ބިސްގަނޑެއް އަޅައިދޭން ބުނުމުން ހިނގި ދެބަސްވުމެއްގައި، އދ. އެއްލައިދޫ ރިސޯޓުގައި މާރާމާރީއެއް ހިންގައި މަރާލި ސްރިލަންކާ ރައްޔިތެއް ކަމަށްވާ ޕަތުމް ދިލްޝަންގެ ޕޯސްޓުމޯޓަމް ރިޕޯޓު، ހެކީގެ ގޮތުގައި ބަލައިނުގަތުމަށް އެ މައްސަލައިގައި ދައުވާ ލިބޭ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާ (42އ)ގެ ފަރާތުން ކުރިމިނަލް ކޯޓުގައި މިއަދު އެދިއްޖެއެވެ.

މިއީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ދިހަވަނަ ދުވަހުގެ ރޭ އެ ރިސޯޓުގެ ކައްކާއަކަށް އުޅުނު ލަންކާ ރައްޔިތެއް ކަމަށްވާ ޕަތުމް ދިލްޝަންގެ ކައިރީގައި ބިސްގަނޑެއް އަޅައިދިނުމަށް އެ ރިސޯޓުގައި މަސައްކަތްކުރާ ހަމަ އެގައުމުގެ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާ އެދުމުން ހިނގި ދެބަސްވުމެއް މާރާމާރީއަކަށް ބަދަލުވެގެން ގޮސް ވަޅިއަކުން ޕަތުމްއަށް ހަމަލާދީ މަރާލާފައިވާތީ ކުރާ ދައުވާއެކެވެ.

މި މައްސަލަައިގައި ޖަޔަލަތުއަށް ދައުލަތުން ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ އެ މާރާމާރީގައި ޕަތުމް މަރާލީ، ހައެއްކަ އިންޗީގެ ވަޅިއެއް އޭނާގެ ކަރުން ތިރިއަށް މޭމައްޗަށް ހަރާލައިގެން ކަމަށެވެ. އެ ހަމަލާއާ ގުޅިގެން ޕަތުމް މަރުވީ އެއްލައިދޫ ރިސޯޓުގެ ކްލިނިކު ތެރޭގައި ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލައިގައި ގަސްތުގައި މީހަކު މެރުމުގެ ދައުވާ ޖަޔަލަތުގެ މައްޗަށް ދައުލަތުން ވަނީ ކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ޖަޔަލަތު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހަން އދ. މަހިބަދޫ ކޯޓަށް ގެންދިއުމުން އޭނާގެ އަތުން ޕަތުމް މަރުވި ކަމަށް އިއުތިރާފުވިއެވެ. އަދި ފުލުހުންނަށްވެސް އިއުތިރާފު ބަޔާނެއް ދިނެވެ. ނަމަވެސް ފަހުން އޭނާ ދައުވާއަށް އިންކާރުކޮށްފައިވުމުން ދައުލަތުން ނިންމީ ހެކި ހުށަހަޅައިގެން މައްސަލަ ކުރިއަށް ގެންދިއުމަށެވެ.

އެ މައްސަލައިގެ ހެކީގެ ގޮތުގައި ދައުލަތުން ވަނީ ޕަތުމް ދިލްޝަންގެ ޕޯސްޓުމޯޓަމް ރިޕޯޓެއް ހުށަހަޅާނެ ކަމަށް ކުރިން ވިދާޅުވެފައެވެ. އެ ޕޯސްޓުމޯޓަމް ހަދާފައިވަނީ ސްރިލަންކާގެ ހޮސްޕިޓަލަކުންނެވެ.

ކުރިމިނަލް ކޯޓުގައި މިއަދު އޮތް އެ މައްސަލައިގެ ޝަރީއަތުގައި ދައުވާ ލިބޭ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ ދިފާއީ ވަކީލު އިބްރާހީމް ޝިޔާމް ވިދާޅުވީ، ސްރިލަންކާއިން ތައްޔާރުކުރި އެ ޕޯސްޓްމޯޓަމްގެ ރިޕޯޓު ހޯދަން ދައުލަތުން އެދިފައިވާ އިރު، އޭނާގެ މުވައްކިލުގެ މައްޗަށް ފޯމާއެކު އެ ލިޔުންތައް ލިބުމުން ހުށަހަޅާނެ ކަމަށް ދައުލަތުން ކޯޓަށް އަންގާފައިވާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ތިން އަހަރު ވެގެންދާއިރު ވެސް ޕަތުމް ދިލްޝަންގެ މަރުގެ ފުރިހަމަ އަދި ސައްހަ ރިޕޯޓެއް ކޯޓަށް ހުށަހަޅާފައިނުވާ ކަމަށެވެ. އަދި މައްސަލަ ހިނގަމުންދާއިރު އުފަންވާ ހެއްކެއް، ބަލައިގަންނާނެ ވަކި ތާރީހެއް ކަނޑައެޅުއްވުމަށް ޝިޔާމް ވަނީ އެދިވަޑައިގެންފައެވެ.

ދިފާއުގެ އެ ވާހަކަތަކާ ގުޅިގެން ދައުލަތުން ވިދާޅުވީ، މައްސަލަ ހިނގަމުންދާއިރު އުފަންވާ ހެއްކެއް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި އެ ހައްގު ހަނި ނުކުރެވޭނެ ކަމަށާއި މިދިޔަ އަހަރުގެ ފެބްރުއަރީ ދިހަވަނަ ދުވަހު ޕޯސްޓްމޯޓަމްގެ ޕްރިލިމިނަރީ ރިޕޯޓް ލިބުމުން ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ. ނަމަވެސް ޝިޔާމް ވިދާޅުވީ ތިން އަހަރު ވެގެންދާއިރު ވެސް ފުރިހަމަ ޕޯސްޓުމޯޓަމެއް ރިޕޯޓެއް ނުލިބުމަކީ، އާދައިގެ އިންސާނެއްގެ ބުއްދިން ވިސްނާ އިރު، ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ޕޯސްޓުމޯޓަމް ރިޕޯޓުގެ ޕްރިލިމިނަރީ ހެއްކެއްގެ ގޮތުގައި ބަލައިގަތުމާ މެދު ގޮތެއް ނިންމާނީ ދެން އޮންނަ އަޑުއެހުމެއްގައި ކަމަށް ޝަރީއަތުން ވަނީ ވިދާޅުވެފައެވެ.