ކެއާ ސޮސައީިޓީގެ ވޮކޭޝަނަލް ޓްރޭނިން ޔުނިޓުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހިންގާ ޕްރޮގްރާމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ.

ދިރާގުގެ ޑައިރެކްޓާ ކޯޕަރޭޓްސް އާތިފާ އަލީ ވިދާޅުވީ، ދިރާގަކީ އަބަދުވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިން މުޖުތަމައުގައި ބައިވެރިކުރުވުމަށް މަސައްކަތްކުރާ ކުންފުންޏެއް ކަމަށާއި ދިރާގުން ބޭނުންވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަފާތުކުރުން ނައްތާލެވިފައިވާ މުޖުތަމައެއް ބިނާކުރަން ކަމަށެވެ. އަދި އެކަން ކުރެވޭނީ ނުކުޅެދުންތެރިކަން ހުންނަ ކުދިން މުޖުތަމައުގައި ބައިވެރިކޮށްގެން ކަމަށް އާތިފާ ވިދާޅުވިއެވެ.

ކެއާ ސޮސައިޓީން ނުކުޅެދުންތެރިކަން ހުންނަ ކުދިން މުޖުތަމައުގައި ބައިވެރިކުރުވުމަށް ކުރިއަށްގެންދާ ޕްރޮގްރާމުތައް ފާހަގަކުރައްވައި، އާތީފާ ވަނީ އެކަމަށް ޝުކުރު އަދާކުރައްވައިފައެވެ.

ކެއާ ސޮސައިޓީގެ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ، ކެއާ ސޮސައިޓީން ކުރާ ކޮންމެ މަސައްކަތަކަށް އެންމެ ބޮޑަށް އެއްބާރުލުން ލިބެނީ ދިރާގުގެ ފަރާތުން ކަމަށާއި އެކަމަށްޓަކައި ދިރާގަށް ޝުކުރު އަދާކުރާ ކަމަށެވެ.

ދިރާގަކީ އަބަދުވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ރަނގަޅުގޮތް ހޯދައިދިނުމަށް މަސައްކަތްކުރާ ކުންފުންޏެއް ކަމަށާއި ދިރާގާއި ކެއާ ސޮސައިޓީ ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ކުދިން މުޖުތަމައުގައި މިހާރަށްވުރެ ބޮޑަށް ބައިވެރިކުރުވައި އެކުދިންގެ ދައުރު މުޖުތަމައުގައި ބާރުގަދަކުރެވޭނެ ކަމަށް އާތިފް ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ކެއާ ސޮސައިޓީން ކުރިއަށްގެންދާ ޕްރޮގްރާމުގައި އާޓް އެންޑް ކްރާފްޓް ދަސްކޮށްދިނުން، ފަހަން ދަސްކޮށްދޭ ކޯސް އަދި ބޭސިކް ކޮމްޕިއުޓާ ސްކިލްސް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ކެއާ ސޮސައިޓީން ވަނީ މިދިޔަ އަހަރު ވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެފަދަ ޕްރޮގްރާމުތަކެއް ހިންގައިފައެވެ. އެފަހަރު ނުކުޅެދުންތެރިކަން ހުންނަ 12 ކުއްޖަކު ވަނީ އެ ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.

ކެއާ ސޮސައިޓީން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން ވޮކޭޝަނަލް ޓްރޭނިން ޔުނިޓެއް ގާއިމުކުރީ 2018 ވަނަ އަހަރުއެވެ. އެ އަހަރުން ފެށިގެން ދިރާގުން އަންނަނީ ހުއްޓުމެއްނެތި ކެއާ ސޮސައިޓީން ހިންގާ ޕްރޮގްރާމުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.