ހިޔާ ފްލެޓްތަކުގެ އެއްމެދު ފްލެޓްތަކުން އުކާލާ ގާކުންޏާއި އެފަދަ އެހެނިހެން ކުނިތައް އުކުން ހުއްޓާލުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

އެކަމާ ގުޅޭގޮތުން އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހިޔާ ފްލެޓްތަކުގައި މަސައްކަތް ކުރަމުންގެންދާ ގޭބީސީ ތަކުން އުފެދޭ ގާކުނި އަދި އެފަދަ އެހެނިހެން ކުނި އުކާލަދިނުން 31 މާޗް 2022 އިން ފެށިގެން ހުއްޓާލަން ކަނޑައަޅާފައިވާ ކަމަށެވެ.

އަންނަ މަހުން ފެށިގެން ކުނި ޖަމާކުރުމަށް މިހާރު ކަނޑައަޅާފައިވާ ތަންތަނަށް ކުނި އެޅުމަކީ މަނާކަމެއް ކަމަށާއި އެޗްޑީސީން ކުނި އުކާލަދިނުން ހުއްޓާލުމުން އެފަދަ ކުނި އުކާލަން ޖެހޭނީ އެ ފްލެޓެއްގެ ވެރިފަރާތުން، ކުނި އުކާލުމަށް ހާއްސަވެފައިވާ މުއައްސަސާތަކާ ގުޅިގެން ކަމަށް އެޗްޑީސީގެ އިއުލާނުގައި ވަނީ ބުނެފައެވެ.

ފްލެޓް ތަކުގައި ދިރިއުޅޭ ފަރާތްތަކުން އެ ކަމަށް ސަމާލުވުމަށާއި ފްލެޓް ތަކުގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުން މި މަހުގެ ނިޔަލަށް އެޗްޑީސީން ކަނޑައަޅާފައި ހުރި ސަރަހައްދުތަކަށް ކުނި ޖަމާކުރަމުން ގެންދިއުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.

ހިޔާ 7000 ފްލެޓްގެ އެތެރޭގެ މަސައްކަތް ކުރުމުގެ އުސޫލާ އެއްގޮތަށް ފްލެޓް ތަކުގައި މަސައްކަތް ކުރާ ގޭބީސީ ތަކުން އުފެދޭ ގާކުނި އަދި އެފަދަ އެހިނިހެން ކުނި އުކުމަށް ސަރަހައްދުތަކެއް ކަނޑައަޅައި އެފަދަ ކުނިތައް އުކާލުމުގެ އިންތިޒާމު ބަލަހައްޓަމުން އަންނަނީ އެޗްޑީސީންނެވެ.