ކްރިމިނަލް ކޯޓް

ނިހާން މައްސަލައިގެ އަޑުއެހުން ކެންސަލްކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް ކުރާ ދައުވާތާކުގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.

ކުރިމިނަލް ކޯޓުން ބުނީ މިއަދުގެ އަޑުއެހުން ކެންސަލް ކުރީ ދައުލަތުން އެދިގެން ކަމަށެވެ. ނަމަވެސް ސަބަބެއް ނުބުނެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ނިހާނުގެ މައްޗަށް ދައުލަތުން ވަނީ ހަ ދައުވާގެ ކޮށްފައެވެ. އެއީ ރިޝްވަތު ހިފުގެ ތިން ދައުވާ، ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދެ ދައުވާގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާއެކެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ ނިހާންއަށް 36 އަހަރުގެ ޖަލު ހުކުމެއް އަންނާއެވެ.

ނިހާނު މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ ހުސްވި ފެބްރުއަރީމަހުގެ 16 ގައެވެ.

އެދުވަހުގެ ޝަރީއަތުގައި ރައީސް ސޯލިހު އާއި ނައިބުރައީސް ފައިސަލް ނަސީމްގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމުގެ ނަމާއި ރައްޔިތުން މަޖިލީހުގެ މިހާރާއި ކުރީގެ މެންބަރުންގެ ނަންތަކެއް ނިހާން ވަނީ ހެކީގެ ގޮތުގައި ހުށަހަޅައިފައެވެ.

ރައީސް ސޯލިހު އާއި ފައިސަލް ނަސީމަކީ ނިހާން އޭރު މުގައްރިރުކަން ކުރެއްވި ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ދެ މެންބަރުންނެވެ. އިތުރު ހެކިވެރިންގެ ގޮތުގައި ހުށަހަޅާފައިވަނީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު، މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ތޯރިގު، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު އަދި ވިލުފުށި ދާއިރާގެ ކުރީގެ މެންބަރު ރިޔާޒު ރަޝީދުއެވެ.

މަހުލޫފު އާއި ޝަމީމުގެ ނަން ނިހާން ހެކިވެރިންގެ ގޮތުގައި ހުށަހެޅީ އަދީބުގެ ފޯނުންނާއި ލެޕްޓޮޕުން ހޯދި މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރު ނުވާކަމާއި އެ މައްސަލައިގެ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ނުވާކަން ސާބިތުކުރުމަށެވެ. ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ނުވާނަމަ ދައުލަތުން ނިހާންގެ މައްޗަށް ކުށް ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިތައް ކޯޓުން ބަލައިގަތުމުގެ ފުރުސަތު ވަރަށް ހަނިވާނެއެވެ.

މަޖިލީހުގެ ތިން މެންބަރުންގެ ނަން ހުށަހަޅާފައިވަނީ މަޖިލީހުގައި ކަންތައްތައް ކުރާ ގޮތާއި ޕީޕީއެމްގެ ޕީޖީ ގުރޫޕުގައި ކަންތައްތައް ނިންމާ ގޮތް ސާފުކޮށްދިނުމަށެވެ.

އެދުވަހުގެ އަޑުއެހުން ނިންމަވައިލެއްވީ ދައުލަތަށާއި ދިފާއަށް ކިތާބީ ހެކި ހުށަހެޅުމަށް 15 ދުވަހުގެ މުއްދަތެއް ދިނުމަށްފަހުއެވެ. އެހެންކަމުން މިއަދު ކުރިއަށް ގެންދަން އޮތީ، ދެ ފަރާތުން ހުށަހަޅާ ހެކިތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމާއި ހެކިތަކަށް ރައްދު ދިނުމުގެ މަރުހަލާއެވެ.

މި މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމް އެވެ.

ނިހާން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރުގެ މަގާމުގައި ހުންނެވި އިރު، އޭނާގެ މަގާމުގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުގާބިލުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގާތު ރިޝްވަތަށް އެދި، އަދި އަދީބު ދީފައިވާ ރިޝްވަތު ހިފައި ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި އެ ފައިސާ ބޭނުންކޮށްފައިވާ ކަން ތަހުގީގަށް ހޯދިފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ މީގެ ކުރިން ބުނެފައެވެ.

ޕީޖީން ބުނެފައި ވަނީ، ނިހާން މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން، އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަދީބު މެދުވެރިވެގެން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން 150،000 އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެ، އެ ފައިސާ އާއި އެހެން ފައިސާ އެއްކުރުމަށްފަހު ޕްލެޓިނަމް ރެޒިޑަންސް އިން ފްލެޓެއް ގަނެފައިވާ ކަމަށެވެ.

އޭގެ އިތުރުން 2014 ވަނަ އަހަރު ޕީޖީގެ މަގާމަށް މީހަކު އައްޔަން ކުރުމަށާއި ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަން ކުރާ މެންބަރު ހޮވުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑުގެ ގަޑިއެއް ދިނުމަށް އަދީބު ގާތުގައި އެދުމުން، މ. ވިލާދަށުގެ/ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) މެދުވެރިކޮށް އަދީބު ދިން ގަޑި ބަލައިގަނެފައިވާ ކަމަށް ވެސް ޕީޖީން ބުންޏެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނެފައިވަނީ، ނިހާން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުންނެވި އިރު، އޭނާގެ މެންބަރުކަމުގެ ހައިސިއްޔަތުން އަދާކުރެއްވި މަސްއޫލިއްޔަތުތައް އަދީބު އަންގާ ގޮތަށް އަދާކުރުމުގެ މުގާބިލުގައި 650،000 ރުފިޔާ ދިނުމަށް އަދީބު ގާތު އެދިފައިވާ ކަމަށާއި އަދި އެ ފައިސާ ދިނުމުން އެ ފައިސާ ހިފާފައިވާ ކަމަށެވެ.