ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، ނެޝަނަލް މީޓީއޮރޮލޮޖިކަލް ސެންޓާ (މެޓް) އޮފީހުން ބުނެފިއެވެ.
އެ އޮފީހުން ބުނީ މި ދުވަސްވަރަކީ އެލްނީނޯގެ ދުވަސްވަރަކަށްވުމާއެކު، ކުއްލިއަކަށް މޫސުން ގޯސްވެ ވިއްސާރަވާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވެ ވިއްސާރަ ކުރަމުންދާ ކަމަށާއި، މިއަދު އެންމެ ބޮޑަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވެނީ ރާއްޖޭގެ ދެކުނަށް ކަމަށްވެސް ބުނެފައިވެއެވެ.
އެގޮތުން ވައިގެ ބާރުމިން ހުންނާނީ، ފަސް މޭލާއި 15 މޭލާ ދެމެދުގައި ކަމަށާއި، ނަމަވެސް ކަނޑުތައް މަޑުވާނެ ކަމަށް އެ އޮފީހުން ވަނީ އަންދާޒާ ކޮށްފައެވެ.
މިދުވަސްތަކުގައި ވިސިބިލިޓީ ނުވަތަ ދުރު ފެންނަ މިންވަރުވެސް ދަށް ކަމަށާއި އެގޮތުން އާއްމުގޮތެއްގައި ނުވަ ކިލޯ މީޓަރުގައި ހުންނައިރު މިވަގުތު ދުރު ފެންނަ މިންވަރު ހުރީ ހަތް ކިލޯމީޓަރުގައި ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.
ނަމަވެސް ގއ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމަޔަށް މެޓުން ވަނީ ހުދު ސަމާލު ނެރެފައެވެ. މިއަތޮޅުތަކަށް ހުދު ސަމާލު ނެރެފައިވަނީ، މިއަދު މެންދުރު 13:15 އިން ފެށިގެން މިރޭ 19:00 އަށެވެ.
މެޓް އޮފީހުން ބުނީ ހުދު ސަމާލު ނެރެފައިވާ ގަޑިތަކުގައި މިސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
އިބްރާހިމް ޒަކީ
މޫސުމް
މޫސުމް
މޫސުމް
ކޮމެންޓް