ޅ. ކުރެންދޫ ކައުންސިލުގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަނާ ދިމާކޮށް އެރަށުގައި 50 ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

ކުރެންދޫ ކައުންސިލުގެ ރައީސަކަށް ހުންނެވި އެމްޑީޕީގެ އިބްރާހިމް ޝިމާއު އިސްތިއުފާދެއްވުމާ ގުޅިގެން، އާ ރައީސަކު ހޮވުމަށް ވޯޓުލުމަށް ހަމަޖައްސާފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެ އިންތިހާބުގައި ވާދަކުރައްވަނީ ޕީޕީއެމްގެ ކެންޑިޑޭޓް އިސްމާއިލް މަދީހު އާއި އެމްޑީޕީގެ ކެންޑިޑޭޓް އަލީ ނަސީމު (ނަސިމްބެ) އެވެ. މަދީހަކީ ޝިމާއު މަގާމަށް އިންތިހާބުވުމުގެ ކުރިން ރައީސަކަށް ހުންނެވި ބޭފުޅާއެވެ. މިދިޔަ އަހަރުގެ އިންތިހާބުގައި މަދީހު ވާދަކުރެއްވި ނަމަވެސް، އޭނާއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާންގައި ކުރެންދޫގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 50 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއަށް ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، ބީލަމުގައި ބައިވެރިވެވޭނީ ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެ މަތިން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށެވެ. މި ބީލަމުގައި ބައިވެރިވެވޭނީ އެ ރަޖިސްޓަރީގެ GC01 ގެ ގްރޭޑް 01- ,GC01 02- GC01-04, GC01-03, GC01 އަދި GC01-05 އަށް ޝަރުތު ހަމަވާ ފަރާތްތަކަށެވެ.

މި ބީލަމުގައި ބައިވެރިވުމަށް  500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ މިމަހުގެ 21 އިން އަންނަ މަހުގެ 14 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް (ރަމަޟާން މަހު ހެނދުނު 9:30 އިން މެންދުރުފަހު 1:00 އަށް) ފިނޭންސްުގެ އޮންލައިން ޕޯޓަލް - ބަނޑޭރި ޕޭ  (https://bandeyripay.finance.gov.mv)  މެދުވެރިކޮށެވެ.

ފައިސާ ދެއްކުމަށް ފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދާއެކު އީމެއިލް ފޮނުވަން ޖެހެއެވެ.

މި މަޝްރޫއުގެ ބިޑްސެކިއުރިޓީގެ ގޮތުގައި 255,000 (ދެލައްކަ ފަންސާސް ފަސްހާސް) ރުފިޔާ ނުވަތަ އެ އަދަދާ އެއްވަރު އަދަދެއްގެ ޑޮލަރުން ހުށަހަޅަން ޖެހޭއިރު ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

ކުރެންދޫ ބައި އިލެކްޝަންގެ ކެމްޕެއިނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްވެސް އެރަށަށް ވަޑައިގެންފައިވެއެވެ.