އިސްލާމިކް މިނިސްޓްރީން، މުދަލު ޒަކާތުގެ ނިސާބު ބޮޑުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިސާބަކީ 7241.15 ރުފިޔާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ކޮންމެ ހަމަހަކުން މުދަލު ޒަކާތް ވާޖިބުވާ ނިސާބު ކަނޑައަޅައި އާންމުކުރާ އިރު، މިނިސްޓްރީން މުދަލު ޒަކާތުގެ ނިސާބު އެންމެފަހުން ކަނޑައެޅީ ހުސްވި އަހަރުގެ އޮގަސްޓް 20 ގައެވެ. އެފަހަރު ކަނޑައެޅި އަގަކީ 6878.20 ރުފިޔާއެވެ.

އިސްލާމިކް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުން، ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. އަދި އިލްމުވެރިން ވިދާޅުވާ ގޮތުގައި ރާއްޖެފަދަ ގައުމުތަކުގައި ޒަކާތުގެ ނިސާބު ކަނޑައަޅުމުގައި ފަގީރުންނަށް އެންމެ ރަނގަޅު ގޮތަކީ ރިހީގެ އަގަށް ބިނާކޮށް ޒަކާތުގެ ނިސާބު ކަނޑައެޅުން ކަމަށް ބުނެފައިވެއެވެ.

އެގޮތުން ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދާއެވެ. ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ ސެންޓްރަލް ބޭންކް، އެމްއެމްއޭ އިންނެވެ.

ޒަކާތް ދިނުމަކީ ދީނުގެ ފަރުލު ތަކުގެ ތެރެއިންވާ ފަރުޟެކެވެ. އަދި އެއީ ދީނުގެ ފަސްރުކުނުގެ ތެރެއިން ތިންވަނަ ރުކުނެވެ.

ބަހުގެ ގޮތުން ޒަކާތަކީ ތާހިރުކަމާއި އިތުރުވެ ގިނަވުމެވެ. ޝަރުއީ ގޮތުން ބަލާނަމަ އެއީ ކަނޑައެޅިފައިވާ ވަކި ބާވަތްތަކެއްގެ މުދަލަކުން ޝަރުއީ ގޮތުން ނެރުން ވާޖިބުވާ މިންވަރެއް ނެރެ، ކަނޑައެޅިފައިވާ ވަކި ހާއްސަ ބަޔަކަށް ނުވަތަ ފަރާތަކާ ހަވާލުކޮށްގެން ﷲ ތައާލާއަށް އަޅުވެތިވުމެވެ. އެހެންކަމުން ޒަކާތް ދެއްކުމުގެ ޝަރުތު ފުރިހަމަވާ ކޮންމެ މުސްލިމަކު ޒަކާތް ދެއްކުމަކީ ވާޖިބެކެވެ.