން ބުނި ގޮތުގައި މި ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް ގައުމުގެ ތަފާތު ސަރަހައްދުތަކަށް ވާރޭވެހުން އެކަށީގެންވެއެވެ. ވާރޭވެހޭ ވަގުތުތަކުގައި ވައިގެ ބާރުމިން ގަޑިއަކު 45 ކިލޯމީޓަރަށް އަރާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.

ގަދަ ވައިގެ ސަބަބުން ވެލި އުފެދި ފެންނަ މިންވަރު ދަށްވުމުގެ ފުރުސަތު އޮތުމުން ރައްކާތެރިވުމަށް އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. ފެންބޮޑުވެފައިވާ ވާދީތަކަށާއި ނުރައްކާތެރި ސަރަހައްދުތަކަށް ދަތުރު ނުކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިރުޝާދު ދީފައެވެ.