ތިމާވެށި ހިމާޔަތް ކުރުމަށް ކުރާ އީޖާބީ މަސައްކަތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ "ފަސްޓް ޕޮލިސީ ރައުންޑް ޓޭބަލް އޮން މެރިން ލިޓާ ޕްރިވެންޝަން" އިފްތިތާހު ކުރުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ އޮޑިޓޯރިއަމްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ކުނީގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދުމުގައި ދިވެހިރާއްޖެއަށް ގިނަގުނަ ގޮންޖެހުންތަކެއް ހުރިކަމާއި އަދި މިކަން ހައްލުކުރުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާއެކު ކުނީގެ މައްސަލަ ހައްލެއް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުން ފަސްނުޖެހޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކަނޑުފަޅުގެ ސިއްހަތާއި ގުދުރަތީ ދިރުންތައް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކަނޑުފަޅުތައް ރައްކާތެރިކަމާއެކު ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ އިގްތިސޯދީ ސިޔާސަތުތައް ބަދަލުކޮށް ނޫ އިގްތިސާދެއްގެ ސިފަތައް އަށަގެންނެވުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތުގެ މައްޗަށް އަލިއަޅުއްވައިލައްވައިފައެވެ.

އެގޮތުން ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާކުރުމާއި ކުންޏާބެހޭ ގަވައިދުތައް އިސްލާހުކޮށް ކުނި އުފައްދާ ފަރާތުގެ މައްޗަށް އޮންނަ ޒިންމާ ބޮޑުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ކުންޏަކީ އޭގެން މަންފާ ލިބެނިވި އެއްޗަކަށް ހެދުމަށްޓަކައި ހަތަރު މަރުހަލާއަކަށް ބަހާލައިގެން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުނި ބެލެހެއްޓުން ލާމަރުކަޒީ ކުރެވި މުޅި ރާއްޖެއަށް އެކަން ފުޅާކުރެވިގެންދާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ މިފަދަ އީޖާބީ މަސައްކަތްތަކުން އުންމީދީ މަންޒަރުތަކެއް މިހާރު ފެންނަން ފަށާފައިވާ ކަމަށާއި އަދި މިއީ މުޖުތަމައެއްގެ ގޮތުގައި ކުރިއަށްދެވޭ މިސްރާބު ރަނގަޅުކަން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި ސިފަކުރައްވައި މިއަދުގެ ވަށްމޭޒު ބައްދަލުވުމުގެ ތެރެއިން މިފަދަ އިތުރު މަސައްކަތްތަކެއް ފެނިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

"ޕްރިވެންޝަން އޮފް މެރިން ލިޓާ އިން ދި ލަކްޝްވަދީޕް ސީ" ޕްރޮމިސް މަޝްރޫއަކީ ސްވިޗް އޭޝިއާ ޕްރޮގްރާމްގެ ދަށުން ލަކްޝްވަދީޕް ސަރަހައްދުގައި ހިމެނޭ އިންޑިއާ، ސްރީލަންކާ އަދި ދިވެހިރާއްޖޭގެ ގޮނޑުދޮށްތަކަށް ލައްގާ ކުނީގެ މިންވަރު މަދުކުރުމަށް ކަނޑުތަކަށް އެޅޭ ކުނި އުފެދޭ ތަންތަނަށް އަމާޒުކޮށް ކުރެވޭ މަސައްކަތެކެވެ.

އެގޮތުން މި ބާއްވާ ޕޮލިސީ ރައުންޑް ޓޭބަލް ބައްދަލުވުންތަކުގެ ތެރެއިން ކުންޏާބެހޭ ސިޔާސަތުތައް އެކަށައެޅުމަށް ހުށައެޅުންތައް ހުށައެޅިގެންދެއެވެ. ޕްރޮމިސް މަޝްރޫއަކީ ސްވިޗް އޭޝިއާ ޕްރޮގްރާމުގެ ދަށުން ހަތަރު އަހަރުގެ މުއްދަތަކަށް ވިލާތުގެ އިއްތިހާދުން ފަންޑުކޮށްގެން ހިންގޭ މަޝްރޫއެކެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީއާއެވެ.