ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރުގެ މައްޗަށް ތުހުމަތުކުރާ ގެވެށި އަނިޔާގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ، އެ މައްސަލަ މިދިޔަ ހުކުރު ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
މެންބަރު ޒަރީރަށް ގެވެށި އަނިޔާގެ ތުހުމަތުކޮށް އޭނާގެ ކުރީގެ އަނބިކަނބަލުން ފާތިމަތު ޝަޒްރާ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޒަރީރުއާ ކައިވެނިކޮށްގެން ހޭދަކުރެއްވި 17 އަހަރުގެ ތެރޭގައި ތަކުރާރުކޮށް ގެވެށި އަނިޔާކޮށްފައިވާ ކަމަށާއި ވަރިކުރި ފަހުން އޭނާގެ ދިރިއުޅުމަށް ނުފޫޒު ފޯރުވާ ހެއްދެވި ކަމަށެވެ. އެ ހުރިހާ ދުވަހެއް ވަންދެން ހިތްދަތިކަން ފޮރުވައިގެން ހުންނެވީ ކަމަށާއި އެއީ ދިރިއުޅުމުގައި ހެދުނު ވަރަށް ބޮޑު ގޯހެއް ކަމުގައި ޝަޒްރާ ވިދާޅުވެފައިވެއެވެ.
"އަބަދުވެސް އެދުނީ މަނިކުފާނު ދިރިއުޅެފައި އަޅުގަނޑަށް ދިރިއުޅުނަ ދޭށޭ. އެއްކޮށް އުޅުނު ދުވަސްތަކުގައި އާއިލާ މީހުން ކުރިމަތީ އާއި ރައްޓެހިން ކުރިމަތީ މަނިކުފާނު ކުރަމުން ދިޔަ ވާބަލް އަދި ފިޒިކަލް އެބިއުސް (ރޭޕް، ޑޮމެސްޓިކް ވަޔަލެންސް) މި ހުރިހާ ކަމަކަށް މާފު ކުރުމަށްފަހު، އަޅުގަނޑު ދިރިއުޅެން ފެށީ މި ދުނިޔެ މިއީ ކުޑަކުޑަ ހިނދުކޮޅެއްގެ ތަނެއްކަން އެނގޭތީ،" ޝަޒްރާ ވިދާޅުވެފައިވެއެވެ.
ޝަޒްރާ ވިދާވެފައިވާ ގޮތުގައި، އޭނާއާ ދިރިއުޅުމެއް ފެށީ ރީތި ދިރިއުޅުމެއް ހޯދުމުގެ މަގުސަދުގައި ކަމަށާއި އެނބުރި ޒަރީރުގެ ހަޔާތަށް ދެން ނުދާނެ ކަމަށެވެ. ޒަރީރުގެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވީ ޒަރީރުގެ އުނދަގުލާ ހެދި ކަމަށާއި ދުނިޔޭގެ އިނގިލިތަކަށް ލަދުން އަދި ޒަރީރުގެ "ސިޔާސަކަން" ދެން އެއްގޮތަކަށްވެސް "ޓޮލަރޭޓް" ނުކުރާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ޝަޒްރާ ވިދާޅުވީީ، ޒަރީރު ކުރި ކަންތައްތަކަށް މައާފު ކުރުމުން ވެސް ނުވިސްނިގެން، ކެތްތެރިކަން އިމްތިހާނު ކުރަމުން ދިޔައިރު ވެސް ހިތްވަރާއެކު ކެތް ކުރީ "ކަތިވަޅި ގެއްލި، މަރިޔަނބު ގެއްލުމަކީ" ޒަރީރަށް ވަރަށް އަސަރު ކުރާނެ ކަމެއް ކަމަށް އޭނގޭތީ ކަމަށެވެ. އެހެން ނަމަވެސް މިހާރު އެހެން މީހަކާ ކައިވެނި ކުރީ ފަށްކަނޑަން ވެގެން ނޫން ކަމަށެވެ.
ކޮންމެ ދުއާއެއްގައި ޒަރީރު އޭނާގެ ދިރިއުޅުމަށް ނުލެއްވުން އެދި ދުއާ ކުރާ ކަމަށާއި ޒަރީރު ކޮށްފައި ހުރި އަނިޔާއަށް ކެތްތެރިވެގެން ކުދިންނަށްޓަކައި ދިރިއުޅެމުން އައީ އޭނާއަށް ހެދުނު ގޯހަކުން ކަމަށް ވެސް ޝަޒްރާ ވަނީ ވިދާޅުވެފައެވެ.
އެ ތުހުމަތުތަކާ ގުޅިގެން މަޖިލިސް ލެޓާހެޑުގައި މިދިޔަ ހުކުރު ދުވަހު ޒަރީރު ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ، އޭނާއާ ގުޅުވައިގެން ދައްކާ ވާހަކަތަކަކީ، ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ޝަޒްރާ އާއި އޭނާގެ މިހާރުގެ ފިރިމީހާ ދިރިއުޅޭ ގެއަށް ގޮސް، އެމީހުން ގެއިން ނެރުމުން "ސީން" ބަދަލު ކޮށްލަން ވެގެން ދައްކާ ވާހަކަތަކެއް ކަމަށެވެ.
ޒަރީރު ވިދާޅުވީ، ޝަޒްރާ މިހާރު ކައިވެނިކޮށްގެން އުޅޭ ފިރިހެން މީހާ ކުދިން އުޅޭ އެޕާޓްމެންޓްގައި ނިދަން އޭނާގެ އަންހެން ދަރިފުޅު ހިތްހަމަ ނުޖެހޭ ކަމަށާއި އެޕާޓްމެންޓުގައި ޝަޒްރާއާއި އޭނާގެ ފިރިމީހާ ނިދައި ކައިބޮއި ހަދާތާ އެތައް މަހެއް ވެއްޖެ ކަމަށެވެ. އެހެން ނަމަވެސް ހުރިހާ ހަރަދެއް ކުރަނީ އޭނާ ކަމަށް ޒަރީރު ވިދާޅުވިއެވެ.
"އެންމެ ދޮށީ އަންހެން ދަރިފުޅުގެ ގައިގައި ޖަހައި އަނިޔާކޮށް ހަދާތީ ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ބޭފުޅުން ގޮސް ކުއްޖާގެ ދޮން ބައްޕަ ގެއިން ނެރެލީ. އެހެންވެ އެކަމާ ވިއްދައިގެން މުޅި ސީން އެހެން ގޮތަކަށް ބަދަލު ކޮށްލަންވެގެން ޖައްސާ ގޭމެއް،" ޒަރީރު ވިދާޅުވެފައިވެއެވެ.
ދަރިންގެ ހުރިހާ ހަރަދެއް ކުރަނީ އޭނާ ކަމަށާއި، ޝަޒްރާ މަސައްކަތްކުރަނީ ދަރިންނާއި ދޮންބައްޕައާ އެކުދިންގެ އަސްލު ބައްޕައަށްވުރެ ގާތް ގުޅުމެއް އުފައްދަން ކަމަށްވެސް ޒަރީރު ވިދާޅުވެފައިވެއެވެ. ނަމަވެސް އެކަމާ އެންމެ ދޮށީ ދަރި ހިތްހަމަ ނުޖެހިގެން އެ ވާހަކަތައް ދައްކައި ހަދާ ކަމަށް ޒަރީރު ވިދާޅުވެފައިވެއެވެ. ދޮންބައްޕަގެ ފަރާތުން އަސްލު ބައްޕަގެ އިހުސާސް ނުވާ ވަހަކަ ދޮށީ ދަރިފުޅު ޝަޒްރާ ކައިރީ ބުނުމުން ޝަޒްރާ އާއި އޭނާގެ ފިރިމީހާ ވެގެން ދަރިފުޅު ގައިގައި ތަޅައި އަނިޔާކުރާ ކަމަށްވެސް ޒަރީރު ވަނީ ތުހުމަތުކުރައްވައިފައެވެ.
އެގޮތަށް ދަރިފުޅަށް އަނިޔާކުރަން ފެށުމުން އެކަން ނުކުރުމަށް އެދުނު ކަމަށާއި ނަމަވެސް އެ ދެމަފިރިން ދިޔައީ ދަރިފުޅަށް އަނިޔާކުރަމުން ކަމަށް ވުމުން އެ މައްސަލަ ފުލުހަށާއި ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާނެ ކަމަށް ޒަރީރު ވިދާޅުވިއެވެ.
މީގެ އިތުރުން ޒަރީރު ވިދާޅުވީ، ޝަޒްރާ ހިއްސާ ކޮށްފައިވާ ވީޑިއޯއަކީ ވެސް މީގެ އެތައް އަހަރެއް ކުރިން ގޭގައި ހިނގާފައިވާ ޒުވަބެއްގެ އެއްބައި ލައިގެން އޭނާ ބަދުނާމު ކުރަން ވެގެން ހިއްސާ ކޮށްފައިވާ ވީޑިއޯއެއް ކަމަށާއި ހަގީގަތަކީ ޝަޒްރާ މަސައްކަތް ކުރަމުން ދިޔައީ ދަރިފުޅަށް ކުރަމުން ގެންދިޔަ އަނިޔާ ޖެންޑާގެ ސަމާލުކަމަށް ގެނައުމުން އެކަމުގެ ހަގީގަތް އޮޅުވައިލަން ކަމަށް ޒަރީރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު