އިސްލާމީ މަރުކަޒުގެ އިމާމު ޗުއްޓީ ނެންގެވުމުން ޑިއުޓީ ތާވަލު އޮޅިގެން ރޭ ފަތިސް ނަމާދު ބަންގި އެ މިސްކިތުގައި ގޮވާފައި ނުވާކަން އެނގިއްޖެއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މާލޭގެ އެހެން މިސްކިތްތަކުން ރޭ ފަތިސް ނަމާދަށް ބަންގި ގޮވި އިރު، އިސްލާމީ މަރުކަޒުން ބަންގި ގޮވައިފައެއް ނުވެއެވެ. އަދި އެ މިސްކިތުގައި އިމާމު ނެތުމުން، އިމާމުވެ ފަތިސް ނަމާދުކޮށްފައިވަނީ މިސްކިތައް ނަމާދަށް އެރި އާންމުންގެ ތެރެއިން މީހެކެވެ.

މައުލޫމާތު އެނގޭ ފަރާތަކުން "ވަން" އަށް ބުނީ، ފަތިސް ނަމާދުގެ ބަންގި އިސްލާމީ މަރުކަޒުގައި ރޭ ގޮވާފައި ނުވަނީ އެ މިސްކިތުގެ އިމާމު ޗުއްޓީގައި ހުރުމުން ޑިއުޓީ ތާވަލަށް އެރި އޮޅުމެއްގެ ސަބަބުން ކަމަށެވެ.

މިކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީގެ ބަހެއް ހޯދުމަށް "ވަން" އިން އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްލާއިލް އަފްރާހަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެ މިނިސްޓްރީގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.