މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓު އޮފީހުން ވަނީ ބ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ރަށްތަކާ ހަމައަށް ހެނދުނު 9:30 އިން މެންދުރު ފަހު 1:00 އަށް ޔެލޯ އެލާޓު ނެރެފައެވެ. އެ އަތޮޅުތަކުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުނެއެވެ . ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކޮށް ށ. އަތޮޅުން ފެށިގެން އައްޑޫއާ ހަމައަށް ވަނީ ހުދު އެލާޓު ނެރެފަ އެވެ.

މެޓް އޮފީހުން ބުނީ މި ދުވަސްވަރަކީ އެލްނީނޯގެ ދުވަސްވަރަކަށްވުމާއެކު، ކުއްލިއަކަށް މޫސުން ގޯސްވެ ވިއްސާރަވާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވެ ވިއްސާރަ ކުރަމުންދާ ކަމަށެވެ.

އެގޮތުން ވައިގެ ބާރުމިން ހުންނާނީ، ފަސް މޭލާއި 15 މޭލާ ދެމެދުގައި ކަމަށާއި، ނަމަވެސް ކަނޑުތައް އާންމުގޮތެއްގައި މަޑުވާނެ ކަމަށް އެ އޮފީހުން ވަނީ އަންދާޒާ ކޮށްފައެވެ.

މިދުވަސްތަކުގައި ވިސިބިލިޓީ ނުވަތަ ދުރު ފެންނަ މިންވަރުވެސް ދަށް ކަމަށާއި އެގޮތުން އާއްމު ގޮތެއްގައި ނުވަ ކިލޯ މީޓަރުގައި ހުންނައިރު މިވަގުތު ދުރު ފެންނަ މިންވަރު ހުރީ ހަތް ކިލޯމީޓަރުގައި ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.