އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ ކުޅުނު މެޗުގައި ޗެލްސީން މިޑްލްސްބްރާ ބަލިކޮށްފިއެވެ.

ރޭ މިޑްލްސްބްރާގެ ދަނޑުގައި ކުޅުނު މެޗު ޗެލްސީން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި ޗެލްސީގެ ގޯލުތައް ޖަހައިދިނީ ރޮމެލޫ ލުކާކޫގެ އިތުރުން ހަކިމް ޒިޔެޗެވެ.

ޔޫކްރެއިނާއި ރަޝިއާ ހަނގުރާމައިގެ މައްސަލައިގައި ޗެލްސީގެ ވެރިޔާ، ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗަށް ބޮޑެތި ފިޔަވަޅުތަކެއް އަޅާފައި އޮތް ނަމަވެސް ޗެލްސީން އަންނަނީ ދަނޑުމަތީގައި ނަތީތައް ނެރެމުންނެވެ. މިދިޔަ ހަފުތާ ތެރޭގައި ކުޅުނު ޗެމްޕިއަންސް ލީގު މެޗުގައި ލިލް ބަލިކޮށް ޗެލްސީން މިހާރު އޮތީ ޗެމްޕިއަންސް ލީގުގެވެސް ކުއާޓާ ފައިނަލްގައެވެ.

މިދިޔަ ދެ އަހަރުގެ އެފްއޭ ކަޕް ފައިނަލްގައި ޗެލްސީން ކުޅެފައިވީ ނަމަވެސް އެ ދެ ފަހަރުވެސް ފައިނަލްގައި ވީ ބައްޔެވެ. ފްރޭންކް ލަމްޕާޑްގެ ކޯޗުކަމުގައި އާސެނަލް އަތުން ބަލިވިއިރު، މިހާރު ހުރި ތޯމަސް ޓުޗެލްގެ ޗެލްސީ މިދިޔަ އަހަރުގެ ފައިނަލުގައި ބަލިކުރީ ލެސްޓާ ސިޓީއެވެ.

ރޭގެ މެޗުގެ 15 ވަނަ މިނިޓުގައި މޭސަން މައުންޓް އަރިމަތިން ނަގައިދިން ހުރަހަކުން ލުކާކޫ ގޯލު ޖެހިއެވެ. އެއީ ސީޒަންގައި ލުކާކޫ ޖެހި 12 ވަނަ ގޯލެވެ.

ޗެލްސީން ހާފު ނިންމާލީ އިތުރު ގޯލަކާވެސް އެކުގައެވެ. މެޗުގެ 31 ވަނަ މިނިޓްގައި އެ ގޯލު ޖަހައިދިނީ ޒިޔެޗްއެވެ. އަރިމަތިން ކުރިއަށް ޖެހި އޭރިއާ ބޭރުން ޒިޔެޗް ފޮނުވާލި ބާރު ހަމަލާ އަމާޒުކޮށްލީ ގޯލުގެ ތިރީ ކަނަށެވެ.

ދެވަނަ ހާފަށް ނުކުމެވެސް ރަނގަޅަށް ކުޅުނު ޗެލްސީއަށް ލީޑު ފުޅާކުރަން އެންމެ ހުސް ފުރުސަތެއް ލިބުނީ ޓީމޯ ވާނާއަށެވެ. އަރިމަތިން ނަގައިދިން ހިލޭ ޖެހުމަކަށް އަރައި ވާނާ ބޮލުން ޖެހި ބޯޅަ މަތަކޮށް ބޭރުކޮށްލީ މިޑްލްސްބްރާގެ ގޯލްކީޕަރެވެ.

އެފްއޭ ކަޕްގެ ސެމީގެ ބާކީ ތިން ޖާގަ ކަށަވަރުވާނީ މިރޭގެ މެޗުތަކަށް ފަހުއެވެ. މިރޭ ކުޅޭ ކުއާޓާ ފައިނަލުގެ ތިން މެޗަށް ބަލާއިރު، ކްރިސްޓަލް ޕެލަސް ކުޅޭނީ އެވަޓަންއާ ދެކޮޅަށެވެ. ސައުތެމްޓަން ދަނޑުގައި މެންޗެސްޓާ ސިޓީ ކުޅޭއިރު، ލިވަޕޫލުން ރަށުންބޭރުގައި ބައްދަލުކުރާނީ ނޮޓިންހަމް ފޮރެސްޓްއާ ދެކޮޅަށެވެ.