ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން ސްރީލަންކާގެ ރަތުމަލާނަ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ފަށަން ނިންމާފައިވާ އިރު ދަތުރުތަކަށް ލިބޭ ތަރުހީބު ރަނގަޅުކަމަށް އެ އެއާލައިނުން ބުނެފިއެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޖެނިފާ ލަތީފު "ވަން" އަށް މިއަދު ވިދާޅުވީ، ލަންކާގެ ރަތުމަލާނަ އިންޓަނޭޝަނަލް އެއާޕޯޓަށް ފަށަން ނިންމާފައިވާ ޝެޑިއުލް ދަތުރުތަކަށް ދިވެހިންގެ ފަރާތުން ލިބިފައިވާ ތަރުހީބު ރަނގަޅު ކަމަށާއި މި ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތަކުގެ ތެރެއިން ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި އެކަމަށް ހާއްސަ އިވެންޓެއްވެސް ބާއްވާފައި ވާނެ ކަމަށެވެ.

އެ އިވެންޓަށްވެސް ދިވެހިންގެ ފަރާތުން ލިބުނު ތަރުހީބު ވަރަށް ރަނގަޅުކަމަށް ޖެނިފާ ފާހަގަ ކުރެއްވިއެވެ. ޖެނިފާ އިތުރަށް ވިދާޅުވީ ލަންކާ ދަތުރުތަކަށް ލިބޭ ތަރުހީބު ރަނގަޅު ނަމަވެސް ރޯދަމަހަކީ ދިވެހިން އާއްމުކޮށް ދަތުރުކޮށް އުޅޭ މަހަކަށް ނުވާތީ ރޯދަ މަހާ ދިމާކޮށް އެ ދަތުރުތައް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

"ރޯދަމަހަށް ދަތުރުތައް މެދުކަނޑާލަނީ. އެއީ އާންމުކޮށް ރޯދައަށް ދިވެހިން ތިބޭނީ ދާ ތަންތަނަށް ގޮސް މަޑުކޮށްލައިގެން. ވަރަށް ޓްރެވެލް ނުކުރާނެ." ޖެނިފާ ވިދާޅުވިއެވެ.

ލަންކާގައި ދިވެހިން އެންމެ ގިނައިން ދިރިއުޅޭ ސަރަހައްދުތަކާ އެންމެ ކައިރީގައި އޮންނަ ރަތުމަލާނާ އެއާޕޯޓަށް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފަށަން ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހު އެވެ. އަދި މި މަހުގެ 29 އަދި 31 ގައިވެސް ދަތުރުތައް ވަނީ ޝެޑިއުލް ކޮށްފައެވެ.

ޖެނިފާ ވިދާޅުވީ ލަންކާ ދަތުރުތައް ރޯދައަށް މެދުކަނޑާލި ނަމަވެސް ރޯދަ ނިމިގެން ދަތުރުތައް އަލުން ފަށާނެ ކަމަށެވެ.