ހުޅުމާލެ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ކުރިއަށްގެންދާ "އެއްގެއިން އަނެއްގެއަށް" ކެމްޕޭން މިއަދު އިފްތިތާހުކޮށްފިއެވެ.

އެޗްޑީސީން މިއަދު ބުނީ އެ ކެމްޕޭނަކީ، ވޯލްޑް ރިސައިކްލިން ޑޭއާ ގުޅުވައިގެން އެއްފަހަރު ބޭނުންކޮށްފައިވާ ތަކެތި އުކާލުމުގެ ބަދަލުގައި ދެވަނަ ފަހަރު ބޭނުންކުރުމުގެ އާދަ ދިވެހިންގެ މެދުގައި އާލާކުރުމަށް ކުރިއަށްގެންދާ ކެމްޕޭނެއް ކަމަށެވެ.

އެގޮތުން ގޭތެރޭގައި ބޭނުންކުރާ ތަކެއްޗާއި ފަރުނީޗަރު އުކާލުމުގެ ބަދަލުގައި ބޭނުން ޖެހިފައިވާ ފަރާތްތަކަށް އެތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އަންނަ ބުރާސްފަތި ދުވަހުގެ 2:00 އިން ހޮނިހިރު ދުވަހުގެ 2:00 ގެ ނިޔަލަށް ހުޅުމާލެ ރުއްގަނޑު އެކެއް އަދި ރުއްގަނޑު ދޭއް ސަރަހައްދުގައި ގޭގެއިން ތަކެތި ބެހެއްޓުމާއި، އަދި އެތަކެތި ބަލައި އަންނަ ފަރާތްތަކަށް ހަވާލުކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

"އެއްގެއިން އަނެއްގެއަށް" ކެމްޕޭނުގެ ދަށުން ބަލައިގަނެވޭނީ އިލެކްޓްރޯނިކް ސާމާނު، ފަރުނީޗަރު އަދި ބަދިގޭގައާއި ގޭތެރޭގައި ބޭނުންކުރެވޭ ފަދަ ތަކެއްޗެވެ. އެފަދަ ތަކެތި ގެނައުމާއި ގެންދިއުމުގެ އިންތިޒާމު ހަމަޖެއްސުމަކީ އެ ފަރާތްތަކުގެ އަމިއްލަ ޒިންމާއެއް ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ، ކާބޯތަކެއްޗާއި ކުނިވާ ޒާތުގެ ތަކެތި ގެނައުމަކީ މަނާ ކަމެއް ކަމަށާއި ކެމްޕޭނުގެ ދަށުން ގެނެވޭ ތަކެތި ބޭނުންކޮށްގެން އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ހިންގުމަކީ މަނާ ކަމެއް ކަމަށެވެ.